ދުނިޔެ

ރަޝިއާ އާއި ޗައިނާގެ ގުޅުން ފަސާދަކޮށްލާނަން: ޓްރަމްޕް

ވެރިކަން ލިބިވަޑައިގެންފިނަމަ ރަޝިއާ އާއި ޗައިނާއާ ދެމެދު ފިތުނަ ފަސާދަ އުފައްދަވައި ދެ ހަތުރުންނަށް ބަދަލުކޮށްލައްވާނެ ކަމަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާ އާއި ޗައިނާ މިހާރު އެ އޮތީ އެމެރިކާއަށް ނުރައްކާވާ ހިސާބުގަ އެވެ. އެ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ބާރެއް ނެތް ގައުމަކަށް އެމެރިކާ ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަފްތާގެ އަންގާރަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިޖެނަމަ، އެންމެ ފުރަތަމަ ކުރައްވަން ހުރި ކަންތައްތަކުގެ ލިސްޓުގައި -- ރަޝިއާ އާއި ޗައިނާގެ ގުޅުން ކަނޑުވާލުން ހިމަނާފައި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޗައިނާއާ ދެމެދު ބަދަހި ގުޅުމެއް އުފެދުނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަބަބުންނެވެ. އެހެންވެ ބައިނަލްއަގްވާމީ ދުނިޔޭގައި އެމެރިކާގެ އަގު އޮތީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށްވެސް ޓްރަމްޕް ގަބޫލުކުރައްވަ އެވެ. އެއީ ބައިޑަންގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައިވެސް ޓްރަމްޕް ދެކެވަޑައިގަންނަވަ ވިދާޅުވި އެވެ.

އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ޓަކާ ކާލްސަންއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ބައިޑަން ހައްދަވާފައިވާ ވަަރަށް ގައުމެއްގެ ރައީސަކު ކޮސް ނުހައްދަވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ބައިޑަންގެ ސަބަބުން ދުނިޔެ ބައިބައިވެ ރަޝިއާ، ޗައިނާ،، އީރާން އަދި އުތުރު ކޮރެއާ އެއްގަލަކަށް އަރައި އެމެރިކާއަށް ބިރުދައްކަން ފަށާފައިވާ ކަމަށެވެ.

އޭނާ ގާތުގައި ޕްރޮފެސަރަކު ވިދާޅުވި ވިދާޅުވުމެއް ތަކުރާރުކުރައްވައި ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް އެޅޭނެ އެންމެ ޅައެއްޗަކަށް ވާނީ ރަޝިއާ އާއި ޗައިނާ އެއްގަލަކަށް އަރަން ފުރުސަތު ދިނުން ކަމަށެވެ.

ރަޝިއާ އާއި ޗައިނާ އެކުނުވާހާ ހިނދު ދުނިޔޭގެ ރަސްކަން އޮންނާނީ އެމެރިކާގެ އަތުގައި ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ވެރިކަން ލިބިވަޑައިގަތުމާ އެކު މި ދެ އެކުވެރިން، މަޝްވަރާ މޭޒު ދޮށަށް އަންނަން ނުކުރޭވަރު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ރަޝިއާ އާއި ޗައިނާގެ ގުޅުން ފަސާދަވުމަށް ދާންދެން އެމެރިކާއަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.