ދުނިޔެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދުރުމިނެއް ނެތް: އެމެރިކާ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އިޒުރޭލާއި ހަމާސްއާ ދެމެދު ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑުވެއްޖެ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު -- ވައިޓް ހައުސްއިން ބުނެފި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ކާބީ ވިދާޅުވި ގޮތުގައި އިޒުރޭލުން ހުށަހަޅާފައި ހުރި ނުކުތާތައް ހަމާސް އިން ގަބޫލުކުރަން ޖެހެ އެވެ. އަދި ހަމާސްއިން ހުށަހަޅާފައިވާ ހުށަހެޅުންތައް އިޒުރޭލުންވެސް ބަލައިގަންނަން ޖެހެ އެވެ.

ހަނގުރާމަ ހުއްޓާލައި ސުލްހަވެވެން އޮތީ ދެކޮޅުންވެސް ދޫދީގެން ކަމަށް މުޝީރު ވިދާޅުވި އެވެ. މަޝްވަރާތަށް މިހާ ހިސާބަށް އައިއިރު ދެކޮޅުންވެސް ދޫތަކެއް ދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޖޯން ކާބީ ވިދާޅުވި ގޮތުގައި މަޝްވަރާތައް ކޮޅެއްގައި ޖެހޭތައް އެމެރިކާއަށް އެބަ ފެނެ އެވެ. އެއީ މީގެ ކުރިން ހާސިލުކުރެވިފައި ނުވާ ވަރުގެ ގާތްމިނެއް ކަމަށްވެސް ވިދާޅުވި އެވެ. ދެން އޮތީ ލަނޑުދަނޑި ހާސިލުކުރުން ކަމަށާއި ސުލްހަ ގާއިމުކުރެވޭނީ ކެރިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ތިން ފިޔަވައްސަކަށް ބަހާލައިގެން މެއި 31 ގައި ހުށަހެޅި ހުށަހެޅުމަށް އެމެރިކާގެ ތާއީދު އޮތް ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވި އެވެ.

މި ހުށަހެޅުމުގައި ފުރަތަމަ ފިޔަވަހިގައި އޮތީ ހަމަލާތައް ހުއްޓާލުމެވެ. އެއަށްފަހު އަސީރުން މިނިވަންކުރުމެވެ. އަދި އާންމު ރައްޔިތުންނަށް ދިރިއުޅެވޭ ވަރަށް ޣައްޒާ އާބާދުކުރުމެވެ.

ޣާއްޒާ ހަނގުރާމަ ހުއްޓާ ނުލެވި ނިމިގެންދާ ކޮންމެ ދުވަހަކީ ޣައްޒާގައި އެތައް ބަޔަކު މަރުވާ ދުވަހެކެވެ. މި ހަނގުރާމަ މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ފަށައިގަތް ފަހުން 39،600 އަށް ވުރެ ގިނަ ފަލަސްތީން މީހުން ވަނީ މަރުވެފަ އެވެ.

ޣައްޒާގެ ހާލަތު މިއަދާ ހަމައަށް އައިއިރު، މުޅި ޣައްޒާ އޮތީ ސުންނާފަތިކޮށްލައި ކުނިގޮނޑަކަށް ހަދާފަ އެވެ. އަދި ޣައްޒާ އާބާދުކުރަން ހިނގާނެ ޚަރަދު އަންދާޒާ ކުރުމަކީވެސް ބޮޑު ބުރައެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.