ހަބަރު

ޔާމީންއަށް ތަހުގީގުގައި ސުވާލުކުރި ކުށާމެދު ދެބަސްވުމަކަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތަހުގީގުގައި ސުވާލުކުރިއިރު އެންގި ކުށާއި ދައުވާ ކުރި ކުށް ދިމާނުވާ ކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނާ ބުނުމަށް ދައުލަތުން ރައްދު ދިނުމުން ދެބަސްވުމަކަށް ހިނގައްޖެ އެވެ.

އެމްއެމްޕީއާރްސީއިން އެސްއޯއެފްއަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދެވި މައްސަލާގައި އެމަނިކުފާނުގެ ކުށްވެރިވެ، ކުރިމިނަލް ކޯޓުން ވަނީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން އިއްވި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި އެވެ. އެ މައްސަލާގައި މިހާތަނަށް ފަސް އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. އެގޮތުން މިއަދު ބޭއްވި އަޑުއެހުމަކީ ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދާރީވެފަ އެވެ.

އޭގެ ތެރެއިން އެއް ނުކުތާއަކީ ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރެއްވި ތަހުގީގީ ސުވާލާ ގުޅޭ ނުކުތާ އެވެ. ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ތަހުގީގު ހިންގިިއިރު މަނީ ލޯންޑްރިންގެ ކުށާ ގުޅޭ ގޮތުން ސުވާލުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސުވާލުކޮށްފައިވަނީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގައި ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންއަށް ތުހުމަތު ކުރަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުންކަން ގާނޫނީ އިންޒާރު، ތަހުގީގު މަރުހަލާގައި ދިންއިރު ބަޔާން ކޮށްފައިވާނެ ކަމަށެވެ. ރައީސް ޔާމީނަށް ފުލުހުން ދީފައިވާ ގާނޫނު އިންޒާރުން ވެސް އެކަން ސާފުކޮށް ފެންނަން އޮތް ކަމަށާއި އޭގައި ރައީސް ޔާމީން ސޮއި ކުރައްވައި އިނގިލީގެ ނިޝާން ޖަހާފައިވާކަން ވެސް ފާހަގަ ކުރެއްވި އެވެ. އެކަން އިތުރަށް ޔަގީންކޮށް ދިނުމަށް ދައުލަތުން ވަނީ ރައީސް ޔާމީންއަށް ތަހުގީގުގައި ގާނޫނީ އިންޒާރު ދިންއިރުގެ ވީޑިއޯ ރިކޯޑިން ހުށަހަޅާފަ އެވެ.

މިއަދު ޝަރީއަތުގައި އެ ވީޑިއޯ ބެލި އެވެ. އެ ވީޑިއޯގައި ފެންނަނީ ރައީސް ޔާމީނަށް ގާނޫނު އިންޒާރުދޭ ތަނެވެ. ފުލުހަކު، ރައީސް ޔާމީނަށް ގާނޫނީ އިންޒާރު ދެމުން ބުނަނީ ސުވާލު ކުރަނީ އެސްއޯއެފްގެ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެ، އެ ފައިސާ އިސްލާމިކް ބޭންކްގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށް އެ ލޯންޑާކުރި މައްސަލާގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގަ ކަމަށެވެ. އަދި، އޭގެ ފަހުން ވަނީ ރައީސް ޔާމީނަށް ތުހުމަތު ކުރަނީ މަނީ ލޯންޑްރިން ގާނޫނޫގެ ދަށުންކަން އަންގާފަ އެވެ. ރައީސް ޔާމީން، އެ ގާނޫނު އިންޒާރު ކިޔުއްވުމަށްފަހު ސޮއި ކުރައްވައި އިނގިލީގެ ނިޝާން ޖައްސަވަ އެވެ.

އެއާއެކު، ވަކީލް ޝިޔާޒު ވަނީ ދައުލަތުން އޮޅުވާލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ޝިޔާޒު ވިދާޅުވީ ގާނޫނު އިންޒާރު ފުލުހުން ދީފައިނުވާ ކަމަކަށް ފާހަގަކޮށްފައިނުވާނެ ކަމަށެވެ. ފާހަގަކުރަނީ ސުވާލު ކުރީ މަނީ ލޯންޑްރިންގެ ކުށާ ގުޅިގެން ނޫން ކަމަށެވެ. އަދި ދައުލަތުން ދަނީ ކަންކަން ވަންހަނާ ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާޒުގެ އެ ވާހަކަތައް ވެސް ދައުލަތުން ދިން ޖަވާބަކީ ހަމަ ކުރިން ވެސް ދިން ޖަވާބެވެ. ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ، ރައީސް ޔާމީނަށް ގާނޫނު އިންޒާރު ދިނުމުގައި މަނީ ލޯންޑްރިން ގާނޫނުގެ ދަށުން އިންޒާރު ދީފައިވާނެ ކަމަށެވެ. އެ ނުކުތާއާ ގުޅިގެން ދެބަސްވުން ބޮޑުވެފައިވަނިކޮށް އަންނަ އަޑުއެހުމުގައި ތަފްސީލްކޮށް އެކަމާމެދު އިތުރަށް ވާހަކަ ދައްކަން ފުރުސަތު ލިބިގެންދާނެ ކަމަށް ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވި އެވެ.

އަމިއްލައަށް ތަސްދީގުކުރި ގާނޫނެއް، ކުށެއްކަން އެނގޭނެ!

މި ނުކުތާގެ އިތުރުން ދައުލަތުން ވަނީ އެހެން ނުކުތާތަކަށް ވެސް ތަފްސީލް ޖަވާބެއް ދެއްވާފަ އެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާއިރު އޭގެ އުންސުރުތައް ފުރިހަމަ ނުވާ ކަމަށް ބުނާ ނުކުތާއަށް ޖަވާބު ދިނެވެ. ދައުލަތުން ބުނާ ގޮތުގައި ކުށުގެ އުންސުރުތައް ފުރިހަމަ ނުވާ ކަމަކަށް ނުބުނެވޭނެ އެވެ. މިއީ އަމަލުން ފުރިހަމަވާ ކުށެއް ކަމަށެވެ.

އޭގެއިތުރުން ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރި މަނީ ލޯންޑްރިންގެ ކުށުގެ ގާނޫނަކީ އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނު އަމިއްލަފުޅަށް ތަސްދީގުކޮށްފައިވާ ގާނޫނަކަށްވާއިރު ދައުވާގައި ބުނާ ކުށަކީ ކުށެއް ނޫން ކަމަށް އެމަނިކުފާނަށް ނޭނގޭނެ ކަމަށް ނުބެލެވޭނެ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ރައީސް ޔާމީން ގެންދެވެނީ އެމަނިކުފާނަށް ލިބުން ފައިސާތައް އިންވެސްޓްކޮށް އޭގެން ފައިދާ ނަގަމުން ކަމަށާއި އެހެންކަމުން އެއީ މަނީ ލޯންޑްރިން ކަމަށް ބެލެވޭނެ ކަމަށެވެ.

ރައީސް ޔާމީނަކީ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިއިރު ބޭފުޅަކަށްވާއިރު އަމިއްލަ ވިޔަފާރިއެއް ކުރުމުގެ ހައްގު ނޯންނާނެއިރު އެ ފައިސާ އަމިއްލަ ކުންފުންޏަކަށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރުމުން އޭގެގައި ޝައްކު އުފެދެން ޖެހޭނެ ކަމަށެވެ. އަދި، އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާކުރުމަށް ގެންގުޅުނު ކުންފުންޏެއްކަން އެނގޭއިރު އެ ކުންފުނިން ފައިސާތަކެއް ޖަމާކުރުމުން އޭގައި ޝައްކުވާކަން އިތުރަށް އެނގެން ޖެހޭނެ ކަމަށެވެ.

އެ އެއް މިލިއަން ޑޮލަރަކީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތަށް ލިބޭ ފައިސާއެއް ކަމަށް ވިދާޅުވި ނަމަވެސް އެއީ ގާނޫނު ނުދަންނަ ވިދާޅުވުމެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ސިޔާސީ ގޮތުން ފައިސާ ހޯދޭނެ ގޮތްތައް ގާނޫނުގައި ކަނޑައަޅާފައިވާއިރު އިންތިހާބަކަށް ފައިސާ ހޯދާނަމަ، އެ ފައިސާއެއް ޖަމާކުރަން ޖެހޭނީ ކެންޑިޑޭޓް ނުވަތަ ކެންޑިޑޭޓްގެ ރަސްމީ އެޖެންޓްގެ އެކައުންޓަށް ކަމަށެވެ. އަދި، އިންތިހާބުތަކަށް އަމިއްލަ ކުންފުނިތަކަށް ދެވޭނެ ފައިސާގެ އަދަދު ކަނޑައަޅާފައިވާއިރު އެސްއޯއެފްއިން ދީފައިވާ ފައިސާއަކީ އޭގެ މާބޮޑު އަދަދެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އެސްއޯއެފްއިން ޖަމާކުރި ފައިސާއަކީ ރައީސް ޔާމީންއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޭން ޖެހޭ ފައިސާތަކެއް ކަމަށް ވިދާޅުވި ނަމަވެސް، އަހުމަދު އަދީބަކީ ވެސް ވިޔަފާރި ކުރުމުގެ ހައްގު އޭރު ނެތް ބޭފުޅަކަށްވާއިރު އެހާ ގިނަ ފައިސާ އަދީބު ހޯއްދެވި ގޮތަކީ ވެސް ޝައްކު އުފެދެން ޖެހޭ ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެއީ ސިޔާސީ ހަރަކާތްތަކަށް ހޯއްދެވި ފައިސާ ކަމަށް ވިދާޅުވީ ނަމަވެސް އެ ފައިސާ އިންވެސްޓްކޮށް އެކައުންޓަށް ޖަމާކޮށްފައިވަނީ ރިޔާސީ އިންތިހާބަށް ވެސް ނުނެގޭ ގޮތަށް ކަމަށްވާއިރު ރައީސް ޔާމީންގެ ނިޔަތް ސާފު ނޫންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ހެކި ބަސް ދުރާލައި ރޭވުމެއް ނެތް!

ދެން ރައީސް ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރި ނުކުތާއަކީ ހެކިންގެ ހެކި ބަހާ ގުޅޭ ގޮތުންނެވެ. ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ މި މައްސަލާގައި ހެކިން ހެކި ބަހަށް ރިއާޔަތްކޮށް ހެކި ބަސް ނަގާފައިވަނީ ވެސް ވަނީ ރަނގަޅަށް ކަމަށެވެ. އެގޮތުން އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށް ބުނެ އެ ބޭފުޅުންގެ ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ވަކީލް އައިޝަތު ވިދާޅުވީ އެ ދެ ބޭފުޅުންގެ ހެކި ބަސް ދަށު ކޯޓުން ބަަލައިގެންފައިވަނީ ބާރުދޭ އެހެން ހެކިތަކެއް ހުރުމުން ކަމަށެވެ. ބާރުދޭ އެހެން ހެކިތަކެއް ހުރިނަމަ، ކުށުގެ ތުހުމަތުވާ މީހުންގެ ހެކި ބަހަށް ވެސް ރިއާޔަތް ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.

އަދި، ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކި ބަސް ދޭން އެ ދެ ބޭފުޅުންނަށް ލުއިތަކެއް ދިން ކަމަށް ބުނާ ބުނުން ވަކީލް ދޮގު ކުރެއްވި އެވެ. ވަކީލް ވިދާޅުވީ އެ ދެ ބޭފުޅުން ގެއަށް ބަދަލުކުރީ ބަލި ހާލަތަށް ބެލުމަށްފަހު ކަމަށެވެ. ރައީސް ޔާމީންއާ ދެކޮޅަށް ހެކި ބަސް ދޭތީ އެއްވެސް ލުއި ނުދޭ ކަމަށެވެ. އޭގެ ބަދަލުގައި އަދީބަށާއި ޒިޔަތު ކުރާ ދައުވާތައް ވެސް ކުރިއަށް ގެންދިޔަކަން ފާހަގަ ކުރެއްވި އެވެ. އަދި އަދީބު ފިލި މައްސަލާގައި ދައުވާކޮށް ޖަލު ހުކުމެއް އިއްވިކަން ވެސް ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ހެކިންނަށް ހެކި ބަސް ދުރާލައި ރާވައި ހަދަން ފުރުސަތު ލިބުނު ކަމަށް ވެސް ރައީސް ޔާމީންގެ ވަކީލް ކުރިން ވިދާޅުވި އެވެ. އެއަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ އެއީ ހަގީގެއް ނޫން ކަމަށެވެ. ދަށު ކޯޓުގައި ހެކި ބަސް ނެގިއިރު ހެކިވެރިން ވާހަކަ ދެއްކީ ތަހުގީގު ބަޔާނުގައިވާ ކަންކަމާ ގުޅޭ ގޮތުން އެކަނި ކަމަށާއި އިތުރު ވާހަކަ ދެއްކުމަށް ފުރުސަތު ނުދޭ ކަމަށެވެ.

ރައީސް ޔާމީންގެ ނުކުތާތަކަށް ދައުލަތުން ޖަވާބުދީ މިއަދު ނިންމިއިރު، ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެ އަޑުއެހުމަކީ މި މައްސަލާގެ އެންމެ ފަހު އަޑުއެހުމެވެ. ދެ ފަރާތަށް ވެސް އެންމެ ފަހުގެ ވާހަކަތައް ދެއްކުމަށް ފުރުސަތު ދޭނެ އެވެ. އޭގެ ފަހުން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.

މިއަދުގެ އަޑުއެހުމަށް ހުދު ކުލައިގެން އަތްދިގު ގަމީހެއް ތުރުކުރައްވައިގެން ރައީސް ޔާމީން ވަޑައިގެން އިންނެވިއިރު އަރިހުގައި ވަކީލުންގެ ޓީމް ތިއްބެވި އެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވެސް އިންނެވި އެވެ.

މިއަދުގެ އަޑުއެހުން އަޑުއަހަން ވެސް ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުން ވަނެވެ. އެހެން އަޑުއެހުންތަކާ ހިލާފަށް މިއަދުގެ އަޑުއެހުމަށް ޕީޕީއެމްގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ވަޑައިނުގަންނަވަ އެވެ. ކޯޓު ބޭރު ބެރިކޭޑް ޖަހައި ފުލުހުން ބަންދުކޮށްފައި އޮތްއިރު ބޭރުގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އަޑުގަދަ ކުރަމުން ވެސް ބަޔަކު ދިޔަ އެވެ. ޝަރީއަތުގެ އަޑުއެހުމަށްފަހު މިހާރު ރައީސް ޔާމީން ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.