އެމްއެންޑީއެފް

ބޯޓު އަޑިއަށް، ކަނޑުވި މީހުން ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުންދިޔަ އެމް ސަވާރީ ބޯޓު އަޑިއަށް ގޮސްފައިވާއިރު ބޯޓުން ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބާ އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފި އެވެ.

މާލެ އިން ވ. އަތޮޅަށް ދަތުރުކުރުމަށް އެ ބޯޓު މާލެއިން ފުރީ ރޭ ދަންވަރު 1:30ގަ އެވެ. ބޯޓުގެ ހަބަރެއް ނުވެގެން ހޯދަން ފެށީ މިއަދު ހެނދުނު އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެމް ސަވާރީ ބޯޓުން ދަތުރުކުރި މީހުން ފެނިފައިވަނީ އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓަށެވެ.

އެ މީހުން ކޯސްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ބޯޓުގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ހާމަކުރި ޗާޓުން ދައްކާ ގޮތުން ބޯޓުން ދަތުރުކުރި މީހުން ފެނިފައިވަނީ ބޯޓު އަޑިއަށް ދިޔަ ސަރަހައްދާ ވަރަށް ދުރުންނެވެ.

ކަނޑުމަތީގެ ހާދިސާއެއް ހިނގާ ބޯޓެއް އަޑިއަށް ގޮސްފައިވާއިރު ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކަށް އިއްޔެ ހުޅަނގު މޫސުން ފެށިފައިވާއިރު މެދު ރާއްޖެއަށް ތެރެއަށް މިއަދު ފެށިފައިވާ ކަމަށެވެ. އަދި މެއި މަސް ނިމޭއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް މިމަހުގެ ތެރޭގައި މުޅި ރާއްޖެއަށް ހުޅަނގު މޫސުގެ ދުވަސްތައް ކުރިމަތިވާނެ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދެކުނުގެ އަތޮޅުތަކަށާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ އެވެ.

ކުރިއަށް މިއޮތް ދެ ދުވަހު ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލު ބާރު މިނުގައި އަދި މޫސުން އެންމެ ގޯސްވާ ވަގުތު ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދު ބާރުމިނުގައި ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.