ޔުކްރޭންއާ އެކު ސުލްހަވުމަށް މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ މަޝްވަރާތައް އޮންނަ ތަނެއް އަދި ވަގުތެއް މުހިއްމު ނޫން ކަމަށެވެ.
ޕޫޓިން މިހެން ވިދާޅުވި ނަމަވެސް ޔުކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ރަޝިއާ ސިފައިން ޔުކްރޭންގެ ބިންތައް އިސްތިއުމާރުކޮށްގެން ތިބިހާ ހިނދަކު ސުލްހައަށް މަޝްވަރާކުރެއްވުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ޔުކްރޭނަށް ކާމިޔާބު ލިބެންދެން އޮތީ ހަނގުރާމަކޮށް ތަޅާފޮޅައިގެން ކަމަށްވެސް ޒެލެސްކީ ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ ރަޝިއާގެ އަތްދަށުގައި މިހާރު ހުރި ޔުކްރޭންގެ ބިންތައް ދޫކޮށްލުމަކީ ސުލްހައިގެ މަޝްވަރާތަކުގައި ޝަރުތެއްނަމަ -- ސުލްހައިގެ މަޝްވަރާތައް ދުވަކުވެސް ނުފެށޭނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގައި މިހާރު ޒެލެންސްކީއަށް އެއްވެސް ހައިސިއްޔަތެއް ނެތެވެ. ޒެލެންސްކީގެ ރިޔާސީ ދައުރު މިހާރު ވަނީ ނިމިފަ އެވެ. ގައުމުގައި ހަނގުރާމައިގެ ހާލަތު އިއުލާންކޮށްފައި އޮތުމުން އޭނާއަށް އެ މަގާމުގައި ހުންނެވެނީ އެވެ.
ޔުކްރޭންގައި މިހާރު ހިންގަނީ އަސްކަރީ ގާނޫނެވެ. މި ހާލަތުގައި ރިޔާސީ އިންތިހާބެއް ބޭއްވޭނެ ގޮތެއް ނެތެވެ. ބާރުތައް ވަކިކުރެވޭނެ އުސޫލެއް އަދި ކަނޑައަޅާފައެއްވެސް ނެތެވެ.
އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން ޒެލެންސްކީއަށް ބުއްދިލައިދިން ގޮތަށް ރަޝިއާއަށް ޖެއްސުންކުރުމުން ކަންހިނގައި ދިޔަ ގޮތް މިހާރު އެ ފެންނަނީ އެވެ. ޔުކްރޭންގެ އުމްރާނީ ތަރައްގީ އެ އޮތީ މިއިން ޒަމާނަކުވެސް ކޮޅަށް ނުޖެހޭވަރަށް ވީރާނާވެފަ އެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުން ހުޅަނގުން ލައިދޭހާ ބުއްދިއަކަށް ޒެލެންސްކީ ނައްޓަވާނަމަ އަދިވެސް އޮތީ ފަނާވުމެވެ. ރަޝިއާ އަތުން ޔުކްރޭން މޮޅުވާނެ ހިސާބެއް -- އެމެރިކާއަށް އަދި އިނގިރޭސިންނަށްވެސް އެނިގިފައެއް ނެތެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ކުރީކޮޅު ސުލްހައިގެ މަޝްވަރާތަކުގައި ޔުކްރޭން ބައިވެރިވި އެވެ. އެހެނެއް ކަމަކު ހުޅަނގުން ލައިދިން ބުއްދިއެއްގެ ސަބަބުން މަޝްވަރާތަކުން ޔުކްރޭން ދުރަށް ދިޔައީ އެވެ.
އެ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. ތުރުކީގެ އިސްތަންބޫލްގައި އަދި ބެލަރޫސްގެ މިންސްކްގައި ކުރި މަޝްވަރާތައް، އޭރު އޮތް ހިސާބުގައި އަދިވެސް އޮތީ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ޔުކްރޭނަށް ފެންނަނަމަ ސުލްހައިގެ މަޝްވަރާތައް ފަށަންވީ ކަމަށް ޕޫޓިން ވިދާޅުވި އެވެ. ހަނގުރާމަކުރަން އެދޭ ނަމަ، ރަޝިއާއަށްވެސް އޮތީ އެގޮތް ކަމަށް ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ ނިމޭނީ ރަޝިއާގެ ބައިވެރިވުން އޮވެގެންނެވެ. ޒެލެންސްކީ ކިތަންމެ ހިތްހަމޖެހިވަޑައި ނުގަތް ނަމަވެސް ޕޫޓިންގެ އަރިހަށް ވަޑައިގަތުން ނޫން ގޮތެއް ނެތް ކަމަށް ތަރުޖިބާކާރުން ބުނެ އެވެ.