ރައީސް އޮފީސް

ޑިމޮކްރެޓްސްގެ ބޭފުޅަކަށް ސިޔާސީ މަގާމެއް

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފެނިގެންދާ ދަ ޑިމޮކްރެޓްސްގެ ބޭފުޅަކަށް އެންވަޔަރަންމަންޓް މިނިސްޓްރީން ސިޔާސީ މަގާމެއް ހަމަޖައްސައިދީފި އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ލީލާ އިބްރާހިމް މަނިކު އެވެ.

ލީލާ ވަނީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ތ. ގުރައިދޫ ދާއިރާއަށް ވާދަކުރައްވާފަ އެވެ.

ސިޔާސީ މަގާމަކަށް ލީލާ އައްޔަންކުރެއްވި ވަކި ދުވަހެއް ސާފެއް ނުވި އެވެ.

ލީލާއަށް ސިޔާސީ މަގާމެއް ހަމަޖައްސައިދެއްވީ ޑިމޮކްރެޓްސް ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގަތުމުން ކަމެއްވެސް އެނގިފައެއް ނުވެ އެވެ.

ސިޔާސީ މަގާމަކަށް އަނެއްކާވެސް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ވަގުތެއްގައެވެ. ނަމަވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިންވެސް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރަމުންދާތީ އާންމުންގެ ޝަކުވާ ބޮޑެވެ.