ދުނިޔެ

ނަތަންޔާހޫއާ ހެދި މުޅި ސަރަހައްދުގައި ހުޅުހިފައިފި: އުރުދުޣާން

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ބޮލެއް ނެތް އިންސާނެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުން ނަތަންޔާހޫއާ ހެދި މުޅި ސަރަހައްދުގައި މިހާރު ވަނީ އަލިފާން ރޯވެފަ އެވެ. ހުޅުގަނޑު މުޅި ދުނިޔެއަށް ފެތުރުމުގެ ކުރިން އޭނާ ހުއްޓުވައި އަނދަގޮނޑި ޖަހަން ޖެހޭ ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވި އެވެ.

ނަތަންޔާހޫ އަކީ ބޮލެއް ނެތް އިންސާނެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ އުރުދުޣާން ވިދާޅުވީ ޖާހިލަކަށް ވުރެވެސް އޭނާގެ ހާލަތު ނުބައި ކަމަށެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި ޕާޓީ ބައްދަލުވުމެއްގައި ތަގުރީރުކުރައްވަމުން އުރުދުޣާން ވިދާޅުވީ ނަތަންޔާހޫގެ ކިބައިން ފެންނަނީ އިންސާނުންގެ ލެއަށް ކަރު ހިއްކައިގެންފައި ހުރި މީހެއްގެ ސިފަތައް ކަމަށެވެ. ނަތަންޔާހޫގެ ދެ އަތް އެ ހުރީ ފަލަސްތީން ލެއިން ތަތްތެޅިފައި ކަމަށާއި އެއީ ނަޖިސް މުޑުދާރު މީހެއް ކަމަށްވެސް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ނަތަންޔާހޫ ރުއްސަން ބައެއް ގައުމުތަކުން މުޅި ބައިތުލްމާލު ހުސްކުރި ނަމަވެސް ތުރުކީއަށް ވަރިހަމަ ކަމަށާއި ތުރުކީން ކުރާ ޚަރަދެއް ކުރާނީ އެއީ ދައްޖާލެއްކަން ސާބިތުކުރުމަށް ކަމަށެވެ.

އިޒުރޭލުގެ ވެރިންގެ ނުބައި ވާހަކަ އަދި ޚާއްސަކޮށް ނަތަންޔާހޫގެ ނުބައި ވާހަކަ ހުރިހާ މީޑިއާއެއްގައިވެސް ދައްކަވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. ނަތްނަޔާހޫ އިޒުރޭލުގެ ބޮޑުވަޒީރުގެ މަގާމުގައި ބަހައްޓައިގެން އެ ގައުމަށްވެސް ފައިދާއެއް ނެތް ކަމަށް ތުރުކީގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތުރުކީއަށް ލިބިފައި ހުރި ހުރިހާ ވަސީލަތެއް، ފަލަސްތީނަށް އެހީތެރިވުމުގައި ބޭނުންކުރައްވާނެ ކަމަށެވެ. އަދި ނަތަންޔާހޫއާ ދެކޮޅަށް އަމަލީގޮތުން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ޣާއްޒާ ހަނގުރާމަ ހުއްޓާލަން މުޅި ދުނިޔެ ގޮވާލައި އާދޭސްކުރި ނަމަވެސް ޒަޔަނިސްޓުންނަކީ އަޑުއިވުމުން މަހުރޫމްވެފައި ތިބި ބައެއް ކަމަށެވެ.

ސުލްހައިގެ ރޭވުންތައް ގައުމުތަކުން ރާވަމުން ދާއިރު ބޯ ގުޑާފައި ހުރި ނަތަންޔާހޫ ބަލަނީ ހަމަލާތައް ވަރުގަދަކުރެވޭތޯ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ޣައްޒާއަށް ތުރުކީން ފޮނުވި އެހީތައް ޒަޔަނިސްޓުންނާ ހެދި ވެއްދޭ ގޮތް ނުވެފައި ހުރި ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.