ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތް ނިންމައި ހުކުމް އިއްވުން އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ކުރިމިނަލް ކޯޓުން މިއަދު ތާވަލުކޮށްފި އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.
އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ ކަމަށް ދައުލަތުން ބުނެ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.
ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް ދައުލަތުން ފާހަގަކުރެ އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ފަހު އަޑުއެހުން މިއަދު މެންދުރުފަހު ވަނީ ބާއްވާފަ އެވެ. ފަހު އަޑުއެހުމަކީ ހުލާސާ ބަޔާން ދެ ފަރާތުން ވެސް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތާއި ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވިއިރު ރައީސް ޔާމީންގެ ހުލާސާ ބަޔާނަށް ދެ ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވި އެވެ.
ހުލާސާ ބަޔާނުގައި ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީން އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ އަސްލު އޮޅުވާލައިގެންކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން ހޯއްދެވި ފައިސާތަކެއް ކަމާއި އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި ފައިސާތައް އެ ބޭންކްގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެނގެން އެބަ އޮތް ކަމަށެވެ. އަދި އެސްއޯއެފްއިން ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުވާ ކަމާއި އެކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކުރުމަށް އަސްލު އޮޅުވާލި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އެކަށީގެންވާ ޝައްކު އުފެދޭ ކަމަށްވާނަމަ ދައުވާ ސާނިތުކުރުމަށް ފެދޭ ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ. މި ހާލަތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ވޮޑެމޮލާ ކުއްޔަށް ދޫކޮށް ލިބުނު ފައިސާކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. އެހެންވެ، ދައުލަތުން އެދުނީ ކުށުގެ އެންމެ މުހިންމު ދެ އުންސުރު ސާބިތުކޮށްދެވިފައިވާތީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްދިނުމަށެވެ.
މައްސަލާގައި ހެކި ބަސް ދެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހުން އެކަމަށް ބާރު ލިބޭކަން ފާހަގަ ކުރައްވައި، ވަކީލް ވަނީ އެ ދެ ބޭފުޅުންގެ ހެކި ބަހަކީ ޝަރީއަތަށް ގަބޫލު ކުރެވޭނެ ދެ ހެކިކަން ވެސް ފާހަގަ ކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދިނުމަށްފަހު ވަކީލް ވިދާޅުވީ އެފަދަ ހެއްކެއްގެ ހެކި ބަހަށް ބާރު ލިބޭ އެހެން ހެއްކާއި ގަރީނާ ހުރިނަމަ އެފަދަ ހެއްކަކަށް ޝަރީއަތަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.
އަދީބާއި ޒިޔަތުގެ ހެކި ބަސް ނެގުމަށް ކުރިން ރައީސް ޔާމީންގެ ފަރާތުން އިއުތިރާޒުކުރި އެވެ. އެއީ އެ ދެ ބޭފުޅުންނަކީ ކުށް ސާބިތުވެ ތިއްބެވި، އަދި އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތުވާ ދެ ބޭފުޅުން ކަމަށްވާތީ އެވެ.
މިއަދުގެ ހުލާސާ ބަޔާނުގައި ވެސް ރައީސް ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެ ނުކުތާ އެވެ. އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި ފާސިގުން ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށް ފިގުހު އިލްވެރިން އެއްބަސްވާކަން ވަކީލުން ފާހަގަ ކުރެއްވި އެވެ. ފާސިގުންގެ ހެކި ބަސް ބަލައިނުގަނެވޭނެކަން ސާބިތުކުރުމަށް ގުރުއާންގެ ގިނަ އާޔަތްތަކާއި ފިގުހު އިލްވެރިންގެ ބަސްތައް ހުށަހެޅުއްވި އެވެ.
ރައީސް ޔާމީންގެ ވަކީލް އަލީ ޝާހް ފާހަގަ ކުރެއްވި ގޮތުގައި މި ދައުވާއަކީ ރަނގަޅު ނޫން ސިޔާސީ ދައުވާއެކެވެ. ދައުވާ ފުރިހަމަ ވާން ޖެހޭ އުންސުރުތައް ނެތްއިރު ސާބިތުކުރުމަށް ބޭނުންވާ އުންސުރުތައް ވެސް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. ވަކީލް ވިދާޅުވީ އެސްއޯއެފްގެ ފައިސާއަކީ ޝައްކު އުފެދޭ ފައިސާއެއް ކަމެއް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެއީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް މިހާތަނަށް އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނެތްއިރު އެސްއޯއެފްގެ ހުރިހާ ފައިސާއަކީ ގޯސް ފައިސާ ކަމަށް ވެސް ކަނޑައަޅާފައިނެތް ކަމަށެވެ. އަދި ސިވިލް ކޯޓުން ވެސް އެގޮތަށް މީގެކުރިން ހުކުމް ކޮށްފައިވާ ކަމަށެވެ. އެސްއޯއެފްއަކީ އެމްއެމްޕީއާރްސީއާއެކު ސައްހަ ވިޔަފާރީގެ މުއާމަލާތްތަކެއް ވެސް ހިންގަމުން ދިޔަ ކުންފުންޏެއްކަން ވެސް ސާބިތުވާން އެބަ އޮތް ކަމަށެވެ.
އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ރައީސް ޔާމީން ޖަމާކުރީ ކުށް ކުރުމުގެ ނިޔަތުގައި ބަލަން ޖެހޭ ކަމަށާއި އެކަން ވެސް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ އެކަން ރައީސް ޔާމީން ކޮށްފައިވަނީ ކުށް ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި އެމަނިކުފާނާއި އޭސީސީއާ ދެމެދު ހެދިފައިވާ މަދަނީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެއް މިލިއަން ޑޮލަރު މިހާރު ވެސް ހުރީ ދައުލަތުން ބޭނުންވެއްޖެނަމަ ދައުލަތަށް ނެގޭ ފަދަ ހާލަތުގައި ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ. އެހެންވެ އެ ފައިސާ ލޯންޑާކުރުމަށް ރައީސް ޔާމީން ކުރެއްވި ކަމެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެހެންވެ ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވާ މިންވަރަށް ހުއްޖަށް ދައުލަތަށް ދެއްކިފައި ނެތުމުން އަދި މި ދައުވާއަކީ ސިޔާސީ މައިދާނުން އެމަނިކުފާނު އެކަހެރިކުރުމަށް ކޮށްފައިވާ ދައުވާއެއް ކަމަށް ފެންނަން އޮތުމުން ދައުވާ ބާތިލްކޮށް ދެއްވައި ހުކުމް ނެރެދެއްވުމަށް އަލީ ޝާހް އެދިވަޑައިގެންނެވި އެވެ.
ހުލާސާ ބަޔާން އިއްވާތާ 30 ދުވަސްގެ ތެރޭގައި ހުކުމް އިއްވަން ޖެހޭއިރު އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހަށެވެ. އެ ދުވަހު ހުކުމް އިއްވުމުގެ އަޑުއެހުން އޮންނާނެ ކަމަށް ވިދާޅުވެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި މައްސަލާގައި ރައީސް ޔާމީންއާ ދެކޮޅަށް އެމަނިކުފާނުގެ ދެ ޓޫރިޒަމް މިނިސްޓަރުން ކަމަށް އަހުމަދު އަދީބާއި މޫސާ ޒަމީރު ހެކި ބަސް ދެއްވާފައިވެ އެވެ. އޭގެއިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވެސް ހެކި ބަސް ދެއްވާފައިވެ އެވެ. ދައުލަތުގެ ހެކިންގެ ތެރެއިން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ ހެކި ބަސް ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. އޭގެއިތުރުން ރައީސް ޔާމީންގެ ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވި ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވެސް ވަނީ ހެކި ބަސް ދެއްވަން އުޒުރުވެރިވެފަ އެވެ.