ދުނިޔެ

އުރުދުޣާން ޕޫޓިންއާ ބައްދަލުކުރެއްވުމަށް ހޯމަ ދުވަހު ރަޝިއާއަށް

ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ސެޕްޓެމްބަރު ހަތަރެއްގައި -- އަންނަ ހޯމަ ދުވަހު، ރަޝިއާއަށް ވަޑައިގަންނަވާނެކަން އެ ގައުމުގެ ރިޔާސަތުން އިއުލާންކޮށްފި އެވެ.

މިއީ އުރުދުޣާންއަށް ރިޔާސީ އާ ދައުރެއް ލިބިވަޑައިގެންނެވި ފަހުން ރަޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރު ވެސް މެއެވެ.

އދ އާއި ތުރުކީ މެދުވެރިކޮށް ޔުކްރޭން އާއި ރަޝިއާއާ ދެމެދު ހެދި ގޮވާން ޑީލަށް އަމަލުކުރުން ރަޝިއާއިން ހުއްޓާލުމަށްފަހު އުރުދުޣާން ރަޝިއާއަށް ވަޑައިގެންފައެއް ނުވެ އެވެ.

ލަޑިމިއާ ޕޫޓިން އާއި އުރުދުގާން އެންމެ ފަހު ބައްދަލުކުރެއްވީ މިިދިޔަ އަހަރު އޮކްޓޯބަރު 13 ގައި ކަޒަކިސްތާންގެ ވެރިރަށް އާސްތާނާގަ އެވެ.

ޕޫޓިން އާއި އުރުދުޣާން އެންމެ ފަހުން ފޯނުން މަޝްވަރާކުރެއްވީ އޯގަސްޓް ދޭއްގަ އެވެ. އުރުދުޣާން އެންމެ ފަހުން ރަޝިއާއަށް ވަޑައިގަތީ ފާއިތުވި އަހަރު އޯގަސްޓް ފަހެއްގަ އެވެ. ޕޫޓިންއާ ބައްދަލުކުރެއްވީ ސޮޗީގަ އެވެ.

އުރުދުޣާންގެ މި ދަތުރަކީ އަޑުއަރާފައި އޮތް ގޮތުގައި ގޮވާން ޑީލް އަލުން ފެށުމަށް ޕޫޓިންއަށް ބާރުއެޅުއްވުމަށް ކުރައްވާ ދަތުރެކެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި ތާށިވެފައި ހުރި ގޮވާން ކޮންޓޭނަރުތައް އެ ގައުމުން ބޭރުކުރުމަށް އދ އާއި ތުރުކީ މެދުވެރިކޮށް ހެދި އެއްބަސްވުމުގެ މުއްދަތު ހަވަމީ ޖުލައި 18 އެވެ. މި ޑީލް ހުއްޓާލީ އެއްބަސްވުން އަލުން އާކުރަން ރަޝިއާ ބޭނުން ނުވުމުންނެވެ.

ގޮވާން ޑީލް ހުއްޓާލަން ޖެހުނު ސަބަބެއް ކަމަށް ރަޝިއާއިން ބުނެފައި އޮތީ، ގޮވާން ޑީލާ ގުޅިގެން ހުޅަނގުން ރަޝިއާއަށް ކޮށްދޭން ބުނި އެއްވެސް ކަމެއް -- އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ކޮށްދީފައި ނުވުމެވެ.

އަނެއްކޮޅުން ގޮވާން ޑީލް އޭގެ ދާއިރާއިން ބޭރުވެ މުއްސަނދިންނަށް ފައިދާވާ ގޮތަށް ބެހެވިގެން ދިއުމަކީ ވެސް އެ ޑީލުގެ އަސާސް ނޫން ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

ގޮވާން ޑީލަކީ ދުނިޔޭގައި ތިބި ފަގީރުންނަށް -- ހަނގުރާމައިގެ ސަބަބުން ކާއެތިކޮޅު ނުލިބިދާނެ ކަމަށް ހެދި އެއްބަސްވުމެކެވެ. ނަމަވެސް، ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭނުން ފުރާ ގޮވާން ބޮޓުފަހަރު ތުރުކީއަށް ގޮސް މިސްރާބު ޖަހަނީ ޔޫރަޕަށާއި އިޒްރޭލަށެވެ.

ސޮޗީގައި ޕޫޓިންއާ ބައްދަލުކުރައްވައި ގޮވާން ޑީލުގެ އިތުރުން ބްރިކްސް ޖަމާއަތާ ބެހޭ ގޮތުންނާއި -- ބްރިކްސް ގައުމުތަކުގެ މެދުގައި އެއް ފައިސާއެއް ބޭނުންކުރުމާ ބެހޭ ގޮތުންވެސް އުރުދުޣާން މަޝްވަރާކުރައްވާނެ އެވެ.