ދުނިޔެ

ޔުކްރޭން ނިއުކްލިއާ ޕްލާންޓް މަޝްވަރާތަކުގައި އެހީތެރިވެވިދާނެ: އުރުދުޣާން

ޔުކްރޭންގެ ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގެ މައްސަލަ މިހާރު އޮތީ ވަރަށް ބޮޑުވެފަ އެވެ. އެއީ ރަޝިއާ ސިފައިންގެ އަތްދަށުގައި އެ މަރުކަޒު އޮތުމުންނެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާ ތަކުގައި ޔުކްރޭންގެ ނިއުކްލިއާ ޕަވާ ޕްލާންޓްގެ މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއަކަށް ވެވިދާނެ ކަމަށް ވިދާޅުވި އެވެ.

ޔުކްރޭނުން ގޮވާން ބޭރުކުރަން މަޝްވަރާ ސެޝަންތައް ބޭއްވި ގޮތަށް ނިއުކްލިއާ ޕަވާ ޕްލާންޓާ ގުޅުން ހުރި މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރެވިދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ޕޫޓިންއަށް އުރުދުޣާން ދެންނެވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ހަމަލާދޭން ފެށީ މި އަހަރުގެ ފެބްރުއަރީ 24 ގައެވެ. އެހާހިސާބުން ވެސް ރަޝިއާގެ އަމާޒު ޔުކްރޭންގެ މުހިންމު ބައެއް ތަންތަނަށް އޮތީ ފޯކަސްކޮށްފަ އެވެ. އޭގެ ތެރޭގައި ޒަޕޮރިއްޒިއްއާ ނިއުކްލިއާ ޕަވާ ޕްލާންޓް ހިމެނެ އެވެ.

ޒަޕޮރިއްޒިއްއާ ނިއުކްލިއާ ޕަވާ ޕްލާންޓް މިހާރު އޮތީ ރަޝީއާ ސިފައިންގެ އަތްދަށުގަ އެވެ. އެ މަރުކަޒު އަލުން ހިފަން ޔުކްރޭނުން ދެމުން ގެންދާ ހަމަލާތަކުގައި ޕަވާ ޕްލާންޓްގެ މުހިންމު ތަންތަނަށް ވަނީ ބޮޑެތި ގެއްލުން ލިބިފަ އެވެ.

އެކަމަކު ޔުކްރޭނުން ބުނަނީ ނިއުކްލިއާ މަރުކަޒަށް ގެއްލުން ދެނީ ރަޝިއާ ސިފައިން ކަމަށެވެ. ރަޝިއާ ސިފައިން ބުނަނީ ނިއުކްލިއާ ރިއެކްޓަރަކަށް ހަމަލާދިނުމަކީ ކިހާ ނުރައްކަތެރި ކަެމެއްކަން ރަޝިއާއަށް އެނގޭ ކަމަށެވެ. އެކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ.

އދ. ސްޕޮންސާކޮށްގެން އިންޓަނޭޝަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގެ އިންސްޕެކްޓަރުން މިހާރު ދަނީ އެ މަރުކަޒު ބަލައި ފާސްކުރަމުންނެވެ.

އިންސްޕެކްޓަރުން ބުނާ ގޮތުން އެ މީހުން އެ މަރުކަޒުގައި ދުވަސްކޮޅެއް ވަންދެން މަޑުކުރާނެ އެވެ. ފަހަރެއްގައި ހަނގުރާމަ ނިމެންދެން ވެސް ތިބެން ޖެހިދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އުރުދުޣާން ވިދާޅުވި ގޮގުގައި ނިއުކްލިއާ މަރުކަޒާ ގުޅުން ހުރި އަރާރުންތައް ހައްލުކުރެވޭނީ ރަޝިއާ އާއި ޔުކްރޭނުން ދައްކާ ވާހަކަ އަޑުއަހައިގެންނެވެ. ތުރުކީ އޮތީ އެކަމަށް ތައްޔާރަށް ކަމަށް ޕޫޓިންއަށް އުރުދުޣާން ވަނީ ދަަންނަވާފަ އެވެ.

އެކަމަކު ޒަޕޮރިއްޒިއްއާ ނިއުކްލިއާ ޕަވާ ޕްލާންޓާ ގުޅިފައި ހުރި އަރާރުންތައް މަޝްވަރާކޮށްގެ ހައްލުކުރާ ވިސްނުމެއް ރަޝިއާ ނުގެންގުޅެވެ. ރަޝިއާ ބޭނުންވަނީ އެކަމުގައި އދ. ގެ މުހިންމު ދައުރެއް އޮތުމެވެ.