އެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރްސީ ހިޔާނާތް: ނަވީންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގައި ހިމެނޭ އެމްއެންޑީއެފްގެ އިސް މަގާމެއްގައި ހުރި ކ. މާލެ، މ. ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައިގައި ނަވީންގެ މައްޗަށް ހަ ދައުވާއެއް ކުރުމަށް އޭސީސީން ވަނީ ނިންމާފަ އެވެ. އެއީ ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި، އެމްއެންޑީއެފްގެ އިސް މަގާމެއްގައި ހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ އިތުރުން، ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ވަނީ މި މައްސަލާގައި ދައުލަތަށް ލިބެން ޖެހޭ އެއް ލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފަ އެވެ.

މި ހިޔާނަތުގެ މައްސަލައާއި ގުޅިގެން 2019 ވަނަ އަހަރުގެ ތެރޭގައި ނަވީން ވަނީ ވަޒީފާއިން ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި 114 ބޭފުޅެއްގެ ނަން ހިމަނާފައިވެ އެވެ.

މީގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންނާއި ސަރުކާރުގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިންނާއި ފަނޑިޔާރުންނާއި ސަލާމަތީ ހިދުމަތްތަކުގެ އިސް ބޭފުޅުން ހިމެނެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި އެ ލިސްޓް އާންމުކުރުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކޮމިޝަނުން ފަހުން ބުނެފައިވަނީ ލިސްޓްގައި ތިބި ހުރިހާ ބޭފުޅުންނަކީ ހިޔާނާތުގައި ބައިވެރިވެގެން އުޅުނު ބޭފުޅުން ނޫން ކަމަށެވެ. މައްސަލަ އެކަށީގެންވާ ގޮތަކަށް ނުބެލި އަދި ދައުލަތަށް އެއްވެސް ފައިސާއެއް ވެސް ހޯދައިނުދެވުމުން އެސެޓް ރިކަވަރީ ކޮމިޝަން މިހާރު ވަނީ އުވާލައްވާފަ އެވެ.