އާޒިމާ ޝަކޫރު

އާޒިމާގެ ސުވާލެއް: އެޗްޑީސީއިން ހެކި ގެއްލުމުގެ ޒިންމާ ނަގާނީ ކާކުތޯ؟

އެޗްޑީސީގައި ހިނގައިގެން އުޅޭ ބޮޑު ހިޔާނާތުގެ މައްސަލައިގެ ހެއްކާއި ގަރީނާ ގެއްލުމުގެ ޒިންމާނަގާނީ ކާކުތޯ ވިދާޅުވެ، ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ސުވާލު އުފައްދަވައިފި އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭ ސިޓީގެ މޭޔަރުކަމަށްވެސް ވާދަކުރެއްވި، މަޝްހޫރު ގާނޫނީ ވަކީލާ، ސޯޝަލް މީޑިއާގައި އެ ކަމަނާގެ ސުވާލު ކުރިމަތި ކުރެއްވީ، އެޗްޑީސީގެ ކޮމްޕިއުޓަރުތަކެއް ގެއްލިގެން އުޅޭ މައްސަލައަށް އިޝާރާތް ކުރައްވަ އެވެ. އެޗްޑީސީގެ ކޮމްޕިއުޓަރުތަކެއް ގެއްލުނު ހަބަރު އާއްމުވީ ފުލުހުންގެ ތަހުގީގު ކުރިއަށްދަނިކޮށެވެ.

އެޗްޑީސީގެ މައްސަލަ ތަހުގީގު ކުރަނީ ޕްރޮސެކިޔުޓާ ޖެނެރަލްގެ ގާނޫނީ އަމުރަކަށްކަން ފާހަގަ ކުރައްވައި އާޒިމާ ވިދާޅުވީ އެ ތަހުގީގަކީ ފުލުހުންގެ އާދައިގެ ތަހުގީގެއް ނޫން ކަމަށެވެ.

"އެއީ ފުލުހުންގެ ނޯމަލައިޒްޑް ތަހުގީގެއް ނޫން. ޕްރޮސެކިޔުޓާ ޖެނެރަލްގެ އަމުރުނެރުއްވީމާ، ހެއްކާއި ގަރީނާ އާއި ސީން އޮފް ކްރައިމް (މިމައްސަލައިގައި އެޗް.ޑީ.ސީގެ ޢިމާރާތް އަދި އޮފީހުގެ ހުރިހާ ބައިތަކެއް ހިމެނޭގޮތުން) އޮފީހުގެ ރިކޯޑްތައް ފަދަ ހުރިހާ އެއްޗެއް ހުންނަންވާނީ ނުގެއްލޭނޭ ފަދަޔަކުން، ރައްކާތެރިކުރެވިފައި. އަދި މި މައްސަލައަކީ އޮފީހުގެ ތެރޭގައި ހިނގައިގެން އުޅޭ ޖިނާޢީ މައްސަލައަކަށްވުމުން، ހުރިހާ މުއައްޒަފުން ނުހިމެނުނަސް، މިކަން ކުރި މީހުން އެއޮފީހުގައި އުޅޭނެކަމާއި އަދި އެކްސެސް އޮންނާނޭކަން ޤަބޫލުކުރަންޖެހޭނެ. ކުށުގެ މަޢުލޫމާތުތައް ހުންނާނީ އޮފީހުގެ ލިޔެކިޔުންތަކުގައި. އަދި ކޮމްޕިޔުޓަރ ތަކުގައި. މިވަރުވީމާ ދެން ދޯދިޔާކަން ތަންކޮޅެއް ބޮޑު ދެއްތޯ؟ ހެއްކާއި ޤަރީނާގެއްލުމުގެ ޒިންމާނަގާނީ ކާކުތޯ؟" ސޯޝަލް މީޑިއާގައި އާޒިމާ ސުވާލު އުފެއްދެވި އެވެ

އެޗްޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު ތަހުގީގެއް ފަށާފައި ވަނިކޮށް އެ ކުންފުނީގެ ލެޕްޓޮޕްތަކެއް ވަގަށް ނަގާފައިވާކަން ހާމަކޮށް، ފުލުހުން ބުނީ ފަސް ލެޕްޓޮޕް ގެއްލިފައިވަނީ ފަރުކޮޅުގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށެވެ.