ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުކުރު ދުވަހު އޮތް އަރަބި ސަމިޓު ނިންމާލަމުން އެ ގައުމުގެ ޚާރީޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވިދާޅުވި ގޮތުގައި، ޔުކްރޭން ހަނގުރާމާގައި ސައޫދީގެ ސިޔާސަތަކީ ވަކިކޮޅަކަށް ބުރަނުވުމެވެ.
ފައިސަލް ވިދާޅުވީ ސައުދީއާ އެއްފަދައިން އަރަބި އެހެން ގައުމުތަކުގެ ވިސްނުމަކީވެސް ރަޝިއާ އަށްވެސް އަދި ޔުކްރޭނަށްވެސް ތާއީދުނުކުރުން ކަމަށެވެ.
އަރަބި ގައުމުތަކުން ރަޝިއާއާ އެކު ގާތް ގުޅުމެެއް އޮތުމަށް އެދޭ ފަދައިން ޔުކްރޭންއާ އެކު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަން އެދިވަޑައި ގަންނަވާކަމަށް ވަޒީރު ވިދާޅުވި އެވެ.
ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން ނިންމާލުމުގެ ގޮތުން ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ޔުކްރޭން ހަނގުރާމަ ފެށުނުއިރު ވެސް އަރަބި ގައުމުތަކުގެ ވިސްނުން އޮތީ ތިލަފަތް ހަމަ އުސޫލަކުން މިނާ ގޮތަށް ކަމަށެވެ.
ހަނގުރާމަ އަކީ އެއްވެސް ކަމެއްގެ ހައްލު ނޫން ކަމަށް ވިދާޅުވެ ފައިސަލް ވިދާޅުވި ގޮތުގައި ހަނގުރާމާގައި ހިމެނޭ ދެގައުމަށް ވެސް ސައޫދީން އެހީތެރިވާނެ ކަމަށާއި ވިސްނުމާއި ފިކުރުންވެސް ދެ ގައުމާ އެކުގައި ސައޫދީ އޮންނާނެ އެވެ.
ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުންތަކަށް ސައޫދީ އަރަބިއްޔާ ސަޕޯޓެއް ނުކުރެ އެވެ. އިންޑިއާ އާއި ޗައިނާ އަދި އީރާން ފަދައިން ސައޫދީވެސް ބަލަނީ ރަޝިއާއާ އެކު އިގުތިސާދީ ބަދަހި ގުޅުމެއް ބޭއްވޭތޯ އެވެ.
ޔުކްރޭން ހަނގުރާމައަށް ހައްލު ހޯދުމަށް ސައޫދީ މަސައްކަތްކުރާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި މިހާރުގެ ހާލަތަށް ބަލާއިރު މަޝްވަރާކުރުން ވަރަށް މުހިންމު ކަމަށެވެ.
ހަނގުރާމަ ދިގުލައިގެން ދިއުމަކީ މުޅި ދުނިޔެއަށް ވެސް ނުރައްކަލަކަށް ވާނެ ކަމަށް ފައިސަލް ގަބޫލުކުރައްވަ އެވެ. އެންމެ ބުއްދިވެރި ގޮތަކީ ހަތިޔާރު ބަހައްޓައި މަޝްވަރާގެ މޭޒުދޮށަށް އެއްވުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.