އެމްއެންޑީއެފް

މާލޭގައި ފެން ބޮޑުވެއްޖެ، ސިފައިން ފެން ހިންދަން ނިކުމެއްޖެ

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރުއެސް) އިން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ސިފައިންގެ އިން ބުނީ މިއަދު ހަވީރު 5:30 އިން ފެށިގެން ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެޖް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ޕަންޕު ބަހައްޓައިގެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އައިޖީއެމްއެޗް ސަރަހައްދުގައި ވެސް ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އެފްއާރުއެސްގެ ސިފައިން ކުރަމުންދާ ކަމަށެވެ.

މިއަދު މެންދުރު ފަހުން ފެށިގެން މާލެއަށް ހުއްޓާ ނުލާ ދަނީ ވާރޭވެހެމުންނެވެ. މިހާރު ވައިވެސް ވަރަށް ގަދައެވެ. އެހާ ގިނައިރު ވާރޭވެހުމުން މާލޭގެ ވަރަށް ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެ އާންމު ދިރިއުޅުމަށް ބުރޫ އަރާފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެ މުޅި ރާއްޖެއަަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ. މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މާދަމާ މެންދުރު ފަހާއި ހަމައަށެވެ. އެ އޮފީހުން ދެންމެ ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވައި ވަރަަށް ގަދަވާނެ ކަމަށެވެ.

ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މެޓް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތަރު/ފަސް ދުވަހު މޫސުން ގޯސްވާނެ އެވެ. މޫސުން އަލިވާން ފަށާނީ ހަފްތާ ބަންދުގައި ކަމަށް ލަފާ ކުރެވެއެވެ.