ރައްޔިތުންގެ މަޖިލިސް

މަޖިލިސް ކައިރީގައި އެމްޑީޕީއާއި ޕީއެންސީ މުޒާހަރާކުރަނީ

ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން މަޖިލިސް ކުރާ ގެ ކައިރީގައި މުޒަހާރަ ކުރަމުން ދަނިކޮށް އެ ތަނަށް ވެރިކަން ކުރާ ޕީއެންސީގެ އާންމު މެންބަރުންތަކެއް ދިއުމުން އެ ސަރަހައްދު ހޫނުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި އެ ޕާޓީގެ އާންމު މެންބަރުން މަޖިލިސް ކުރާ ގެ ކައިރީގައި ސުލްހަވެރިކޮށް މުޒާހަރާ ކުރަމުން ދަނިކޮށް ޕީއެންސީގެ މެންބަރުން ވަނީ އެމްޑީޕީގެ މެންބަރުން ތިބި ތަނަށް ގޮސް މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށްފަ އެވެ.

ޕީއެންސީގެ ސަޕޯޓަރުންގެ ތެރޭގައި ސަރުކާރުގެ ސިޔާސީ އެކި މަގާމުތަކުގައި ތިބި މީހުންވެސް ހިމެނެ އެވެ. އެމީހުން ބުނަމުން ދަނީ އެމީހުން ނިކުމެ ތިބީ ގާނޫނުއަސާސީގެ ހިމާޔަތުގައި ކަމަށެވެ. އަދި މަޖިލިސް ކުރާ ގެ ކައިރީގައި މުޒާހަރާ ކުރަމުންދާ އެމްޑީޕީގެ މީހުން ހައްޔަރުކުރުމަށްވެސް ޕީއެންސީގެ ސަޕޯޓަރުން ގެންދަނީ ގޮވާލަމުންނެވެ.

އެމްޑީޕީއާއި ޕީއެންސީގެ ސަޕޯޓަރުންގެ މެދުގައި ހޫނު ގަދަ ޒުވާބެއް ފެށި ގަޔަށް އަތްލައި ހިސާބަށް ދިއުމުން ފުލުހުން ވަނީ ދެ ޕާޓީގެ ސަޕޯޓަރުން ދުރަށް ޖައްސާފަ އެވެ.

މުޒާހަރާ ކުރަމުންދާ އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދިނުމަށް ތަކުރާރުކޮށް ގޮވަމުންނެވެ.

އެންމެ ބޮޑު ދެ ޕާޓީގެ ސަޕޯޓަރުން މުޒާހަރާ ކުރަމުންދާތީ ގިނަ އަދަދެއްގެ ފުލުހުން ދަނީ މަޖިލިސް ކުރާ ގެ ކައިރީގައި ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.