ކަނޑުމަތީގެ ހާދިސާ

ހުވަދޫ ކަނޑުގައި ބޯޓެއް ދިޔަވަނީ

ހުވަދޫ ކަނޑުގައި ބޯޓެއް ދިޔަވަމުންދާ ކަމަށް އެމްއެންޑިއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިޔަވަމުންދަނީ "އަލަމާ" ނަމަކަށް ކިޔާ ބޯޓެއް ކަމަަށެވެ. މި ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް އަދި ސާފު ނުވާ ކަމަށާއި ބޯޓުގައި ތިބި މީހުންގެ ހާލުވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ އެމްއެންޑީއެފްގެ ސަދާން އޭރިއާ ކޯސްޓް ގާޑުން މިހާރު އެ ސަރަހައްދަށް ދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް ލިބޭނީ އެމްއެންޑީއެފްގެ ސިފައިން އެ ސަރަހައްދަށް ދިއުމުން ކަމަށްވެސް ވިދާޅުވި އެވެ.

މެޓް އޮފީހުން މިއަދު ވަނީ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އަދި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށްވެސް އެދިފައިވެ އެވެ.

ފަހަކަށް އައިސް ބޯޓު ދިޔަވާ ހާދިސާތައް ދަނީ ގިނަވަމުންނެވެ. ހާއްސަކޮށް މޫސުން ގޯސް ދުވަސްވަރު އެފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގަ އެވެ. ވަރަށް ފަހުން ވެސް ވަނީ ސަފާރީއެއް ދިޔަވި ހާދިސާއެއްގައި ބިދޭސީ އަކު މަރުވެފަ އެވެ.