ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ހުރިހާ މެންބަރުން ސަސްޕެންޑް ކުރި ނަމަވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހީނާ ވަލީދު މި ޔަގީންކަން ދެއްވީ ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަހުގީގު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަހުގީގު ނިމެންދެން ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.
"މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް އަރުވަމެވެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެޗްޑީސީއާ ގުޅޭ ގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ތަހުގީގު ނިމި ޕީސީބީ އިން ވަކި ގޮތެއް އަންގަންދެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުވެސް ޕީސީބީ އިން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.