އެމްއެމްޕީއާރުސީގެ ހިޔާނާތް

އެސްއޯއެފްގެ އެކައުންޓް ދޫކޮށްލައިފި

Aug 24, 2022
1

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ދައުރު ކުރުވުމަށް ބޭނުންކުރި އެސްއޯއެފްގެ އެކައުންޓް ފްރީޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ އެކައުންޓް ދޫކޮށްލައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވަނީ އެސްއޯއެފްގެ އެކައުންޓް ދޫކޮށްލާފައިވާ ކަމަށް އަވަަސް އަށް ޔަގީންކޮށްދީފަ އެެވެ. ނަމަވެސް އެއީ އޭސީސީން އެދިގެން ކޮށްފައިވާ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.

"އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ބައެއް މައްސަލަތަކުގެ ތަހުގީގުތައް އަދިވެސް އޭސީސީން ކުރަމުންދާތީ ތަހުގީގު ތެރެއިން އަޅުގަނޑުމެންނަށް އެނގުނީ އެސްއޯއެފްގެ އެކަުއުންޓް ދޫކޮށްލާފައިވާ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އެސްއޯއެފްގެ އެކައުންޓް ދޫކޮށްލީ ސިވިލް ކޯޓުން ބެންކް އޮފް މޯލްޑިވްސްގެ މައްޗަށް ނެރުނު އަމުރަކާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ. އޭސީސީން ބުނި ގޮތުގައި އެސްއޯއެފްގެ އެކައުންޓް ދޫކޮށްލި ވަކި ދުވަހެއް އެ ކޮމިޝަނަކަށް ނޭނގެ އެވެ.

އޭސީސީގެ އޮފިޝަލް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓް އަލުން ފްރީޒް ކުރުމަށްޓަކައި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކޯޓަށް ހުށަހަޅާނެ ވަކި ދުވަހެއް ނުބުނެ އެވެ.

"ކޯޓަށް ހުށަހެޅުމުގެ ކުރިން އަޅުގަނޑުމެން ބަލަންޖެހޭ ކަންތައްތަކެއް އެބަހުރޭ. މިސާލަކަށް އެ އެކައުންޓްގައި މިހާރުވެސް ފައިސާ ހުރިތޯ. ފައިސާ ނެތް އެކައުންޓެއް ފްރީޒްކުރުމުގެ ބޭނުމެއް ނޯންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އޮޑިޓާ ޖެނަރަލް އެކުލަވާލި ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ ތެރެއިން އެސްއޯއެފް އަށް ލިބުނު ފައިސާ ތެރެއިން ދައުލަތަށް ހޯދަން ޖެހޭ 70.17 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ.