ހަބަރު

ޔާމީންއާ ދެކޮޅަށް ހެކިބަސް ދިނީ ވަކި ގޮތަކަށް ރާވައިގެން: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުގެ ހެކިން ހެކި ބަސް ދިނީ ދުރާލައި ވަކި ގޮތަކަށް ރާވައިގެން ވަކި މިސްރާބަކަށް ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީއިން އެސްއޯއެފްއަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދެވި މައްސަލާގައި އެމަނިކުފާނުގެ ކުށްވެރިވެ، ކުރިމިނަލް ކޯޓުން ވަނީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން އިއްވި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި އެވެ. އެ މައްސަލާގައި މިހާތަނަށް ހަތަރު އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. އެގޮތުން މިއަދު ހެނދުނު ބޭއްވި އަޑުއެހުމަކީ ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތައް ތަފްސީލްކޮށް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

މީގެ ކުރީ އަޑުއެހުމުގައި ރައީސް ޔާމީންގެ އިސްތިއުނާފީ 75 ނުކުތާ ހުލާސާކޮށް ހުށަހެޅުއްވި އެވެ. އަދި އޭގެ ތެރެއިން 10 ނުކުތާއެއްގެ ތަފްސީލަށް ދިޔަ އެވެ. މިއަދު ވަނީ 11 ވަނަ ނުކުތާއިން ފެށިގެން 75 ވަނަ ނުކުތާގެ ތަފްސީލް ވަކީލުން ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.

މިއަދު ފާހަގަކުރި ނުކުތާތަކުގައި ވެސް އެންމެ ބޮޑަށް ވަކީލުން ފާހަގަ ކުރެއްވީ މައްސަލާގައި ހިމެނޭ ހެކިންގެ ވާހަކަ އެވެ. އެގޮތުން ރައީސް ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންނަށް މާކުރިން ވަކި ގޮތަކަށް ހެކި ބަސް ދިނުމަށް އަންގައި އެކަން ރާވާފައިވާ ކަމަށް ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވި އެވެ.

ރައީސް ޔާމީންއާ ދެކޮޅަށް އެމަނިކުފާނާ އެއް އިރެއްގައި ވަރަށް އަރިސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ހެކި ބަސް ދެއްވާފަ އެވެ. ޝަރީއަތުގައި ވަކީލުން ފާހަގަ ކުރައްވަނީ މި ތިން ބޭފުޅުންގެ ހެކި ބަހުގެ މައްސަލަ އެވެ.

އެގޮތުން އެ ހެކިން އެއް ދުވަހާ ހާޒިރުކޮށް އެއް ހެކިވެރިޔަކު ދައްކާ ވާހަކަ އަނެއް ހެކިވެރިއަކަށް ނޭނގޭނެ ގޮތުގެ އިންތިޒާމް ހަމަޖެއްސުމަށް އެދުމުން ވެސް ކޯޓުން އެކަން ކޮށްދީފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޓީވީއިން ލައިވްކޮށް ޝަރީއަތް ކުރިއަށް ގެންގޮސް، އެއް ހެކިވެރިޔަކު ދައްކާ ވާހަކަ އަނެއް ހެކިވެރިޔަކަށް އެނގި އެއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ހެކިންނަށް ލިބިގެންދިޔަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމާއި އެ ބޭފުޅުންގެ ހެކި ބަސް ބަލައިގަނެގެން ނުވާނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ޒިޔަތު ދައްކަވާފައިވާ ވާހަކަތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ނުލިބިގެން ރައީސް ޔާމީން ގުޅުއްވި ކަމާއި އެ ފައިސާ ހަވާލު ކުރީ ރައީސް ޔާމީން އެންގެވި ފަރާތްތަކާ ކަމަށް ޒިޔަތު ވިދާޅުވެފައިވީ ނަމަވެސް އެއަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް ޒިޔަތުގެ އެ ވާހަކައަށް ވަނީ ކުށް ސާބިތު ކުރުމުގައި ރިއާޔަތްކޮށްފަ އެވެ.

މީގެއިތުރުން ވަކީލް ޝިޔާޒު ވިދާޅުވީ ރައީސް ޔާމީން މަނީލޯންޑްރިންގެ ކުށް ކުރެއްވި ކަމަށް ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ކުށުގެ އުންސުރުތައް ވެސް ސާބިތުކޮށްދީފައިނުވާ ކަމަށެވެ. ކުށުގެ އުންސުރުތައް ސާފުކޮށް ބަޔާންކޮށް އެ ސާބިތުކޮށް ދިނުމުގައި ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އެހެންނަމަވެސް، މި މައްސަލާގައި ދައުލަތުން ހުށަހަޅާނާޅާ ކަންކަމަށް ވެސް ރިއާޔަތްކޮށް ކުރިމިނަލް ކޯޓުގެ ބެންޗުން އިއްވި ހުކުމުން އެ ގާޒީންނަކީ ވެސް މި މައްސަލާގައި ހިމެނޭ ހައްސްމެއް ކަމަށް ބެލެވޭ ކަމަށް ވަކީލް ވިދާޅުވި އެވެ. ގާޒީން ހުކުމް އިއްވާފައިވަނީ ވަކި މިސްރާބަކަށް ބައްޓަންކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ. ވަކީލް ވަނީ އެއް ގާޒީއަކު ބައްލަވަމުން ގެންދެވި މައްސަލައެއްގައި ހުކުމް އިއްވުމަށް ކުއްލިއަކަށް ބެންޗެއް އެކުލަވާލާފައިވަނީ ވެސް ގޯސްކޮށް ކަމަށް ވިދާޅުވި އެވެ.

ދެން، ވަކީލް ޝިޔާޒު އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ރައީސް ޔާމީންގެ ކުށުގެ ނިޔަތެއް ނެތް ކަމުގެ ނުކުތާތަކުގެ މައްޗަށެވެ. އެގޮތުން މި މައްސަލާގައި އެއް މިލިއަން ޑޮލަރު ރައީސް ޔާމީން، އޭސީސީގެ އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވި ކަމާއި އެހެންކަމުން އެއްވެސް ގެއްލުމެއް ދައުލަތަށް ލިބިފައިނެތް ކަމަށެވެ. އޭސީސީއާއެކު ހެދި އެއްބަސްވުމުގައި ބުނެފައިވަނީ އެއް މިލިއަން ޑޮލަރު ޖަމާކުރުމަށް ކަމަށާއި އެގޮތުގެ މަތިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީން ޖަމާކުރެއްވި ކަމަށެވެ. އެ ފައިސާއަކީ އެހެން އެކައުންޓަކުން ޖަމާކުރި ފައިސާއެއް ކަމަކު، އޭގައި ކުށުގެ ނިޔަތެއް ނެތް ކަމަށެވެ. އެކަމުން އެނގިގެން ދަނީ ރައީސް ޔާމީންގެ ހެޔޮ ނިޔަތް ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފަައިސާ އެ އެކައުންޓުން ނަގައި، އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރެއްވިއިރު އެ ފައިސާއާ މެދު ޝައްކެއް ނެތް ކަމާއި އެފަދަ ޝައްކެއްގެ ވާހަކަ އޭސީސީ ވެސް އެމްއެމްއޭއިން ވެސް އަންގާފައިނުވާ ކަމަށެވެ. އެހެންކަމުން ޝައްކެއް ނެތް ފައިސާއެއް ބޭނުން ކުރުމުގައި ހައްގު އޮންނާނެ ކަމާއި އޭގައި ކުށުގެ ނިޔަތެއް ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް ޔާމީންއަށް ފަހުން ވަނީ އެސްއޯއެފްގެ ފައިސާ ޖަމާވި އެކައުންޓުން އެއްވެސް މުއާމަލާތެއް ނުކުރުމަށް އަންގާފަ ކަމަށާއި އެހެންކަމުން އެސްކްރޯ އެއްބަސްވުމުގެ ދަށުން ވެސް އެ އެކައުންޓުން މުއާމަލާތްތައް ނުހިންގޭނެ ކަމަށެވެ. އަދި އެ އެއްބަސްވުން ހެދިއިރު ވެސް އެ އެކައުންޓްގައި އެއް މިލިއަން ޑޮލަރު ނެތްކަން އެނގޭނެ ކަމަށާއި އެހެންކަމުން އެއްބަސްވުމުގެ މަގުސަދަކީ ވެސް އެއް މިލިއަން ޑޮލަރު، ކޮންމެ އެކައުންޓަކުން ވިޔަސް ޖަމާކުރުންކަން އެނގިގެންދާ ކަމަށެވެ. އެގޮތަށް ރައީސް ޔާމީން އަމަލު ކުރެއްވި ކަމަށް ޝިޔާޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުރިހާ ނުކުތާއެއް ހުށަހަޅައި ނިމުމުން މިއަދުގެ އަޑުއެހުން ނިންމާލި އެވެ. އަދި މާދަމާ ނޫން އަނެއް ދުވަހަށް އިތުރު އަޑުއެހުމެއް ތާވަލު ކުރި އެވެ. އެ އަޑުއެހުމަކީ ދައުލަތުގެ ޖަވާބު ހުށަހެޅުމަށް ބާއްވާ އަޑުއެހުމެކެވެ. އެއަށްފަހު އެ ޖަވާބާމެދު ވާހަކަ ދެއްކުމަށް ރައީސް ޔާމީނަށް ފުރުސަތު ލިބޭނެ އެވެ. މައްސަލާގެ އަޑުއެހުންތައް ނިންމާލާނީ އެއަށްފަހު އެވެ.

މިއަދުގެ އަޑުއެހުމަށް ހުދު ކުލައިގެން އަތްދިގު ގަމީހެއް ތުރުކުރައްވައިގެން ރައީސް ޔާމީން ވަޑައިގެން އިންނެވިއިރު އަރިހުގައި ވަކީލުންގެ ޓީމް ތިއްބެވި އެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވެސް އިންނެވި އެވެ.

މިއަދުގެ އަޑުއެހުން އަޑުއަހަން ވެސް ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުން ވަނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ އިސް ބޭފުުޅުން ވެސް ހިމެނެ އެވެ. ކޯޓު ބޭރު ބެރިކޭޑް ޖަހައި ފުލުހުން ބަންދުކޮށްފައި އޮތްއިރު ބޭރުގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އަޑުގަދަ ކުރަމުން ވެސް ބަޔަކު ދިޔަ އެވެ. ޝަރީއަތުގެ އަޑުއެހުމަށްފަހު މިހާރު ރައީސް ޔާމީން ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.