ދުނިޔެ

ޣައްޒާ ހަނގުރާމާ އެމެރިކާއަށް ހުއްޓުވޭނެ: ތުރުކީ

އެމެރިކާ އަކީ ދުނިޔެއަށް ނުފޫޒުފޯރުވާ އަދި ގައުމުތަކުގެ މެދުގައި ބަސްވިކޭ ގައުމެއް ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވެއްޖެ އެވެ.

ހާކާން ފިދާން ވިދާޅުވީ ޒަޔަނިސްޓުންގެ މައްޗަށް އޮތް ނުފޫޒުގެ ބޭނުންހިފައިގެން ނަމަވެސް އެމެރިކާއަށް ޣައްޒާ ހަނގުރާމަ ހުއްޓުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ ބައްދަލުކުރައްވައި ހާކާން ވިދާޅުވީ ވޮޝިންގްޓަންގެ ރާގު ބަދަލުކޮށްގެން ނޫން ގޮތަކަށް ޣާއްޒާ ހަމަލާތަކަށް އަވަސް ހައްލެއް ނެތް ކަމަށެވެ.

ފަލަސްތީންގެ މައްސަލައަށް ތުރުކީގެ އިޚުތިޔާރަކީ ދެ ދައުލަތެވެ. އެއީ ޒަޔަނިސްޓުންނަށް ވަކި ދައުލަތެއް އޮންނަ ފަދައިން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އޮތުމެވެ.

ތުރުކީން ވަނީ އެކި މައިދާންތަކުގައި ޒަޔަނިސްޓުންގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އަދި އެއްވެސް ޝަރުތެއް ނެތި ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތައް ހުއްޓާލަން ވަނީ ގޮވާލަފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އަދި ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށްވެސް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ޒަޔަނިސްޓުންގެ އަތްފަޔާއި ހަށިތައް ވަނީ ފަލަސްތީން މީހުންގެ ލެއިން ތައްތެޅިފައި ކަމަށެވެ.

އެމެރިކާގައި މި ވަގުތު އޮތް ޖޯ ބައިޑަންގެ ސަރުކާރަކީ ޒަޔަނިސްޓުންނަށް ވަރަށް ކަމޭހިތާ ސަރުކާރެކެވެ.

މެދުއިރުމަތީގައި ޒަޔަނިސްޓް ސަރުކާރެއް ދެމެހެއްޓުމަށްޓަކައި ބޭނުންޖެހިއްޖެ ކޮންމެ ވަސީލަތެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ބައިޑަން ވަނީ ޒަޔަނިސްޓް ވެރިންނަށް ދެއްވާފަ އެވެ.

ޣައްޒާ ހަނގުރާމާގައި ޒަޔަނިސްޓް އަސްކަރިއްޔާ އިން ބޭނުންކުރާ ބޮމާއި ރޮކެޓާއި ވަޒަނަކީ ވެސް އެމެރިކާއިން ސަޕްލައިކޮށްދޭ ހަތިޔާރުތަކެވެ. މި ތަކެއްޗަކީ އެމެރިކާއަށް ވަރަށް ބޮޑު ފައިދާއެއް އޮންނަ ގޮތަށް ސަޕްލައިކޮށްދޭ ތަކެއްޗެވެ.

ޣައްޒާ ހަނގުރާމާގައި ޒަޔަނިސްޓުންނަށް ހަތިޔާރު ސަޕްލައިކޮށްދީގެން އެމެރިކާއިން ވަނީ ވަރަށް ބޮޑު ފައިދާއެއް ހޯދާފަ އެވެ.

ޒަޔަނިސްޓުންގެ ހަމަލާތައް ހުއްޓާލަން އެމެރިކާ ދެކޮޅު ހަދާ އެއް ސަބަބަކީ އެމެރިކާއަށް ލިބޭ ފައިދާއިން ބައެއް އުނިވެދާނެ ކަމަށް ބިރު އޮތުމެވެ.