ރައީސް ޔާމީންގެ ޝަރީއަތް

ކަފާލަތު ނުދިން އަމުރު ރިވިއުކޮށްދޭން އެދުމުން ބަލައެއްނުގަތް

ކަފާލާތުގެ ދަށުން މިނިވަން ނުކުރުމަށާއި ހުކުމް ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށް ހައިކޯޓުން ނެރުނު އަމުރު ރިވިއުކޮށް ދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންނެވި ނަމަވެސް އެކަން ބަލައި ނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ހުކުމް ފަސްކޮށް ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމަށްފަހު އެ މައްސަލާގެ ތެރެއިންނެވެ. ކަފާލަތް ދިނުމަށް ރައީސް ޔާމީން ގިނަ ނުކުތާތަކެއް ޝަރީއަތުގައި ފާހަގަ ވެސް ކުރެއްވި އެވެ.

ނަމަވެސް މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ރައުޔު ވަރަށް ބޮޑަށް ތަފާތު އަމުރަކުން ނިންމެވީ ރައީސް ޔާމީނަށް ކަފާލަތް ދެވޭނެ ހާލަތެއް ވެސް ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރޭނެ ހާލަތެއް ވެސް ނެތް ކަމަށެވެ.

މިއަދު މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި މައްސަލާގައި ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ ކަފާލަތް ނުދިން އަމުރު ރިވިއު ކުރާނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށެވެ. އެހެންވެ، ރައީސް ޔާމީން ސިޓީގައި އެދިވަޑައިގެންފައިވާ އެ ހުށަހެޅުން ބަލައިނުގަންނަން ނިންމަވާފައިވާ ކަމަށެވެ.

އެކަން އިއުލާން ކުރެއްވުމަށްފަހު ފަނޑިޔާރު އެންގެވީ މައްސަލަ އިސްތިއުނާފު ކުރި ސަބަބުތައް ޝަރީއަތަށް ހުށަހެޅުމަށެވެ. ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވަނީ 75 ނުކުތާއެއް އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހަޅުއްވާފަ އެވެ. މިހާ ގިނައިން އިސްތިއުނާފީ ނުކުތާތައް ފާހަގަ ކުރަނީ ވަރަށް މަދު މައްސަލައެއްގަ އެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި އެންމެ ގިނައީ ރައީސް ޔާމީންއާ ދެކޮޅަށް ހެކި ބަސް ދިން މީހުންނާއި ހެކި ބަހަށް ރިއާޔަތް ކުރި ގޮތާ ގުޅޭ ނުކުތާތަކެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މުއައްވިޒު ރަޝީދު ޝަރީއަތުގައި ދޮގު ހަދައި އޮޅުވާލާފައިވާ ކަމަށް ވަކީލް ޝިޔާޒު ވިދާޅުވި އެވެ. އެގޮތުން ރައީސް އޮފީހުގައި ރައީސް ޔާމީންއާ ބައްދަލު ކުރެއްވި ކަމަށް ބުނާއިރު އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި ބައްދަލުކުރީ ވެސް މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނާއިރު ތުހުމަތެއް ކޮށްފައިނުވާ ކަމަށެވެ.

އޭގެއިތުރުން ދެން އެންމެ ބޮޑަށް ސުވާލު އުފައްދާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާމެދު އެވެ. އެ ދެ ބޭފުޅުން ވެސް ރައީސް ޔާމީންއާ ދެކޮޅަށް ހެކި ބަސް ދެއްވިއިރު އެއީ ދެ ފާސިގުން ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ ފާސިގުންގެ ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށާއި އެ ދެ ބޭފުޅުންނަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތުވާ ދެ ބޭފުޅުން ކަމަށެވެ.

އަދީބާއި ޒިޔަތު، ރައީސް ޔާމީންއާ ދެކޮޅަށް ހެކި ބަސް ދެއްވުމުގައި މަގުސަދެއް އެބަ އޮތް ކަމަށާއި އެ ބޭފުޅުން ހެކި ބަސް ދެއްވީ ދައުލަތުން އެ ބޭފުޅުންނަށް ލުއިތަކެއް ދިނުމުން ނުވަތަ ދޭން އެއްބަސްވުމުން ކަން ބަލާނެ ސަބަބުތައް އެބަހުރި ކަމަށް ވެސް ޝިޔާޒު ވިދާޅުވި އެވެ. އެހެންވެ އެ ބޭފުޅުންގެ ހެކި ބަހަށް ކުރިމިނަލް ކޯޓުން ރިއާޔަތްކޮށްފައިވަނީ މަތީ ކޯޓުތަކުގެ ނިންމުންތަކާއި ޝަރުއީ އުސޫލުތަކާ ހިލާފަށްކަން ޝިޔާޒު ފާހަގަ ކުރެއްވި އެވެ.

ދެން ޝިޔާޒު ސުވާލު އުފައްދާފައިވަނީ މައްސަލާގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާމެދު އެވެ. އެގޮތުން ތަހުގީގު މަރުހަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރީ ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތު ކަމަށާއި މަނީ ލޯންޑްރިންގެ ތުހުމަތު ނުކުރާ ކަމަށެވެ. ތަހުގީގަށް ސުވާލު ކުރުމުގެ ކުރިން ވެސް އެ ތުހުމަތު ކުރާ ކަމަށް ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން ތަހުގީގުގައި ސުވާލު ނުކުރާ ކުށެއްގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ގެންދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލް ޝިޔާޒު ވިދާޅުވީ މައްސަލާގެ އިބްތިދާއީ އަޑުއެހުންތަކާއި ޝަރީއަތުގެ މަރުހަލާތައް ވެސް ކުރިއަށް ދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން ޝަރީއަތް ކުރިއަށް ގެންދާނެ ތާވަލެއް ގާނޫނާ އެއްގޮތަށް ގާޒީ އެކުލަވާލާފައިނުވާކަން ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބާތިލް އިޖުރާއަތެއްގެ މައްޗަށް ފެށޭ ހުރިހާ ކަމެއް ވެސް ބާތިލްވެގެން ދާނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމާއެކު، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ވެސް އިއްވި އެވެ. އިސްތިއުނާފީ ނުކުތާއެއްގައި އެކަމާ ގުޅޭ ހުށަހެޅުމެއް ވެސް ހުށަހެޅި އެވެ. އެގޮތުން ރާއްޖޭގެ ލީގަލް ޓެންޑާއަކީ ދިވެހި ރުފިޔާ ކަމަށްވާއިރު ޖޫރިމަނާގެ އަދަދު ޑޮލަރު ކަނޑައެޅުމަކީ މަނިޓަރީ ގާނޫނާއި އޭގެ ދަށުން ހަދާފައިވާ ގަވައިދުތަކުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ޝިޔާޒު ވިދާޅުވި އެވެ.

މިއަދު މެންދުރުފަހު 1:00 ގައި ފެށި އަޑުއެހުން 2:30 ވުމުން ނިންމާލަން ފަނޑިޔާރުން ނިންމެވި އެވެ. އޭރު ތަފްސީލަށް ދެވުނީ 75 ނުކުތާގެ ތެރެއިން 10 ނުކުތާއަށެވެ. ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތަކުގެ ހުށަހެޅުމުގައި 101 ސަފުހާވެ އެވެ. މިއަދު ހުށަހެޅުނީ އޭގެ ތެރެއިން 25 ސަފުހާ އެވެ. އެހެންވެ، ފަނޑިޔާރުން ވަނީ ދެން އަންނަ އަޑުއެހުމަކަށް ވީހާ ވެސް ތަފްސީލްކޮށް ނުކުތާތައް ތަފްސީލް ކުރެއްވުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފަ އެވެ. ޝިޔާޒު ވިދާޅުވީ ވީހާވެސް ބޮޑަށް ހުލާސާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދެން އަންނަ އަޑުއެހުމެއްގައި ހުރިހާ ނުކުތާތަކެއް ތަފްސީލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދެން މި މައްސަލާގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެއަށްފަހު ފަސް ދުވަހަށް އަޑުއެހުމެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ. ފަސް ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އަޑުއެހުމަކީ ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބު ހުށަހެޅުމަށް ބާއްވާ އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުން އަޑުއަހަން ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުން ވަނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ އިސް ބޭފުުޅުން ވެސް ހިމެނެ އެވެ. ކޯޓު ބޭރު ބެރިކޭޑް ޖަހައި ފުލުހުން ބަންދުކޮށްފައި އޮތްއިރު ބޭރުގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އަޑުގަދަ ކުރަމުން ވެސް ބަޔަކު ދިޔަ އެވެ. ޝަރީއަތުގެ އަޑުއެހުމަށްފަހު މިހާރު ރައީސް ޔާމީން ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.