ރައީސް އަބްދުﷲ ޔާމީން

5 މިލިއަން ޑޮލަރު ލިބުނު ބަލާ ދިޔައީ އަދީބާއި ޝައިނީ: ޔާމީން

ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށާއި އެ ފައިސާ ބަލައި ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ފަސް މިލިއަން ޑޮލަރު، އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވި ނަމަވެސް އެއީ ކިހިނެއް ކޮންތާކުން ލިބިވަޑައިގެންނެވި ފައިސާއެއް ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ސައުދި އަރަބިއްޔާއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ކަމާއި އެ ފައިސާތައް ރާއްޖެ ގެންނެވީ އަދީބާއި ޝައިނީ ކަމަށް ތުހުމަތު ކުރިން އޮތީ ކުރެވިފަ އެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ ފަސް މިލިއަން ޑޮލަރު، ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ހަމައަށް ވެސް ހުރީ ކުރީގެ ނައިބު ރައީސް އަދީބުގެ އަތުގަ އެވެ. މީގެއިތުރުން ވެސް މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީން ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.

މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަކީ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް، އެމަނިކުފާނު އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދާ ޝަރީއަތުގެ ފަހު ބަސް އިއްވުމަށް ބޭއްވި އަޑުއެހުމެވެ. މި މައްސަލައަކީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯދި މައްސަލައެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެވެ.

އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެއީ އެ ފައިސާ ނޫންކަން ބަޔާންކޮށް ދެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނާ ވޮޑުމުލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ އޮންނަ ރަށެއްކަން ވެސް އެނގިވަޑައިގެންނެވީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ވިދާޅުވި އެވެ. އަދި، އެމަނިކުފާނާ ވޮޑުމުލާއާ ދައުލަތުން ގުޅުވަނީ އެއްވެސް އަސާސެއް އޮވެގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މި މައްސަލަ ބެލި ފުލުހުންނަށް އެނގޭނެ ވޮޑުމުލާ ލިބިފައި އޮތީ ކޮން ބަޔަކަށްކަން، އެ ރަށަށް ބޭރުގެ ބަޔަކަށް ދިނުމުގައި އުޅުނީ އަދީބުގެ ގާތް އެކުވެރިން، އެ ރަށް ލިބުނީ އަދީބުގެ ވަރަށް ގާތް ދެ އެކުވެރިންނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އަދީބުގެ އަތުން ފައިސާ ހޯދުމަށް އެމަނިކުފާނު ގުޅުއްވި ކަމަށާއި ނަމަވެސް އެއީ ދައުލަތުގެ ފައިސާއެއް ނުވަތަ ވޮޑުމުލާގެ ފައިސާ ހޯދުމަށް ނޫން ކަމަށެވެ. އެމަނިކުފާނުގެ ގިނަ އަދަދެއްގެ ފައިސާ އަދީބުގެ އަތުގައި ހުރި ކަމަށާއި ލޯންޗުކޮޅު ހާދިސާއަށްފަހު އެ ފައިސާތައް ހޯދަން ބޭނުންވި ކަމަށެވެ. އަދީބުގެ އަތުގައި ހުރީ އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބިވަޑައިގެންނެވި ފައިސާ ކަމަށެވެ. އަދިބު ވެސް އެކި ފަހަރު މަތިން އެ މޭރަމުން ވާހަކަ ދައްކަވާފައިވެ އެވެ.

"އެއް މިލިއަން ޑޮލަރެއް ވެސް ނޫން އަޅުގަނޑުގެ އަދީބުގެ އަތުގައި ހުންނާނީ، ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު އަޅުގަނޑަށް ލިބުނު، އެއާ ހަވާލުވާން ދިޔާއީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީ އާއި އަދީބު، އެހެންވެ އެ ފައިސާ އަޅުގަނޑު ބޭނުންވީ، ދައުލަތުގެ ފައިސާ ދޭކަށް އަޅުގަނޑު ނުބުނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އެމްއެމްޕީއާރްސީގެ އެއްވެސް ޗެކެއް އަދި އެންޑޯސްކޮށްފައިވާ ޗެކެއް ވެސް ލިބިފައިނުވާ ކަމަށެވެ. އެސްއޯއެފްއިން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރިއިރު ވެސް އެ އެކައުންޓްގައި ނުވަ އެއް މިލިއަން ނުވަ ލައްކައެއްހާ ޑޮލަރު ހުރި ކަމަށާއި އެހެންކަމުން އެ ތަނުން ވޮޑުމުލާގެ ފައިސާގެ ކަމަށް ދައުލަތުން އެ އެއް މިލިއަން ޑޮލަރު ކަނޑައަޅާ ގޮތަކާމެދު ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ރައީސް ޔާމީންގެ މާލީ ބަޔާނުގައި އެ އެއް މިލިއަން ޑޮލަރަކީ އަދީބު ދިން ކަމަށް ބުނާ ފައިސާއެއް ކަމަށް ބަޔާންކޮށްފައިވެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެގޮތަށް މާލީ ބަޔާނުގައި ބަޔާންކުރީ އަދީބު އެހެން ވިދާޅުވަމުންދާތީ ކަމަށެވެ. އެ ފައިސާއާމެދު އެއްވެސް ޝައްކެއް އެމަނިކުފާނުގެ ނެތް ކަމަށާއި އެއީ އެމަނިކުފާނަށް އަދީބު ދޭން ޖެހޭ ފައިސާތަކެއް ކަމަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް އެ ފައިސާތައް އޭސީސީއާއެކު އެއްބަސްވުމެއް ހަދައި އެކްސްކުރޯ އެކައުންޓެއްގައި ބެހެއްޓުމަށް ނިންމީ އިންތިހާބަށް ނުކުންނައިރު ރައްޔިތުންގެ ހިތުގައި އެއްވެސް ޝައްކެއް އުފެދޭ ފައިސާ އަތުގައި ނުބަހައްޓައި އެއީ ދައުލަތުގެ ފައިސާއެއް ކަމަށްވާނަމަ އެ ފައިސާ ދައުލަތަށް ލިބޭނެ ގޮތް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

ރައީސް ޔާމީންގެ މިއަދު ވާހަކަފުޅު ދެއްކެވީ ފަނޑިޔާރު ދެއްވި 10 މިނެޓްގެ ތެރޭގަ އެވެ. އޭގެ ކުރިން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މައްސަލާގައި ހުލާސާ ގޮތެއްގައި ދައްކަން ބޭނުންވާ ވާހަކަތައް ދައްކަވާފަ އެވެ. އެގޮތުން އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހެޅި 75 ނުކުތާގެ ތެރެެއިން ބައެއް ކަންކަން އަލުން ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީންގެ ވަކީލް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމީން ކުރެއްވި ކުށެއް ސާފު ނުވާ ކަމަށެވެ. އޭސީސީގެ ތަހުގީގު އެއްވެސް ރިޕޯޓެއްގައި އެމަނިކުފާނަށް ތުހުމަތެއް ކޮށްފައިނުވާ ކަމަށާއި މަނީ ލޯންޑްރިންގެ ކުށުގެ ތުހުމަތަށް ސުވާލު ވެސް ކޮށްފައިނުވާ ކަމަށެވެ. އަދި، ވޮޑުމުލާގެ ފައިސާކަން ދައުލަތުގެ ކަނޑައެޅި އަސާސެއް ސާބިތުކޮށް ނުދެވޭ ކަމާއި އެހެންކަމުން މި މައްސަލާގައި ހިނގާފައިވާ ކޮރަޕްޝަންގެ އަމަލަކީ ކޮބައި ކަމެއް ވެސް ސާފު ނުވާ ކަމަށެވެ.

ދެން ޖަމީލު ފާހަގަ ކުރެއްވީ މި މައްސަލާގެ އެންމެ މުހިންމު ތިން ހެކިންގެ ހެކި ބަސް ބަލައިނުގަނެވޭނެ ސަބަބުތަކެވެ. އެގޮތުން އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ހެކި ބަސް ދެއްވަމުން ދޮގު ހަދާފައި ކަމާއި އެ ހެކި ބަސް ބަލައިގެނެގެން ނުވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންއާ ބައްދަލު ކުރެއްވި ކަމަށް މުއައްވިޒު ވިދާޅުވިއިރު އެކަމަށް ރައީސް ޔާމީނާއި އެ ބައްދަލުވުމުގައި ދެން ބައިވެރިވި ހަސަން ލުތުފީ އިންކާރު ކުރާ ކަމަށެވެ. އަދި ރައީސް އޮފީހާއި އޭސީސީއިން ވެސް އެ ބައްދަލުވުން ބޭއްވި ކަމުގެ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ.

ދެން ފާހަގަ ކުރެއްވީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އަދީބަކީ ދެ ފާސިގުން ކަމަށްވާއިރު އެމީހުންގެ ހެކި ބަސް ބަލައިގަނެގެން ނުވާނެ ކަމަށެވެ. އެގޮތުން ޒިޔާތު ހެކި ބަސް ދެމުން ދައްކާފައިވާ ވާހަކަތަކާއި އޭގެ ކުރިން އެކި ގޮތްގޮތުން ނެރެފައިވާ ބަޔާންތަކާ ފުށުއެރުންތައް އެބަހުރި ކަމަށެވެ. އަދި، ރައީސް ޔާމީން ގުޅާ ކަމަށް ޒިޔަތު ވިދާޅުވާއިރު އެއަށް ބާރުދޭ އިތުރު ހެއްކެއް ދެއްކިފައިނުވާ ކަމަށެވެ. އަދި އަދީބު ދީފައިވާ ޓީވީ އިންޓަވިއުތަކާއި ބަޔާންތަކުން ރައީސް ޔާމީންގެ ފައިސާ އޭނާގެ އަތުގައި ހުރިކަން އެނގޭ ކަމާއި އެކަމަށް ޝަރީއަތުގެ މަޖިލީހުގައި ވެސް އިއުތިރާފުވިކަން ޖަމީލު ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީންގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ މި މައްސަލައަކީ އޭސީސީއިން ހިންގި ތަހުގީގެއްގެ މައްޗަށް ކުރިއަށްދާ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މިއީ އެމްއެމްއޭއިން ފުލުހަށް ފޮނުވި އެސްޓީއާރްއެއްގެ މައްޗަށް ބިނާވެގެން ދިޔަ ތަހުގީގެއް ކަމަށެވެ. މި މައްސަލާގެ މެންޑޭޓް އޮތީ ފުލުހުންގެ ކަމާއި މި މައްސަލައާ އޭސީސީއިން ހިންގި ތަހުގީގާ ގުޅުމެއް ނެތް ކަމަށެވެ. އައިޝަތު ވިދާޅުވީ ފުލުހުންގެ ހިންގި ތަހުގީގުގައި މަނީ ލޯންޑްރިންގެ ތުހުމަތު އިއްވައި އެކަމާ ގުޅޭ ގޮތުން ރައީސް ޔާމީނާ ސުވާލުކޮށްފައިވާނެ ކަމަށެވެ.

ވަކީލް އައިޝަތު މުހައްމަދު ވިދާޅުވި ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީނަށް ޖަމާކުރީ ވޮޑުމުލާގެ ފައިސާކަން ސާބިތުވެ އެވެ. އެއީ ވޮޑުމުލާގެ ފައިސާ ނުލިބިގެން ރައީސް ޔާމީން ގުޅި ކަމާއި އެ ފައިސާ ލިބުމުން ގުޅުން ހުއްޓާލި ކަމަށް ހެކިވެރިން ބުނެފައިވާތީ ކަމަށެވެ. އަދި އެމްއެމްޕީއާރްސީއަށް ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ނޫން ގޮތަކަށް އެ ދުވަސްވަރު އެއް މިލިއަން ޑޮލަރު ލިބޭނެ ގޮތެއް ވެސް ނެތްކަން ފާހަގަ ކުރެއްވި އެވެ.

އޭގެއިތުރުން ވިދާޅުވީ މުއައްވިޒު ރަޝީދު ހެކި ބަސް ދެމުން ދޮގު ހަދާފައި ނެތްކަން ސާފުވާ ކަމަށެވެ. އެއީ މައްސަލާގައި ހިމެނޭ ކިތާބީ ހެކިތަކުގައިވާ ކަންކަމާ މުއައްވިޒުގެ ހެކި ބަހާ ދިމާވާ ކަމަށެވެ. އަދި އަދީބާއި ޒިޔަތުގެ ހެކި ބަސް ވެސް ބަލައިގެންފައިވަނީ ރަނގަޅަށް ކަމަށް ވިދާޅުވި އެވެ. އެއީ ފާސިގުން ކަމަށް ބެލި ނަމަވެސް އެމީހުންގެ ހެކި ބަހަށް ބާރު ލިބޭ އެހެން ހެކި ހުރުމުން އެ ހެކި ބަހަށް ސުޕްރީމް ކޯޓުގެ އުސޫލުގައިވާ ގޮތުން ބަރުދަން ދެވޭނެ ކަމަށް އައިޝަތު ވިދާޅުވި އެވެ.

މި މައްސަލާގައި ފަހު ބަސް އިއްވުމަށް ފުރުސަތު ދެއްވުމުން ރައީސް ޔާމީން އެދިވަޑައިގެންނެވީ ވަކީލުންނާ ބައްދަލު ކުރައްވައި ޖަވާބު ތައްޔާރުކުރުމަށް ފުރުސަތެއް ދެއްވުމަށެވެ. މިހާރު ވަކީލުންނާ ބައްދަލު ނުކުރެވޭ ކަމަށާއި 10 މިނެޓްގެ ފޯނު ކޯލަކުން ހުރިހާ މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންވެ ފަނޑިޔާރުންގެ ބެންޗުން ވަނީ ރައީސް ޔާމީންއާ ވަކީލުން ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެހޭތޯ ބެލުމަށް ދައުލަތަށް އަންގާފަ އެވެ.

ދައުލަތުން ވަނީ މާލެއިން ރަށްރަށަށް ދަތުރު ކުރުމަކީ މިހާރު ވެސް މަނާ ކަމަކަށްވާތީ، މިއަދުގެ އަޑުއެހުމަށްފަހު ރައީސް ޔާމީނަށް ވަކީލުންނާ ކޯޓުގައި ބައްދަލު ކުރެއްވުމުގެ ފުރުސަތު ހަމަޖައްސައިދެއްވުމަށް އެދިފަ އެވެ. ނަމަވެސް ވަކީލް ޖަމީލް ވިދާޅުވީ މިވަގުތު ވަކީލުންގެ ބައްދަލުވުމަށް ރައީސް ޔާމީންއަށް ފަސޭހަފުޅު ނޫން ކަމަށެވެ. އެހެން ވަގުތަކަށް އެ ބައްދަލުވުން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ޝަރީއަތް އިތުރަށް ލަސްވެގެން ގޮސްދާނެކަން ފަނޑިޔާރުންނާއި ދައުލަތުން ފާހަގަ ކުރުމުން ވެސް ރައީސް ޔާމީން ބޭނުންފުޅުވީ އެގޮތެވެ. އެހެންވެ، ފަނޑިޔާރުން ވަނީ ވަކީލުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސޭތޯ ބެލުމަށްފަހު މާދަމާ އެންގުމަށް ދައުލަތަށް އަންގާފަ އެވެ. ދެން މި މައްސަލާގައި އަޑުއެހުމެއް ބާއްވާނީ ފަހު ބަސް އިއްވުމަށްޓަކަ އެވެ. އެ އަޑުއެހުން ތާވަލުކުރާނީ ވަކީލުންގެ ބައްދަލުވުމަށްފަހު އެވެ.