ހަބަރު

ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީއަތް ބުދަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ. މި އަޑުއެހުމަކީ މައްސަލާގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވައި އަޑުއެހުމެވެ. އެ އަޑުއެހުމަށްފަހު ދެން އޮންނާނީ ހުކުމް ކުރާ މަޖިލީހެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ގިނަ ނުކުތާތަކަށް ދައުލަތުން ޖަވާބުދާރީވެފައިވަނީ މާޗް މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމެވެ. އެ އަޑުއެހުމުގައި ވަނީ މާޗް މަހުގެ 22 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފަ އެވެ.

ނަމަވެސް އެ ދުވަހަށް އަޑުއެހުން ނުބޭއްވުނީ މާޗް 19 ވަނަ ދުވަހު ސަރުކާރު ބަންދު ކުރުމާ ގުޅިގެން ކޯޓުތަކުގެ ޝަރީއަތްތައް މެދުކަނޑާލުމުންނެވެ. ލޮކްޑައުންގެ މުއްދަތުގައި ހައިކޯޓުން އޮންލައިންކޮށް ބައެއް ޝަރީއަތްތައް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެއީ ހުކުމާ ހަަމައަށް ގޮސްފައިވާ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކާއި ބަންދާ ގުޅޭ މައްސަލަތަކެވެ.

ސަރުކާރު ހުޅުވުމާއެކު ކޯޓުގައި އާންމު އުސޫލުން ޝަރީއަތްތައް ބާއްވަން ފެށީ މިއަދު އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވެގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރި އެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނާ ބައްދަލު ކުރަން ވެސް އުޅުނެވެ. ނަމަވެސް ފަނޑިޔާރު އެ ބައްދަލުވުމެއް ބޭއްވުމަށް އެއްބަސްވެވަޑައިނުގެންނެވި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރު ޖަލުގައި ހުންނެވި ރައީސް ޔާމީންގެ މައްޗަށް އިތުރު މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާ އުފުލައި ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. އެ މައްސަލާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ވަރަށް އަވަހަށް ފަށާނެ އެވެ.