ޕޮލިޓިކްސް

ޖަމީލުގެ ނުުރުހުން މުއައްސަސާތަކަށް: މި ސަރުކާރުގެ ހިޔާނާތްތައް ނުބެލޭ!

މި ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ހިޔާނާތްތަކުގެ މައްސަލަ ނުބެލޭ ކަމަށް ވިދާޅުވެ، ކަމާ ބެހޭ މުއައްސަސާތަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލު މިއަދު ކުރެއްވި އެއް ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ދިމާވުމުން އެއާ ގުޅިގެން ސަރުކާރުން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އަމަލުތައް އެއްވެސް މުއައްސަސާއަކުން ބެލިފައި ނުވާ ކަމަށެވެ.

"[ކޮވިޑް-19 ގެ ކަންކަމަށް އެއް ބިލިއަން [ރުފިޔާ] ހަރަދުކުރިއިރު، ބޮޑެތި ޖަރީމާތައް ހިންގާފައިވޭ، ވެންޓިލޭޓަރު ގަނުމުގެ ނަމުގައި ދެ މިލިއަން ޑޮލަރު ވުޖޫދުގަ ނެތް ކުންފުންޏަކުން ނެގިއިރު، ފުލުހުންގެ މުއައްސަސާއާއި އެންޓި ކޮރަޕްޝަން ކޮމިޝަން ކޮބައިތޯ؟" ޖަމީލު ކުރެއްވި ޓްވީޓުގައި ސުވާލު ކުރެއްވި އެވެ.

އެސްޓީއޯ މެދުވެރިކޮށް ވެސް ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް ޖަމީލު ތުހުމަތު ކުރެއްވި އެވެ. ކަރަންޓީނު ކުރުމަށް އެކަހެރި ކުރި މީހުން ހާލުގައި ޖައްސާފައި، ދައުލަތުން އެއަށް ކުރި ހޭދައިގެ ނާޖާއިޒް ފައިދާތަކެއް ބަޔަކު ނެގި ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ. އެ މައްސަލަތައް ތަހުގީގު ކުރަމުންދޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޖަމީލު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ޖަމީލު ވިދާޅުވީ، "ސިޔާސީ ހާލަތަށް ފެތޭ ގޮތަށް" އަމަލު ކުރާ ޕްރޮސެކިއުޓަ ޖެނެރަލްއަކަށް ބަރޯސާނުކޮށް އެހެން މުއައްސަސާތައް ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރެވެމުންދާ ގޮތާ މެދު ވެސް ޖަމީލު ފާޑުވިދާޅުވި އެވެ. އޭގައި އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ގޭގައި ހުންނެވިއިރު، ތުހުމަތު ކުރެވޭ އެހެން މީހުންގެ މައްސަލަތައް ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ މައްސަލަތައް ކިތަންމެ ގިނައަސް ޒިޔަތާއި އަދީބު ގޭގައި. މިއީ ކެރިގެން އިންސާފު ގާއިމު ކުރުމުގެ ހަމަތޯ ނުވަތަ އިންސާފަކީ ވަކި ބައެއްގެ ކިބައިން ބަދަލު ހިފުންތޯ،" ޖަމީލު ކުރެއްވި ޓްވީޓެއްގައި ލިއުއްވާފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ހުކުމް ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެކަންޏެވެ. ޖަމީލަކީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުގެ ޓީމުގައި އިސްކޮށް އުޅުއްވާ އެއް ވަކީލެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބުނާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައި ވަނީ ނުހައްގު ދައުވާއެއް ކަމަށެވެ.

މި ސަރުކާރުގެ ހިނާޔަތްތައް މުއައްސަސާތަކަށް ނުބެލޭ ކަމަށް ވިދާޅުވެ ޖަމީލު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، ކޮވިޑް-19 ގެ ކަންކަމުގައި ހިނގި ކަންތައްތަކާ ގުޅޭ ތަހުގީގެއް އޭސީސީން ފެށި އެވެ. ނަމަވެސް އޭސީސީން ކުރި ތަހުގީގުގައި އެފަދަ ފާހަގަ ނުކުރެވޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ފުލުހުންގެ މުއައްސަސާއާއި އޭސީސީއާއި ޕީޖީގެ އިތުރުން އެެހެން މުއައްސަސާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާތީ ބޮޑެތި ހިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިގެން ނުދާ ކަމުގެ ކަންބޮޑުވުމަކީ ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ބޮޑަށް ފާޅުކުރެވޭ އެއް ކަންބޮޑުވުމެވެ.