ދުނިޔެ

އުރުދުޣާންއާ ބައްދަލުކުރެއްވުމަށް ޔުކްރޭންގެ ރައީސް ޒެލެންސްކީ ތުރުކީއަށް

ޔުކްރޭންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ މިއަދު ތުރުކީއަށް ވަޑައިގެން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލުކުރައްވާނެ އެވެ. ބައްދަލުކުރެއްވުން އޮންނާނީ އިސްތަންބޫލްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ވާހަކައަކަށް އޮންނާނީ ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔެ ތަޖުރިބާކުރާ ހާލަތްތަކާ ބެހޭ ވާހަކަތަކާއި މަޝްވަރާތަކެވެ.

ޔުކްރޭން ހަނގުރާމައިގެ މިސްރާބު އޮތް ގޮތާއި، ކުރިމަގާއި ހަނގުރާމަ ހުއްޓާލުން އަދި ސުލްހަވުމުގެ ވާހަކަތައް ދައްކާނެ އެވެ.

ޔުކްރޭނުން ގޮވާން އެކްސްޕޯޓް ކުރުމަށް ތުރުކީގެ އެހީ ހޯދުމާއި، ހަނގުރާމައަށްފަހު ޔުކްރޭން އާބާދުކުރުމަށް އެކުލަވާލާ އެޖެންޑާއާ ބެހޭ ގޮތުންވެސް މަޝްވާރާ ކުރެވޭނެ އެވެ.

ތުރުކީއާ ޔުކްރޭންއާ ދެމެދު އޮތް ގުޅުން ދެމެހެއްޓުން އަދި ގުޅުން ބަދަހިކުރުމާ މެދުވެސް މަޝްވަރާކުރެވޭނެ އެވެ. ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއަށް ޕްރެޝަރު ކުރުމަށް ތުރުކީގެ އެހީތެރިކަން ހޯއްދެވުމަކީވެސް ޒެލެންސްކީގެ އުއްމީދެކެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރުމަށް ބައިވެރިޔަކަށް ވުމަށް ތުރުކީ އަބަދުވެސް ތައްޔާރު ކަމަށް އުދުޣާން ވަރަށް ފަހުންވެސް ވިދާޅުވި އެވެ. މިއީ އޭނާ އަބަދުވެސް ވިދާޅުވާ ވިދާޅުވުމެކެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަކީ އުރުދުޣާންގެ ވަރަށް އަރިސް ލީޑަރެއް ކަމަށް އުރުދުޣާން ވިދާޅުވެ އެވެ. މިހެން ކަން އޮތުމުން ޕޫޓިންގެ އަރިހުގައި ކޮންމެ ވާހަކައެއްވެސް ދެންނެވިދާނެ ކަމަށް އުރުދުޣާން އަބަދުވެސް ވިދާޅުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒެލެންސްކީއާ މަޝްވަރާ ކުރެއްވުމަށްފަހު މަލަމަތި އޮންނަ ގޮތަކުން އުރުދުޣާން ޕޫޓިންއާ ބައްދަލުކުރައްވާނެ އެވެ. އެއީ ފޯނުން އަދި މޮސްކޯއަށް ވަޑައިގެން ކަމަށްވެސް ވެދާނެ އެވެ.

ޔުކްރޭން ހަނގުރާމައަށްފަހު ގައުމު ތަރައްގީކުރުމަށް މަޝްވަރާ ކުރެއްވުމަށް ޒެލެންސްކީ މިދާކަށް ދުވަހު ވަނީ ސައޫދީ އަރަބިއްޔާއަށްވެސް ވަޑައިގެންފަ އެވެ.

ސައޫދީއަށް ވަޑައިގެން މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައި -- އަސީރުން ބަދަލުކުރުމާއި، ހަނގުރާމަ ހުއްޓާލުމަށް މުއާހަދާއެއް އެކުލަވާލުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

ޔުކްރޭންއާއި ސައޫދީއާ ދެމެދު ވިޔަފާރި ފުޅާކުރުމާއި، ދެގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ.