އެމެރިކާގައި މި އަހަަރު ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ސައޫދީ އަރަބިއްޔާއަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާނެ ކަމަށް އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޑޮނަލްޑް ޓްރަމްޕަކީ އޭނާގެ ފުރަތަމަ ދައުރުގައިވެސް ސައޫދީއާ އެކު ވަރަށް ހާއްސަ ގާތްކަމެއް ބޭއްވެވި ރައީސެކެވެ.
ރައީސްގެ މަގާމަށް ވަޑައިގަތުމަށްފަހު ގައުމުން ބޭރަށް 2017 ގައި އެންމެ ފުރަތަ ވަޑައިގަތީވެސް ސައޫދީ އަރަބިއްޔާ އަށެވެ.
އެމެރިކާގެ ވިޔަފާރި ނޫސް -- ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއާ އެކު ގުޅުން ބަދަހިކުރުމަށް ސައޫދީވެސް ބޭނުންވާ ކަމަށެވެ. އެކަމަކު ސައޫދީ އާއި އެމެރިކާއާ ދެމެދު މިހާރު އެހާ ގާތްކަމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ސައުދީ މިހާރު ކުރިއަށް ދަނީ ޗައިނާ އާއި ރަޝިއާއާ ގުޅިގެންކަން ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ އެއީ ޖޯ ބައިޑަންގެ ސަރުކާރުން ސައުދީއަށް އިހާނެތިކޮށް ހިތްތެވުމުގެ ނަތީޖާ ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބާމާ އަކީ ވެސް ސުންނީ ގައުމުތަކަށް އަޅާލެއްވި ރައީސެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ސުންނީ ގައުމުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަކީ ވަރަށް އަރިސް ބޭފުޅެއްކަން ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ ސައޫދީއާ އެކު ކުރިން އޮތް ގާތްކަން އަދިވެސް ބެހެއްޓިދާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ބިން ސަލްމާން އަކީ އަބަދުވެސް ގުޅުން ދަމަހައްޓަވާ ލީޑަރެއް ކަމަށެވެ. އަދި ދާދި މިދާކަށް ދުވަހުވެސް ދެ ބޭފުޅުން ވާކަދައްކަވައި ހާލުބެއްލެވި ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ސައޫދީ އަރަބިއްޔާ އަކީ ތަބީއަތުގައި ރައްކާތެރިކަމެއް އޮތް ގައުމެއް ނޫން ކަމަށެވެ. ސައޫދީއަށް ބޭނުންވާ ހުރިހާ ރައްކާތެރިކަމެއް ފޯރުކޮށްދޭނީ އެމެރިކާއިން ކަމަށްވެސް ވިދާޅުވި އެވެ.
"ސައޫދީ މިހާރު އޮތީ އެމެރިކާއާ އެކުގައެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ. "އެ މީހުން މިހާރު ޗައިނާއާ މާ ގާތް" ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު އަރަބި ގައުމުތަކާ އެކު އެމެރިކާ އާ ބާބެއް ފަށްޓަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
"އެމެރިކާ އަރަބިންނަށް ބޭނުންވޭ އަދި އަރަބިން ވެސް އެމެރިކާއަށް ބޭނުންވޭ،" ޓްރަމްޕް ވިދާޅުވި އެވެ.