ދުނިޔެ

ރަޝިއާ، ޔުކްރޭން ސުލްހަކުރަން ސަމިޓަކަށް ތައްޔާރު: އުރުދުޣާން

ޔުކްރޭންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ މިހާރު ވަޑައިގެން އުޅުއްވަނީ ތުރުކީ ގައެވެ. އެއީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލުކުރައްވައި، ޔުކްރޭނަށް އެންމެ މުހިއްމު މައުލޫތަކަށް މަޝްވަރާ ކުރެއްވުމަށެވެ.

ޒެލެންސްކީއާ އިސްތަމްބޫލްގައި ބައްދަލުކުރެއްވުމަށްފަހު އުރުދުޣާން ނޫސްވެރިންނަށް ވިދާޅުވި ގޮތުން ރަޝިއާ - ޔުކްރޭން ސުލްހައިގެ ސަމިޓަކަށް ތުރުކީ އޮތީ ތައްޔާރަށެވެ. އިތުރަށް ވާނެ ތައްޔާރެއް ނެތް ކަމަށް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ޔުކްރޭން އަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޔުކްރޭންގެ އިން އެއްވެސް އުނިކަމެއް ނެތި އެ ގައުމުގެ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށުނީއްސުރެ ތުރުކީ އަކީ މި ދެ ގައުމު ސުލްހަ ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ގައުމެކެވެ.

އުރުދުޣާން ވިދާޅުވި ގޮތުން ރަޝިއާ، ޔުކްރޭން ސުލްހަކުރަން އެންމެ ފަސޭހަ ވާނީ ވެސް ތުރުކީ އަށެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށް ވުރެ މޮޅު ގޮތެއް، ޔުކްރޭނަށް އަދި ރަޝިއާއަކަށް ވެސް ނެތެވެ.

ޔުކްރޭން އަދި އެ ގައުމަށް ތާއީދުކުރި ހުޅަނގުގެ ނުފޫޒުގަދަ -- ހަތިޔާރު ގިނަ ގައުމުތަކުން ހީކޮށްގެން ތިބީ، އެ މީހުންގެ މަދަދާ އެކު ރަޝިއާ ބަލިކުރުން ޔުކްރޭނަށް މެޓައެއް ފަދަ ކަމަކަށް ވާނެ ކަމަށެވެ. ނަމަވެސް މެދުކެނޑުމެއް ނެތި ހުޅަނގުންނާއި އެމެރިކާ އިސްވެ ޔުކްރޭނަށް ދެމުން ގެންދާ އަސްކަރީ ބޮޑެތި އެހީތަކާ އެކު ވެސް މިހާރު ފެންނަނީ ޔުކްރޭންގެ ބިންތައް ގެއްލޭ ތަނެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ހަމަލާދިނުމުގައި އަދި ހަނގުރާމައެއްގެ ފުރިހަމަ ސިފަ ނުޖައްސަ އެވެ.

ރަޝިއާއިން ހަމަލާދެނީ ވަރަށް ބަލައިގެން ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ. ތަނެއް ސުންނާފަތިކުރަން އެ އަޒުމުގައި ހަމަލާދޭ ނަމަ، ޔުކްރޭން މިހާރު އޮންނާނީ ބިމާ ހަމަވެފައި ކަމަށްވެސް ރަޝިއާގެ އަސްކަރިއްޔާއާ ގާތް އޮފިޝަލުން ވިދާޅުވެ އެވެ.

ޒެލެންސްކީ ވެސް އުރުދުގާންއާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުން ކުރެވުނީ ހަރުދަނާ މަޝްވަރާތަކެކެވެ. ނަތީޖާއަކަށް އުއްމީދު ކުރައްވާ ކަމަށްވެސް ޒެލެންސްކީ ވިދާޅުވި އެވެ.