ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތު: ބޮޑު ނުތަނަވަސްކަމެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ހުޅަނގުގެ ވެރިންނާއެކު އޮތް ބައްދަލުވުމެއްގެ ތެރެއިން
50%
0%
50%

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެ ވަޑައިގަތީ އެމެރިކާގެ "ގޯލްޑަން އޭޖް" އަލުން އަނބުރާ އައިސްފި ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް ޓްރަމްޕްގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި އެމެރިކާ ވަރަށް ބޮޑަށް އެކަހެރިވަމުންދާ ކަމަށް ތަޖުރިބާކާރު ގަބޫލުކުރައްވަ އެވެ.

ބައެއް މުރާސިލުން ބުނާ ގޮތުގައި ޓްރަމްޕް ބޭނުންވަނީ ހުޅަނގުގެ ގައުމުތައް ރުޅިއަރުވާލައިގެން ބައެއް ކަންކަން އެމެރިކާއަށް ފަހިވާ ގޮތަށް ހަމަޖެއްސުމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާ ބައިނަލްއަޤްވާމީ މައިދާނުގައި އިތުރަށް އެކަހެރިވެ، ނުފޫޒު ގެއްލެމުންދާނެ ކަމަށް ދިރާސާ ކުރާ މީހުން ލަފާކުރެވެ އެވެ.

ޓްރަމްޕްގެ ހާރިޖީ ސިޔާސަތަށް އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުންގެ އިތުރުން ވާދަވެރި ޑިމޮކްރެޓިކް ޕާޓީ އަދި އެތެރެއާއި ބޭރުގެ މީޑިއާތަކުންވެސް ވަރަށް ބޮޑަށް ކިޔަ އެވެ.

އެމެރިކާގެ އެންމެ މުހިއްމު ބައިވެރިޔާ ކަމުގައިވާ އިނގިރޭސިވިލާތުން ވެސް އެމެރިކާއާ މެދު ނުރުހުން ފާޅުކޮށްފައިވާތީ ޓްރަމްޕްގެ ސިޔާސަތުތަކުގެ ނޭދެވޭ އަސަރު އެމެރިކާއަށް ކުރަން ފަށާފައިވާ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. މީގެ އިތުރުން ނޭޓޯގެ ހުރިހާ ގައުމުތަކުން ވެސް ނޭޓޯއަށް ފަންޑުކުރުން ހުއްޓާލާނެ ކަމަށް ބުނެފައިވުމަކީ، އެމެރިކާގެ ސަލާމަތީ ބައިވެރިންނާ އެކު އޮތް ގުޅުން ނާޒުކުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.

ނޭޓޯ ގައުމުތަކުގެ އިސްވެރިން ބައްދަލުކުރަނީ

ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކުގެ ތެރޭގައި ކެނެޑާ ހިފުމުގެ ވާހަކަ، ގްރީންލޭންޑް ޑެންމާކުގެ އަތުން އަތުލުމުގެ ވާހަކަ އަދި ޕެނަމާ ކެނަލްގެ ކޮންޓްރޯލް ނެގުމުގެ ވާހަކަތަކުގެ ސަބަބުން ބޮޑެތި ނުތަނަވަސް ކަމެއް އެމެރިކާ ސަރަހައްދުގައިވެސް ވަނީ އުފެދިފަ އެވެ. މީގެ އިތުރުން ޔޫކްރެއިން އަށް އެހީ ދިނުން ހުއްޓާލުމާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަކިވުމާ އެ ޖަމާއަތަށް އެމެރިކާ އިން އެހީ ދިނުން ހުއްޓާލުމަކީވެސް މުޅި ދުނިޔެ ކަންބޮޑުވި މައްސަލަ އެކެވެ.

ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުތަކުގެ ތެރޭގައި، ޔޫރަޕްގެ ގައުމުތަކުން އެމެރިކާ އަތުން ތެޔޮ ނުގަނެއްޖެނަމަ ޓެކްސް ބޮޑުކުރުންވެސް ހިމެނެ އެވެ. މިފަދަ ފިޔަވަޅުތަކާ ގުޅިގެން އެމެރިކާގެ އިގްތިސާދީ ބައިވެރިންނާއެކު އޮތް ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެ އެވެ.

އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތްބާނަން ފެށުމަކީ ވެސް ޓްރަމްޕްގެ ސިޔާސަތުތަކާ މެދު ބަޔަކު ނުރުހުންވާ ސަބަބެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ފެންނަނީ ހަރުކަށިކަމާއި ގޮތްދޫނުކުރުމާ އަދި ބޮޑާކަން

މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވެގެންދަނީ އެމެރިކާ ބައިނަލްއަގްވާމީ މައިދާނުގައި އިތުރަށް އެކަހެރިވެ، އެގައުމުގެ ނުފޫޒު ކުޑަވަމުން ދިއުމެވެ. ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތު އޭގެ އަސްލު މަގުސަދާ ޚިލާފަށް، އެމެރިކާ އެކަހެރިކޮށް، ދުނިޔޭގެ އެހެން ގައުމުތަކާ ދުރުކުރަމުންދާނެ އެވެ.

ޓްރަމްޕްގެ މިހާރުގެ ސިޔާސަތުތަކަކީ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ސިޔާސަތުތަކެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ކޮންމެވެސް ހިސާބަކުން ޔޫ ޓާންއެއް ނަގައި "ކުރިން ބުނި އެތި ކެންސަލް" ކުރާނެކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެ އެވެ. ކަންކަން ފަހުން ނަމަވެސް ވިސްނި ކޮންމެވެސް ހިސާބަކުން އުނބައް ޖަހައި އެމެރިކާގެ ބައިނަލްއަގްވާމީ ގުޅުންތައް ހަރުދަނާކޮށް، ހުޅަނގުގެ ގައުމުތަކާއެކު އޮތް ގުޅުން އަލުން ބިނާކުރުމަށް މަސައްކަތްކުރާނެ ކަމަށް ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ މާހިރުން ދެކެލައްވަ އެވެ.

އެހެންނޫނީ އެމެރިކާގެ ބައިނަލްއަގްވާމީ ނުފޫޒު އިތުރަށް ބަލިކަށިވެ، ދުނިޔޭގެ "ފުލުހުން"ގެ ގޮތުގައި އަދާކުރަމުން ދާ ދައުރު ދެމެހެއްޓުމަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. ޓްރަމްޕްގެ ސިޔާސަތުތަކަށް ބަދަލު ނާންނަނަމަ، އެމެރިކާގެ ބައިނަލްއަގްވާމީ ދައުރު އިތުރަށް ނިކަމެތިވެ، އެކަހެރިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678