ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އައިޖީއެމްއެޗްގެ ކުރީގެ ތިން ވެރިންގެ މައްސަލަ އޭސީސީގައި އޮންނަތާ ދެ މަސް

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރް ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ދީގެން ނާޖާއިޒް މަންފާ ހޯދި ކަމުގެ ތުހުމަތު ކުރެވޭ ތިން ބޭފުޅެއްގެ މައްސަލަ އަނބުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާލިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ޕީޖީގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މިއަދު އަވަސްއަށް ވިދާޅުވީ އައިޖީއެމްއެޗްގެ ތިންވެރިޔަކަށް ދައުވާކުރަން ބޭނުންވެ އޭސީސީ އިން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން މިދިޔަ އޮގަސްޓް 23 ވަނަ ދުވަހު އެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ކަމަށެވެ.

ޕީޖީ އިން އެ މައްސަލަ ދިރާސާކުރުމަށްފަހު ބައެއް ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާތީ މިދިޔަ ސެޕްޓެމްބަރު ދެވަނަ ދުވަހު އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައިވާ ކަމަށްވެސް ޝަފީއު ވިދާޅުވި އެވެ.

"އޭގެފަހުން އެ މައްސަލަ ޕީޖީ އޮފީހަކަށް ނުލިބޭ،" ޝަފީއު ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮވިޑް-19ގެ ދުވަސްވަރު އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު ކަމާއި އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ކަން ކުރައްވާފައިވާ މ. ގައްދަޑުގެ ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ މއ. ބަންދުގެ އިބްރާހީމް ސަލީމްގެ އިތުރުން އައިޖީއެމްއެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ގދ. ތިނަދޫ، ގަހާކޯޅި، ޑރ. މިލްޒާ އަބްދުލްމުހްސިންގެ މައްޗަށެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހެޅީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.