ރަޝިއާ، ޔުކްރޭން ސުލްހަކުރަން މެދުވެރިއަކަށް ވުމަށް ތައްޔާރު ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީ އަކީ އެ ދެ ގައުމުގެ ވެސް އެކުވެރިއެއް ކަމަށާއި އަންކާރާ އިން މީގެ ކުރިންވެސް ސުލްހައަށް އިސްނަގާފައިވާނެ ކަމަށެވެ.
އުރުދުޣާން މިހެން ވިދާޅުވިއިރު، ރަޝިއާ، ޔުކްރޭން ސުލްހަކުރުމާ ބެހޭ ވާހަކަތައް އަނެއްކާ ވެސް އޮތީ ފެންމަތިވެފަ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލައި، ދެ ގައުމުގެ މަސްލަހަތަށް މަސައްކަތްކުރުން އައުލާކަން ބޮޑު ކަމަށް ސައޫދީން ވެސް ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި، ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ތުރުކީއަށް ވަޑައިގަންނަވާނެ އެވެ. އެއީ ތުރުކީގެ ރިސޯޓެއް ކަމަށްވާ އަންތާލިޔާގައި އޮންނަ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ތުރުކީ ހާރިޖީ ވުޒާރާގެ އޮފިޝަލުން ބުނާ ގޮތުން އުރުދުޣާންއާ ލަފްރޯފް، އަންތާލިޔާގައި ބައްދަލުކުރައްވާނެ އެވެ. ދެ ލީޑަރުންގެ ވާހަކަތައް ހުރި މައުލޫތައް ސާފު ނޫން ނަމަވެސް ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެ އެވެ.
ޔުކްރޭން ހަނގުރާމަ ތިންވަނަ އަހަރަކަށް އަޅާފައި އޮތްއިރު، އުރުދުޣާން ވިދާޅުވި ގޮތުން މުއްދަތެއް ނެތް ގޮތަށް ހަނގުރާމަކުރަން ދޫކޮށެއް ނުލެއްވޭނެ އެވެ.
ރަޝިއާ، ޔުކްރޭން ސުލްހަކުރުމަށް ދުނިޔޭގެ ކޮންމެވެސް ބަޔަކު އިސްނަގަން ޖެހޭ ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ ޔުކްރޭން ހަނގުރާމަ ހުއްޓުވޭތޯ ހުރިހާ މައިދާނެއްގައިވެސް މަޝްވަރާކުރެވެން ޖެހޭ ކަމަށެވެ. ރަޝިއާ، ޔުކްރޭންގެ ލީޑަރުންނާ ހިސާބަށް ދެވޭނެ ބަޔަކު ގޮސްގެން ނަމަވެސް ހަނގުރާމަ ހުއްޓުވަން ޖެހިފައި އޮތް ކަމަށް ވިދާޅުވި އެވެ.
ހަބަރުތައް ބުނާ ގޮތުން ހަނގުރާމަ ހުއްޓާލަން ދުނިޔެ ގޮވާ އަޑު ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް އިވިވަޑައެއް ނުގަންނަވަ އެވެ. އޭނާ މިހާރުވެސް އުޅުއްވަނީ ހަތިޔާރު ގަތުމަށް ފައިސާ ހޯއްދެވުމުގައި ކަމަށް ނޫސްތައް ބުނެ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލުމުގައި ޒެލެންސްކީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ހުޅަނގެވެ. ރަޝިއާ ބަލިކޮށް ޔުކްރޭނަށް ކާމިޔާބުވުމަށް ދާންދެން، ހަނގުރާމަ އެ ގޮތުގައި ދިގުލައި ދާނެ ކަމަށް ޒެލެންސްކީ ކުރިން ވިދާޅުވި އެވެ.
ޔުކްރޭން ލައްވައި ރަޝިއާ ބަލިކުރަން އެންމެ ގިނައިން އަސްކަރީ އެހީ ފޯރުކޮށްދެނީ އެމެރިކާ އެވެ. ހުޅަނގުގެ ބައެއް އެހެން ގައުމުތަކުންވެސް ޔުކްރޭނަށް ބަރު ހަތިޔާރު ފޯރިކޮށްދެ އެވެ.