ރައީސް އަބްދުﷲ ޔާމީން

ދައުލަތުގެ ގިނަ ހެކި ބަލައި ނުގަތުމަށް އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތު ކުރަން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ހެކިތަކެއް ބަލައި ނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމުގެ މަޖިލީހެކެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހަތަރު ހުށަހެޅުމެއް މިއަދު ވަނީ ހުށަހަޅުއްވާފަ އެވެ. ފުރަތަމަ ހުށަހެޅުމުމަކީ ދައުލަތުން ހުށަހަޅާފައިވާ ގިނަ ހެކިތައް ޝަރީއަތަށް ބަލައި ނުގަތުމެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ހެކިބަސް ނުނެގޭނެ ކަމަށް ވަނީ ހުށަހަޅާފަ އެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑީގައި ވަނީ އެ ދެ މީހުން ކަމަށާއި އެ ދެ މީހުންނަކީ ދައުވާ ލިބޭ ފަރާތަށް "ހެކި ދިނުމަށް އުފައްދާފައިވާ މެޝިންތަކެއް" ކަމަށް ވުން ކަމަށެވެ.

މީގެ އިތުރުން ވެސް އިތުރު ޝަފަހީ ހެކިތަކާއި ކިތާބީ ހެކިން ބަލައި ނުގަތުމަށް ވަނީ އެދުނެވެ. އެގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ޝަފަހީ ހެކިންނަކީ މި މައްސަލަ އާއި ގުޅުމެއް އޮތް ބައެއް ނޫން ކަމަށާއި ބައެއް މީހުންގެ ބަޔާނުގައި ދައުވާ ލިބޭ، ރައީސް ޔާމީންގެ ނަންފުޅު ވެސް ގެންފައި ނުވާކަމަށް ދިފާއުން ވަނީ ބުނެފަ އެވެ.

އަދި ކިތާބީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ބޭންކް ރިސިޕްޓްތަކާއި ރ. ފުއްގިރި ކުއްޔަށް ދިނުމަށް މުއާމަލާތް ކޮށްފައިވާ ބައެއް ލިޔެކިޔުންތައް ހެކިންގެ ގޮތުގައި ހިމެނޭއިރު އެއީ ރަނގަޅު މުއާމަލާތްތަކެއް ކޮށްފައި ހުރި ލިޔުންތަކެއް ކަމަށް ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން އެ ލިޔުންތަކާއި ބެންކް ރިސިޕްޓްތައް ހެކިންގެ ގޮތުގައި ހުށަނޭޅޭނެ ކަމަށް ވެސް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ ގަޒިއްޔާ ނިމުނު ގޮތުގެ ލިޔުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާއިރު އެއީ ރައީސް ޔާމީން ބަދުނާމު ކުރަން ހުށަހަޅާފައިވާ ހެއްކެއް ކަމަށް ދިފާއީ ވަކީލުން މިއަދު ވަނީ ވިދާޅުވެފަ އެވެ.

މިކަމަށް ރައްދު ދެއްވަމުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ ޒިޔަތާއި އަދީބު ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އެ ދެ މީހުން ޝާމިލްވެފައި ވާތީ ކަމަށެވެ. އަދި ހެކިވެރިންގެ ގޮތުގައި ހުށަހެޅޭނީ ކަން ހިނގައި ދިޔަ ގޮތް އެނގޭ މީހުން ކަމަށާއި މަގުމަތިން ހިނގާފައި ދާ މީހަކު ހެކިންގެ ގޮތުގައި ހުށަނޭޅޭނެ ކަމަށެވެ.

"މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތުގެ 1107 ވަނަ މާއްދާގަ އެބަ ބަޔާންކުރޭ ގާނޫނު ތަންފީޒު ކުރާ މީހުން އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދިނުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށް ކުރެވޭނެ ކަމަށް. އެގޮތުން މި މާއްދާގެ ހ. ގައި ބަޔާން ކުރަނީ ކުށްވެރިޔާ ކުށެއްކުރުމަށް ފަހު އެ ކުށުގައި އޭނާއާ އެކު ބައިވެރިވި މީހުން ހިޔާ ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާ ކުރުމުގައި އޭނާ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އޭނާ އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފި ނަމަ އެކުށަށް އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑުން އެކެއް ދޭއް ނުވަތަ ތިން ދަރަޖަ ދަށް ކުރެވިދާނެ ކަމަށް. އެހެންކަމުން 1107 މާއްދާގަ މި ބަޔާންކުރާ އުސޫލަށް ރިއާޔަތްކުރާއިރު އެއް ކުށެއްގެ ތުހުމަތު ކުރެވުނު މީހުން ނުވަތަ މިފަދަ ކަމެއް ހިނގައިދިޔައިރު އެކަން ހިނގައި ދިޔަ ގޮތާއި އެކަމުގަ ޝާމިލްވި ފަރާތްތަކާއި އެކަމުގަ ފައިސާއަށް ވީގޮތާ މިކަންކަން ކިޔައިދޭ މީހުންނަކީ ހެކިންގެ ގޮތުގައި ބޭނުންކުރެވޭނެ މީހުންކަން އެބަ އެނގޭ،"

ރައީސް ޔާމީންގެ ފަރާތްޕުޅުން ދެން ހުށަހަޅުއްވާފައި ވަނީ ދައުލަތުން ދައުވާ ފޯމު ހުށަހެޅިއިރު އޭގައި ކުށެއް އޮތް ކަމަށް ބުނެ ދެވަނަ ފަހަރަށް ފޯމު ހުށަހެޅިއިރު ތިން ކިތާބީ ހެއްކެއް އިތުރުކޮށްފައިވާ ތާތީ ދައުލަތުން އަލުން އެ ފޯމު ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު އެމްއެމްޕީއާރްސީއާ ގުޅޭ ގޮތުން ހިންގި ބޮޑު ތަހުގީގުގެ ރިޕޯޓްގައި ހިމެނޭ ލިޔެކިޔުންތައް ހޯދުމަށް ވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ ފުލުހުން ބަޔާން ނަގާ މީހުންގެ މައުލޫމާތު ދައުވާ ލިބޭ ފަރާތަށް އެނގެން ނުޖެހޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވެސް ވަނީ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ މޯބައިލް ފޮރެންސިކް އެނެކްސްތައް ރައްކާތެރި ކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅި އެވެ. އޭގައި ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އެ ހެކިތައް ރައްކާތެރި ކޮށްދިނުމަށް ހުށަހެޅީ އިތުރުން ތިން އިދާރާއަކުން ތަހުގީގު ކުރާ މައްސަލަކަށް ބޭނުންވާ މައުލޫމާތުތައް އޭގައި ހުރުމުން ކަމަށާއި އެހެންކަމުން އެ ތަހުގީގުތަކަާށް ހުރަސް އެޅިދާނެތީ ކަމަށެވެ. އެ މައުލޫމާތު ޝަރީއަތް ކުރިއަށްދާއިރު ހާމަ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މިކަމަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައި ވަނީ އެގޮތަށް ނިންމައިފިނަމަ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ. ދިފާއުވުމަށް ވެސް ހުރަސް އެޅިގެންދާނެ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް 86 ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. ދައުވާއިން ދިފާއު ވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން 30 ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތަކަށް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެކަމަށާއި މިއަދު ހުށަހެޅުނު ކަންކަމަށް ގޮތެއް ނިންމާނީ ދެން އޮންނަ މަޖިލީހެއްގައި ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ވިދާޅުވި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.