ތުރުކީ ސަރުކާރުގެ ވެރިއަކަށް ރަޖަބް ތައްޔިބު އުރުދުޣާން ހުންނެވިހާ ހިނދަކު -- އަދި އިޒުރޭލުން ފާޅުކަން ބޮޑު ގޮތުގައި ޣައްޒާގައި ޖަރީމާތައް ހިންގަމުންދާއިރު -- އިޒުރޭލާ އެކު ބާއްވާނެ ގުޅުމެއް ނެތް ކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ފަލަސްތީނާ ގާތް ގުޅުމެއް ބޭއްވުމަކީ މުސްލިމް އުންމަތަށް އެންމެ ހެޔޮ ގޮތް ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.
ސައުދީއަށް ކުރެއްވި ދަތުރަކަށް ފަހު އެނބުރި ގައުމަށް ވަޑައިގަތް މަގުމަތީގައި -- މަތިންދާބޯޓުގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އުރުދުޣާން ވިދާޅުވީ އިޒުރޭލާ އެކު އިގުތިސާދީ ގުޅުންތައް ވެސް އޮންނާނީ ކަނޑާލާަފައި ކަމަށެވެ.
އިޒުރޭލުގެ ހަމަލާތައް އޮކްޓޯބަރު 2023 ގައި ފަށައިގަތް ތަނުންވެސް، ހަމަލާތައް ހުއްޓާލަން ތުރުކީ ގޮވާލި ކަމަށް އުރުދުޣާން ވިދާލުވި އެވެ.
އިޒުރޭލަކީ ރަހުމަތްތެރިކަން ބާއްވަން އެދޭ ދައުލަތެއް ނަމަ ތުރުކީއަށް ކޮންމެވެސް ގަދަރެއް ކުރާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވި އެވެ.
ތެލްއަވީވުން އެ ހިންގަނީ ބޮޑު ގަތުލު އާންމެއް ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. އެއީ ނަސްލުން ނައްތާލުން ފިޔަވައި އިތުރު އެހެން ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތުރުކީއާ އިޒުރޭލާ ދެމެދު މީގެ ކުރިން ކުރި ވިޔަފާރި މިހާރު އޮންނާނީ ނިމުމަކަށް ގެނެފައި ކަމަށް އުރުދުޣާން ވިދާޅުވި އެވެ. ތުރުކީން އިގުތިސާދީ ގުޅުން ކަނޑާލުމަކުން ޔަހޫދީންނަށް އެއްވެސް ކަމެއްގައި ދަތިވި ކަމަކަށް ނުހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. އަދި ގައުމުން ބޭރަށް ވަޑައިގެން މިނިަވންކަމާ އެކު އުޅުއްވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަން ޚުދު ނަތަންޔާހޫއަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.
ޣައްޒާ ހަނގުރާމަ އަކީ އިޒުރޭލު ލައްވައި އެމެރިކާ ކުރުވާ ހަނގުރާމައެކެވެ. ޔަހޫދީންނަށް އަރަބިންގެ ބިންތައް ވެރިކޮށްދިނުމަށް އެމެރިކާ އާއި އިނގިރޭސިން އަޑީގައި ތިބެގެން މި ޖަރީމާތައް ނުނިމިގެން އުޅެނީ -- ނިންމަން ތިބި ބަޔަކީ ވެސް އެމެރިކާއާ އިނގިރޭސިން ކަމަށް ވުމެވެ.