ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި، މަނީ ލޯންޑާ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ހެކިންގެ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ދައުލަތުން ހުށަހަޅައިފި އެވެ.
ސަން ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ.
އެ ދައުވާއަށް އެ ކުންފުނިން އިންކާރުކުރާއިރު، އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތާއި އިތުރު ބައެއް މީހުންގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި ގިނަ އަދަދެއްގެ ލިޔުންތައް ވަނީ ހުށަހަޅައިފަ އެވެ.
ދިފާއުން ހެކި ހުށަހެޅުމަށް އިތުރު ފުރުސަތު ދިނުމަށް އެދުމުން، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ސަން ކުންފުންޏަށް ފަސް ދުވަހުގެ މުއްދަތެއް ދީފައި އެވެ.
ފުއްގިރީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތްވެސް ކުރިއަށްދާއިރު، އެހެން މައްސަލައެއްގައި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ އަދީބާއި ޒިއަތަށެވެ. އަދީބަށް 20 އަހަަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އަދީބަށް ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރާއިރު ޒިޔަތަށް 700 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ދައުލަތުން ކުރެއެވެ. ނަަމަވެސް އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ދައުލަތާއެކު އެއްބަސްވުމެއް ހައްދަވައިގެން ގޭގައެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް އިއްވި ހުކުމަކީވެސް ދެ ފަރާތުން ވެވުނު އެއްބަސްވުމުގެ ތެރެއިން އިއްވުނު ހުކުމެކެވެ.