ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިއާއިން ބޭރުވާން މަޖުބޫރުވި، އެމެރިކާގެ ވިޔަފާރި ކުންފުނިތަކަށް ރަޝިއާގައި އަލުން އިންވެސްޓްކުރުމުގެ ފުރުސަތު ލިބިދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މުޝީރު ސްޓީވް ވިޓްކޯފް ވިދާޅުވެއްޖެ އެވެ.
ސްޓީވް ވިޓްކޯފް ވިދާޅުވި ގޮތުން ރަޝިއާ އާއި ޔުކްރޭންއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވޭ ދުވަހުން ފެށިގެން، އެމެރިކާގެ ކުންފުނިތައް ރަޝިއާއަށް ގޮސް ވިޔަފާރި ފެށޭނެ އެވެ.
ވިޓްކޯފް މިހެން ވިދާޅުވެފައި މިވަނީ ރަޝިއާގެ އޮފިޝަލުންނާ އެކު ސައޫދީ އަރަބިއްޔާގައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.
މި މަޝްވަރާތަކުގެ އަމާޒަކީ ޔުކްރޭން ހަނގުރާމަ ހުއްޓާލާއި އެމެރިކާއާއި ރަޝިއާއާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކޮށް މައުލޫމާތު ހިއްސާކުރަން ފެށުމެވެ.
އެމެރިކާ އާއި ރަޝިއާއާ ދެމެދު މިހާރު އޮތް އެންމެ ބޮޑު މަސައްކަތަކީ ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ޝަރުތުތަކެއް ކަނޑައެޅުމެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުން މަޝްވަރާތަައް މިހާރުވެސް ކުރިއަށް ދަނީ ރޭވުންތަކާ އެއްގޮތަށެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަމިޓެއް ބޭއްވުމަކީވެސް އެޖެންޑާގައި އޮތް ކަމެކެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އަންނަންޖެހޭ މައުލޫތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ބައްދަލުވުމެކެވެ.
ދެ ރައީސުންގެ ބައްދަލުވުން އޮންނާނެ ގައުމެއް އަދި ކަށަވަރުވެފައި ނެތް ނަމަވެސް ބޮޑަށް ވައްތަރީ އޮންނާނީ ސައޫދީ އަރަބިއްޔާގައި ކަމަށެވެ.
މި ބައްދަލުވުމަށް ސައޫދީން މުޅިން ތައްޔާރު ކަމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފަ އެވެ.