މޯލްޑިވްސް ޕޮލިސް ސާވިސް

ގޯތިތަކުގެ ތަހުގީގަށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ފެންމަތިވެގެން އުޅޭ މައްސަލަތަކުގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް އެއްޗެއް އޮތް ނަމަ ހިއްސާކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ ފުލުހުން ތައްޔާރުކޮށްފައިވާ ޕޯޓަލްއަށް ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މައުލޫމާތު ހިއްސާކުރާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާކުރެވިދާނެ ކަމަށެވެ.

"އަދި މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ފުލުހުން ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލަތަކެއްގެ ޖިނާއީ ތަހުގީގު ފެށީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެފަދަ ލިޔުންތަކެއް އުފެއްދި ކަމަށް ބެލެވޭ މީހުންގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި މިއަދުގެ ނިޔަލަށް ހުންނެވި ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދުވެސް ހިމެނެ އެވެ.

މިމައްސަލަތައް ފެންމަތިވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް ވަނީ މިމައްސަލަތައް ތަހުގީގު ކުރުމަށާއި ތަހުގީގުގެ މައުލޫމާތު ކޮންމެ ހަފްތާއަކުވެސް ހިއްސާކުރުމަށް އިދާރާތަކަށް އަމުރުކުރައްވާފަ އެވެ.

މިމައްސަލައިގެ ތަހުގީގު ހިނގަމުންދާތީ ފަޒުލް އާއި ފަޒީލް ހިމެނޭހެން އެޗްޑީސީއާއި ހައުސިން މިނިސްޓްރީގެ އޭރާއި މިހާރުގެ އިސްވެރިންތަކެއް ހިމެނޭ ގޮތަށް ޖުމްލަ 20 ބޭފުޅެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.