މުޅި ދުނިޔެ އޮތީ ފަލަސްތީނަށް ދަރަނިވެރިވެފައި ކަމަށް ވިދާޅުވެ ނުފޫޒުގަދަ ލީޑަރުންގެ ދެފުށްކެހެރި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އުރުދުޣާން ވިދާޅުވި ގޮތުން ފަލަސްތީނަށް އޮތް ދަރަނި އަދާކުރެވޭނީ އެ މީހުންނަށް މިނިވަން ދައުލަތެއްގެ ޝަރަފު ހޯދައިދެވިގެންނެވެ.
ފަލަސްތީނަށް ކަމެއް ކޮށްދޭން ޖެހުމުން ބާރުގަދަ ގައުމުތަކުން ފަހަތު ފަޔަށް ބުރަވުން ދޭހަކޮށްދެނީ -- އިންސާނީ ހައްގުތަކޭ ކިޔައިގެން އެ ގައުމުތަކުން ދައްކާ ވާހަކަތަކުގައި އިޚުލާސްތެރި ކަމެއް ނެތްކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ދުނިޔެ މިއޮތީ ސައިވެފައި،" އުރުދުޣާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައި ނުފިލުވައި ކުޅިގަނޑު ކުރިއަށް ގެންދަން ހަދައިގެން އިންސާނިއްޔަތުގެ ހިނގުން ފާލުން ނެއްޓިފައި އޮތް ކަމަށެވެ.
"ޒަމާން ފެށުނީއްސުރެ ފަލަސްތީން އޮތީ ހަނގުރާމާގައި،" އުރުދުޣާން ވިދާޅުވި އެވެ.
މިހެން ކަން އޮއްވައި އެ ހަނގުރާމަ ސީރިއާއަށް ފެތުރި ޔަމަނަށް ފުޅާވެ އަދި ލީބިއާ ވަނީ ހަލާކުވެފައި ކަމަށް -- ތުރުކީގައި މިހާރު ކުރިއަށްދާ ޑިޕްލޮމަސީ ފޯރަމްގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.
"ޔުކްރޭން އެ އޮތީ ކުރިން އޮތް ހާލަތަށް ރުޖޫއަ ނުކުރޭވެ ވަރަށް ބަލިކަށި ވެފައި" އުރުދުޣާން ވިދާޅުވި އެވެ.
އޭނާަ ވިދާޅުވީ ޣައްޒާގެ އުމްރާނީ އަދި އިންސާނީ ތަރައްގީ ފުނޑުފުޑު ކުރަމުންދާއިރު -- އަމުރު ހިންގައި އަމަން ބެލެހެއްޓުމަށް އިސްވެ ތިބި ބަޔަކު ކުރަނީ ކީއްތޯ ސުވާލު އުފެދޭ ކަމަށެވެ. ދުނިޔޭގައި އެއްބަޔަކު އަނެއް ބަޔަކަށް އިންސާފު ހޯދައި ދިނުމެއް މިހާރު ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"ފަލަސްތީން އަކީ މިނިވަންކަން ގެއްލިފައި އޮތް ބައިގަނޑެއް،" އުރުދުޣާން ވިދާޅުވި އެވެ.
ޣައްޒާ އެ އޮތީ ވަށާލައިގެން ބައްދާފައި ކަމަށާއި މިފަދަ ނިކަމެތި ހާލަތެއްގައި ތިބި ބަޔަކާ ދެކޮޅަށް ބާރުގަދަ ހުރިހާ ގައުމަކުން ނުކުތުން އެއީ އިންސާފުތޯ އުރުދުޣާން ސުވާލުކުރެއްވި އެވެ.
އެމެރިކާއާއި ޔޫރަޕުން އިޒުރޭލަށް ވާގިވެރިވަނީ އިމެއް ނެތި ކަމަށާއި -- އިޒުރޭލަކީ ހުޅަނގަށް އެހާ މުހިއްމު ބައިގަނޑަކަށް ވާއިރު، އެ މީހުން އާބާދުކުރުމަށް އަރަބިންގެ ބިންތައް ފޭރިގަތީ ކީއްވެތޯވެސް އުރުދުޣާން ސުވާލުކުރެއްވި އެވެ.