އެމެރިކާގެ ރައީސް ޖޯ ބައިޑަން ގަލްފަށް ވަޑައިގަންނަވަނީ އެވެ. ދަތުރައް ތައްޔާރު ކުރުމުގެ ގޮތުން އެމެރިކާގެ އޮފިޝަލުން މެދުއިރުމައްޗަށް ދަތުރުކޮށް މަސްލަހަތު އޮތް ގޮތް ވަނީ ބަލާފަ އެވެ.
ވައިޓް ހައުސްގެ އޮފިޝަލުން ބުނާ ގޮތުން ބައިޑަން މެދުއިރުމައްޗަށް ދަތުރު ފައްޓަވާނީ މިމަހު ފަހުކޮޅު އެވެ. ވަޑައިގަންނަވާނެ ގައުމުތައް ކަމަށް ބެލެވެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ގަތަރު އަދި ސަރުދީ އަރަބިއްޔާ އެވެ.
ބައިޑަންގެ މިދަތުރުގައި އިޒްރޭލަށް ވެސް ވަޑައިގަންނަވާނެ އެވެ. އިޒްރޭލާއި ފަލަސްތީންގެ މައްސަލަތަކަށް މަޝްވަރާ ކުރައްވައި އެމެރިކާ ވިސްނާ ގޮތް ދެގައުމުގެ ވެރިންނަށް ވިދާޅުވެ ދެއްވާނެ އެވެ.
މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި ބައިޑަންއަށް ވެސް އެންމެ ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވޭ ގައުމަކީ ސައުދީ އަރަބިއްޔާ އެވެ. ސައޫދީއަށް ވަޑައިނުގެން ފަރުޖެއްސޭނެ ގޮތެއް ވެސް ބައިޑަންއަށް މިވަގުތަކު ނެތެވެ.
ބައިޑަންގެ ދަތުރާ ބެހޭ ގޮތުން ވަކި ގޮތެއް އަދި ނިންމާފައި ނެތް ނަމަވެސް މި ދަތުރާ ބެހޭ ގޮތުން އޮފިޝަލުންގެ ވާހަކަތައް ވަނީ ވަރަށް ގިނަވެފަ އެވެ. ސައޫދީއަށް ވަޑައިގަންނަވާނެ ކަމަށާއި އިސްވެެރިންނާ ބައްދަލު ކުރައްވައި، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެދި ވަޑައިގަންނަވާނެ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.
ސައޫދީ ލައްވާ ކަމެއް ކުރުވަށް ބައިޑަން އެދިވަޑައި ގަންނަވާ ނަމަ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ނުކުރައްވައި އެކަމެއް ނުވާނެ އެވެ. އެނޫން ގޮތެއްގައި ބައިޑަންއަށް އިޚްތިޔާރު ކުރައްވަން ޖެހިވަޑައި ގަންނަވާނީ ވަރަށް ދިގުމަގެކެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ލިބޭނެ މާގިނަ ގޮތްތަކެއް ވެސް ނެތެވެ. އެމެރިކާ އާއި ޔޫރަޕަށް ތެލާއި ގުދުރަތީ ގޭސް ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ ގަލްފު ގައުމުތަކެވެ.
އެކަމަކުވެސް، އޯޕެކް ގައުމުތަކަށް އެއްބަސް ނުވެވޭ ގޮތަކަށް ގަލްފު ގައުމުތަކުން ދެޔޮ އުފެއްދުން އިތުރުކުރާނެ ކަމަކަށް ނުބެލެވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބައިޑަން ސަރުކާރާ ސައޫދީ ސަރުކާރާ ދެމެދު އޮތް ގުޅުން އެހާ ރަނގަޅެއް ނޫނެވެ. ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި އިރުވެސް، ސައޫދީއާ މެދު އޮތީ ވަކި ގޮތަކަށް ނިންމަވާފަ އެވެ. އެއީ އެމެރިކާ ބޭނުންވާ ގޮތަށް ސައޫދީ ސައިޒްކުރުމެވެ.
ދުނިޔޭގެ ސިޔާސީ އޮއިވަރު މިހާރު އޮތް ގޮތުން އެމެރިކާ އެދޭހާ ގޮތަކަށް ހުންގާނުހިފައި ދުނިޔެ އަނބުރާލެވޭކަށް ނެތެވެ. އެމެރިކާ ހިތުހުރި ގޮތަކަށް ސައޫދީއާ މުއާމަލާތް ކުރެވޭކަށް ވެސް ނެތެވެ.
އެމެރިކާއަށް ކަމެއް ވާން އޮތީ އެމެރިކާ އެންމެ ރުޅިއަންނަ މީހާ، މުހައްމަދު ބިން ސަލްމާންއާ މަޝްވަރާ ކޮށްގެންނެވެ. އަދި އެވެސް ސައޫދީ ކޮށްދީފި ނަމަ އެވެ. އެނޫން ގޮތެއްގައި ބައިޑަންއަށް އޮތީ ދެއަތް ފޮޅާލައްވައި އެނބުރި ގައުމަށް ވަޑައިގަތުމެވެ.