ދުނިޔެ

އިޒުރޭލުން ތުރުކީއާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެފި

ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކަށް އަންކާރާއިން ތާއީދުކުރާތީ އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. މިފަދަ ހާލަތެއްގައި ތުރުކީއާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް، ސަރުކާރަށް ތާއިދުކުރާ ނޭގަލް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ނޭގަލް ކޮމިޝަނަކީ ބެންޖަމިން ސަރުކާރުން ދާދިފަހުން އުފެއްދި ކޮމެޓީ އެކެވެ. މި ކޮމެޓީގެ ޒިންމާ އަކީ އިޒުރޭލަށް ނުރައްކާ އޮތް މިންވަރު ދެނެގަނެ ސަރުކާރަށް ލަފާދިނުމެވެ.

މެދުއިރުމަތީގައި ޔަހޫދީ ދައުލަތެއް ގާއިމުވެފައި އޮތުމަށް ނުރައްކާކުރާ ގައުމުތަކާއި، ދީނީ ތަފާތުކުރުމުގެ ސަބަބުން ޔަހޫދީންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ވެސް މި ކޮމިޝަންގެ ޒިންމާއެކެވެ.

ނޭގަލް ކޮމިޝަނުން ބޮޑުވަޒީރު ބެންޖަމިން ނަތަޔާޔޫގެ ސަރުކާރަށް ހުށަހެޅި ރިޕޯޓްގައި ބުނެފައިވާ ތޮތުން މެދުއިރުމަތީގައި އުޘްމާނީ ޒަމާނުގެ ނުފޫޒު އަލުން އިއާދަކުރުމަށް އަންކާރާއިން އުންމީދުކުރެ އެވެ.

ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކަށް އަންކާރާއިން އެހީތެރިވެ ތާއީދުކުރަނީ ތުރުކީއަށް ބާރުތަކެއް ހޯދުމަށް ކަމަށް ވެސް މި ރިޕޯޓްގައި ބުނެފައިވެ އެވެ.

ތުރުކީ ބޭނުންވާ ގޮތަށް ސީރިއާގެ ހަނގުރާމަވެރި ގުރޫޕްތައް ރުކުރުވާލައިފި ނަމަ، އެއީ އީރާނަށް ވުރެވެސް ބޮޑު ނުރައްކަލަކަށް ކަމަށް ނޭގަލް ރިޕޯޓްގައި ބުނެފައިވެ އެވެ.

ނޭގަލް ކޮމިޝަނުން ސަރުކާރަށް ހުށަހަލާފައިވާ ކަންތައްތަކުގެ ތެރޭގައި 2025 ގެ އަސްކަރީ ބަޖެޓް ބޮޑުކުރުމާއި، ސީރިއާގައި ހަނގުރާމަވެރިން ޖަމާވެ ސައްލާކުރާ ހިސާބުތައް ވަރަށް ރަނގަޅަށް ބަލައި ފާރަލުން ހިމެނެ އެވެ.

އަދި އަސްކަރީ ގާބިލުކަން ސީރިއާއާ ގާތަށް -- ގޯލާން އުސްބިންތަކާ ދިމާއިން ނަމަވެސް، ގާއިމުކުރަން އޮތީ ލަފާދީފަ އެވެ.

ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ބުއްދިލައިދީގެން އިޒުރޭލަށް ނުރައްކާ ކުރުމުގެ ކުރިން ތުރުކީއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ކަމަށްވެސް ނެގެލް ކޮމިޝަނުން ބުނެ އެވެ.

އިޒުރޭލުން ނެގެލް ކޮމިޝަން ހިންގަން ހަވާލުކޮށްފައި ވަނީ އިޒުރޭލުގެ ގައުމީ ސަލާމތަާ ބެހޭ ކައުންސިލްގެ ކުރީގެ ވެރިޔާ ޖެކޮޕް ނެގެލްއާ އެވެ.

މި ކޮމިޝަނުން ހުށަހަޅާ ރިޕޯޓްތައް ދިރާސާކޮށް ސިޔާސީ އަދި އަސްކަރީ ގޮތުން ފިޔަވަޅުއެޅުމަކީ ބޮޑުވަޒީރަށް އަދި އޭނާގެ ކެބިނެޓަށް އޮތް ވާޖިބެކެވެ.