ކްރިމިނަލް ކޯޓް

ޝިޔާމަށް ހުކުމްކުރުން ފަސްކޮށްފި

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

ޝިޔާމަށް ހުކުމްކުރުމަށް މިއަދު 11:30 އަށް އޮތީ ތާވަލްކޮށްފަ އެވެ. ނަމަވެސް ހުކުމްކުރުން ކޯޓުން މިހާރު ވަނީ ފަސްކޮށްފަ އެވެ. ފަސްކުރި ވަކި ސަަބަބެއް ކޯޓުން ނުބުނެ އެވެ.

ޝިޔާމަށް ހުކުމްކުރުމަށް މީގެކުރިންވެސް ކޯޓުން ޝަރީއަތުގެ މަޖިލީހެއް ބާއްވަން ތާވަލްކޮށްފައި ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

ޝިޔާމުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ޝިޔާމު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.

ދައުލަތުން ޝިޔާމްގެ މައްޗަށްް ދައުވާ އުފުލީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)ގައި، ޝިޔާމްގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި ޝާކިރުބެ ދިރިއުޅުއްވެވި މައްސަލާގަ އެެވެ.

މިމައްސަލަ އޭސީސީ އިން ތަހުގީގު ކުރީ ޕްރޮސެކިއުޓާ ޖެނަރަލްގެ އެންގެވުމަކަށެވެ.

އޭސީސީން ބުނި ގޮތުގައި ސިފައިންގެ އެމްއާރްސީސީގެ ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭއިރު ޖުލައި 18، 2017 އިން ޑިސެމްބަރު 11، 2018ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި މަރުހޫމް އިބްރާހިމް ޝާކިރު (ޝާކިރުބެ) އެތަނުގައި ދިރިއުޅުއްވާފައިވެ އެވެ. އެހެންވެ އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެން ނުޖެހޭ ފަރާތަކަށް ލިއްބައިދޭ އަމަލެއް ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ.

އެ މައްސަލަ އޭސީސީން ބެލުމަށްފަހު އެންމެ ފުރަތަމަ ނިންމީ ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ. ނަމަވެސް އަލުން އެ މައްސަލަ އޭސީސީން ބަލައި ޝިޔާމަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ ޑިސެމްބަރު 23، 2020 ގައެވެ. ޕީޖީ އޮފީހުން ޝިޔާމަށް ދައުވާކުރީ ޑިސެމްބަރު 28، 2020 ގައެވެ.