ދުނިޔެ

ޓްރަމްޕަށް އެއްވެސް ކަމެއް ބަދަލު ނުކުރެވޭނެ: ލަވްރޯފް

އެމެރިކާގެ ވެރިކަމަށް ޑޮނަލްޑް ޓްރަމްޕަ ވަޑައިގަތް ނަމަވެސް -- ރަޝިއާ އާއި އެމެރިކާގެ ގުޅުން މިހާރު އޮތް ގޮތުން ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ރަޝިއާއާއި އެމެރިކާއާ ދެމެދު ގުޅުން ބަލިކަށިވެފައި އޮތީ އިތުރަށް ބަދަހިކުރެވޭ ވަރަށް ވުރެ ބޮޑަށް ކަމަށް ލަވްރޯފް ވިދާޅުވި އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަދި ޑޮނަލް ޓްރަމްޕަކީ ވަރަށް ގާތް -- އެކަކު އަނެކަކަށް ސިއްރު މައުލޫމާތު ހިއްސާކުރައްވާ ދެ ލީޑަރުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ވަރަށް ބޮޑެތި ސިއްރުތައްވެސް ޓްރަމްޕް ވަނީ ޕޫޓިންއާ އެކު ހިއްސާކުރައްވާފަ އެވެ.

ނަމަވެސް ލަވްރޯފް ވިދާޅުވީ ނޮވެމްބަރު 5، 2024 ގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕަށް ކުރި ލިބިވަޑައިގެން އެމެރިކާގެ ރައީސްގެ މަގާމަށް އަލުން ވަޑައިގެންނެވި ނަމަވެސް ރަޝިއާ އާއި އެކު ދެން ގުޅުން ކުރިން އޮތް ވަރަށް ރަނގަޅު ނުވާނެ ކަމަށެވެ.

ލަވްރޯފް ވިދާޅުވީ އެމެރިކާގެ ގޮތް މިހާރު ވަރަށް ރަނގަޅަށް އެނގި، ބާވެއްޖެ ކަމަށެވެ. އެމެރިކާގެ ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުރި ނަމަވެސް އެއީ ރަޝިއާއަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ދެކެވަޑައި ނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާއާއި ރަޝިއާ އާއި އެކު އޮތް ގުޅުން ހުޅަނގާ ގުޅިގެން އެމެރިކާ އިން ހަލާކުކޮށްލީ ހަމަ ގަސްދުގައި ކަމަށެވެ. އެއީ އެމެރިކާއިން އަމިއްލަ ދަހިވެތިކަމުގައި ކުރި ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވީ ޔުކްރޭން ލައްވައި ރަޝިއާއާ ހަނގުރާމަ ފަށައި އަދި ނޭޓޯއިން ހަތިޔާރު ދިނެއް ކަމަކު ޔުކްރޭނަށް ކާމިޔާބު ނުވާނެ ކަމަށެވެ. ޔުކްރޭނަށް ލިބޭ ކޮންމެ ކާމިޔާބަކީ އެމެރިކާ އަާއި ހުޅަނގަށް ލިބޭ ކާމިޔާބެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ އިގުތިސާދު ފުނޑާލައި އިންވެސްޓްމަންޓްތައް ހުއްޓުވައި ދުނިޔޭގެ މާލީ ނިޒާމުތަކުން ބޭރުކުރީ އެމެރިކާ އިން ރާވައިގެން އަދި އިސްނަގައިގެން ކަމަށްވެސް ލަވްރޯފް ވިދާޅުވި އެވެ.

ލަވްރޯފް އިތުރަށް ވިދާޅުވީ އެމެރިކާއިން ކުރި މިފަދަ ހުރިހާ ކަމެއް ރަޝިއާގެ ހަނދާނުގައި ހުންނާނެ ކަމަށެވެ. އަދި އެމެރިކާގެ ނުފޫޒުގައި ނުޖެހި ރަޝިއާ ކުރިއަރައިގެން ދާނެ ކަމަށެވެ.