ދުނިޔެ

ޒެލެންސްކީ ސައޫދީގައި މުހައްމަދު ބިން ސަލްމާން އަރިހުގައި

ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެެލެންސްކީ ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއާ (އެމްބީއެސް)އާ ބައްދަލުކުރައްވައިފި އެވެ.

ޒެލެންސްކީ އެކްސްގައި ވިދާޅުވެފައި އޮތް ގޮތުން ދަތުރުގެ ބޭނުމަކީ މިދިޔަ އަހަރު ފަށާފައި އޮތް ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. އަދި ރަޝިއާއާއި ޔުކްރޭންއާ ދެމެދު އަސީރުން ބަދަލުކުރުމާއި -- ހަނގުރާމައަށް ފަހު ޔުކްރޭން އާބާދުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުން އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ބިން ސަލްމާން އަކީ ޒެލެންސްކީ ވިދާޅުވި ގޮތުން ރަޝިއާ - ޔުކްރޭން މަޝްވަރާތަކުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާ ލީޑަރެކެވެ. އަދި އަސީރުން ބަދަލުކުމުގައި ނުފޫޒުގަދަ ލީޑަރެކެވެ.

އެމްބީއެސް ދެއްކެވި ވާހަކަތަކުގައި ޔުކްރޭން ހަނގުރާމަ އަކީ މިހާރު ހުއްޓާލަން ޖެހިފައި އޮތް ހަނގުރާމައެއް ކަމަށް ވިދާޅުވި އެެވެ. ހަނގުރާމަކުރުމަށް ވުރެ ދެ ގައުމުގެ -- ރަޝިއާ، ޔުކްރޭންގެ ތަރައްގީއަށް މަސައްކަތްކުރުން އެދެވިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޔުކްރޭން އާބާދުކުރުމަށް ސައޫދީން އެހީތެރިވެދެއްވާނެ ކަމަށްވެސް ޒެލެންސްކީގެ އަރިހުގައި ވިދާޅުވި އެވެ.

ޔުކްރޭނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސައޫދީން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށްވެސް އެމްބީއެސް ވިދާޅުވި އެވެ. އަދި އެކަން އެ ގޮތުގައި ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް މުއާހަދާއެއްގެ މުހިއްމު ކަމާ މެދުވެސް ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ. އަދި ސުލްހައަށް ކުރެވޭ ކޮންމެ މަޝްވަރާއެއްގައި ރަޝިއާ ބައިވެެރިވުމުގެ މުހިއްމު ކަމަށްވެސް އެމްބީއެސް އަލިއަޅުއްވާލެއްވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި، ސައޫދީ އަކީ ވަކި ކޮޅެއް ނުނަގާ އޮތް ގައުމެވެ.

މި ހަނގުރާމާގައި ވަކި ކޮޅެއް ނެގުމަށް ހުޅަނގުން ސައޫދީއަށް ކުރި ޕްރެޝަރުގައި، އެމްބީއެސް ވަނީ ސައޫދީ އަކީ ހުރިހާ އެންމެންނާ ވެސް އެކުވެރި ގައުމެއް ކަމަށް ވިދާޅުވެފަ އެވެ.

ސައޫދީ އަކީ ތެލުގެ ވިޔަފާރީގައި ރަޝިއާއާ ވެސް އެހައި ގާތް ގައުމެކެވެ. އަނެއްކޮޅުން ޔުކްރޭންއާ ވެސް އެހައި ގާތް ގައުމެކެވެ.