ދުނިޔެ

ގޮވާން ޑީލް ކުރިއަށް ގެންދެވޭނީ ބުނާ ބަހުގައި އިތުބާރު އޮވެގެން: އުރުދުޣާން

ޔުކްރޭން ގޮވާން ޑީލް މިހާރު އޮތީ ހުއްޓިފަ އެވެ. ސަބަބަކީ، ރަޝިއާ ބުނާ ގޮތުން، އެ ގައުމަށް ކޮށްދޭން ހުޅަނގުން ވި އެއްވެސް ވައުދެއް ފުއްދާފައި ނުވުމެވެ.

ގޮވާން ޑީލް މިގޮތަށް ހުއްޓިފައި އޮތުމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވަނީ ދެތިން ފަހަރެއްގެ މަތިން ވާހަކަދައްކަވާފަ އެވެ. އަދި ގޮވާން ޑީލް ފެށޭނެ ގޮތެއް އޮތްތޯ ބެލުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ވެސް އުރުދުޣާން މަޝްވަރާކުރެއްވި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން، ޔުކްރޭންގެ ބަނދަރުތައް ނާންމާންވެ ބަންދުވުމާ ގުޅިގެން ޔުކްރޭންގެ ގުދަންތަކުގައި ތާށިވެފައި ހުރި ގޮވާން ކޮންޓޭނަރުތައް -- ކަޅުކަނޑު ހުރަސްކޮށް ބޭރުކުރެވެން އޮތީ ރަޝިއާ އެއްބާރުލައިގެންނެވެ.

މިކަން މިގޮތަށް ކުރުމަށްޓަކައި އދ އާއި ތުރުކީ މެދުވެރިކޮށް ޖުލައި 2023 ގައި ރަޝިއާ އާއި ޔުކްރޭނުން އޮތީ އެއްބަސްވުމެއް ހެދި އެވެ.

ޔުކްރޭން ގޮވާން ޑީލުގެ މައިގަނޑު އަމާޒަކީ ފަގީރު ދުނިޔެއަށް ކާންދިނުމެވެ. އެފްްރިކާގެ ފަގީރު ގައުމުތަކަށް މިންވަރެއް ފޯރުކޮށްދިނުމަކީ ވެސް އޮތް އުންމީދެކެވެ. ނަމަވެސް، ރަޝިއާ ބުނި ގޮތުގައި ޔުކްރޭނުން ގޮވާން ބަރުކޮށްގެން ގޮސް އާގުބޯޓުފަހަރު ބަނދަރުކުރަނީ ޔޫރަޕްގެ މުއްސަނދި ބަނދަރުތަކުގަ އެވެ. އަދި ގޮވާމުގެ ބޮޑުބައި ބޭނުންކުރަނީ މުއްސަނދި ގައުމުތަކުންނެވެ.

އުރުދުގާން ވިދާޅުވި ގޮތުގައި ގޮވާން ޑީލް އަލުން ފެށެން އޮތީ ހުޅަނގުން ބުނާ ބަހުގައި އިތުބާރު އޮވެގެންނެވެ. ދުނިޔެއަށް ވަަރަށް މުހިންމު އެއްބަސްވުންތަކެއް ތަންފީޒުކުރެވެމުން ދާއިރު، ދެނެހުރި ކަމަށްވެސް ނުހަދާ ހުޅަނގު ގައުމުތަކުން ތިބުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގުން ރަޝިއާއަށް ވެފައި އޮތް އެންމެ ބޮޑު ވައުދަކީ، ޔުކްރޭން ގޮވާން ޑީލް ކުރިއަށް ދާން ފެށުމުން ރަޝިއާގެ ގޮވާން ދުނިޔޭގެ ބާޒާރުތަކަށް ފޯރާނެ ގޮތެއް ފަހިކޮށްދިނުމެވެ. އަދި ރަޝިއާގައި އުފައްދާ ގަސްކާނާ މާކެޓްކުރެވޭނެ ގޮތް ހަމަޖެހުމެވެ. ނަމަވެސް، ގޮވާން ޑީލަށް އަހަރެއް ހަމަވެގެން ދިޔައިރުވެސް ހުޅަނގުން ކަހާތަން ހިރުވައި ވެސް ނުލަ އެވެ. އޭގެ ބަދަލުގައި ހުޅަނގުން ކުރިހާ ވެސް ކަމަކީ ރަޝިއާ ބަލިކުރުމަށްޓަކައި ޔުކްރޭނަށް ބުއްދިލައިދިނުމެވެ.

ރަޝިއާ މިހާރު ބުނަނީ ގޮވާން ޑީލް ދެން ކުރިއަށް ގެންދެވޭނީ މަޝްވަރާކުރާ ގޮތަށް އަމަލުކުރެވޭނަމަ އެވެ. ޔުކްރޭނަށް ހަތިޔާރު ޝިޕްމަންޓްތައް ފޮނުވައިގެން ރަޝިއާއާ ހަނގުރާކުރަން އެދޭ ބަޔަކަށް ގޮވާން މުހިއްމު ނުވާނެ ކަމަށްވެސް ރަޝިއާ ބުނެ އެވެ.