ދުނިޔެ

އިޒުރޭލަށް ބޯޓުދެލި ވިއްކުން ކޮލަމްބިއާއިން މަނާކޮށްފި

ކޮލަމްބިއާއިން އިޒްރޭލަށް ބޯޓުދެލި ވިއްކުން ރިޔާސީ ގަރާރަކުން މަނާކޮށްފި އެވެ.

މިކަން މިގޮތަށް ކުރައްވާނެ ކަމަށް އެ ގައުމުގެ ރައީސް ގުސްޓާވޯ ޕެތުރޯ ޖޫން މަހު ވަނީ ވިދާޅުވެފަ އެވެ.

ކޮލަމްބިއާ އަކީ އިޒުރޭލަށް ވަރަށް ގިނަ އަދަދަކަށް ބޯޓުދެލި ވިއްކާ ގައުމެކެވެ. އިޒުރޭލަށް ބޭނުންވާ ބޯޓުދެލީގެ 22 ޕަސެންޓް ގަންނަނީ ކޮލަންބިއާއިންނެވެ. އިޒުރޭލުގައި ބޯޓުދެލި ބޭނުންކުރަނީ ހަކަތަ އުފެއްދުމަށެވެ.

ކޮލަމްބިއާ އާއި އިޒްރޭލާ ދެމެދު ފަލަސްތީން -- ޣައްޒާ މައްސަލާގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ މިއަހަރު މޭމަހު ދޭއްގައި ވަނީ ސިޔާސީ ގުޅުންވެސް ކަނޑާލާފަ އެވެ.

އިޒުރޭލު ސިފައިން ޣައްޒާގައި ހިންގަނީ ގަތުލު އާންމެއް ކަމަށް ރައީސް ގުސްޓާވޯ ޕެތުރޯ ކިތަންމެ ފަހަރަކު ވިދާޅުވި އެވެ. މި މައްސަލާގައި އިޒުރޭލާއި ކޮލަމްބިއާ ދެމެދު ހޫނު ބަހުސްތަކެއް ކުރުމަށްފަހު، އިޒުރޭލުން ހަތިޔާރު ގަތުންވެސް ކޮލަމްބިއާ އިން ވަނީ ހުއްޓާލާފަ އެވެ.

ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ހިންގާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލުމާ އެކު ރައީސް ގުސްޓާވޯ ޕެތުރޯ ވަނީ ހަމާސްއިން ހިފަހައްޓާފައި ތިބި ޒަޔަނިސްޓް އަސީރުން ދޫކޮށްލަންވެސް ގޮވާލާފަ އެވެ.

ފާއިތުވި އަހަރު އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 40،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް އަރައިގަތީ ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަނެ ދިން ހަމަލާތަކުގައި ބަޔަކު މަރާލުމާ ގުޅިގެންނެވެ. އަދި ހަމާސް އިން ވަނީ އަސީރުންގެ ގޮތުގައި 200 އަށް ވުރެ ގިނަ ޔަހޫދީން ހިފަހައްޓާފަ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލައި އަސީރުން މިނިވަންކުރުމަށް ކުރެވޭ މަޝްވަރާތައް ފިނިހަކަ ދުވެލީގައި އެތައް ދުވަހަކު އޮތުމަށްފަހު މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

ހަމާސްއިން ބުނާ ގޮތުން އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުންނެވީ ސުލްހަ ގާއިމުކުރައްވާ ގޮތަކަށް ނޫނެވެ. އިޒުރޭލުގެ އޮފިޝަލުން ބުނާ ގޮތުން ހަމާސްއިން ހުށަހަޅާ ޝަރުތުތައް މާގިނައީ އެވެ.