ކަންކުން ފަތް ނުވަތަ ހުސެންރަހާ ފަތަކީ ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކޮށް އުޅޭ އެއް ފަތެވެ.
މި ފަތަކީ އޭގައި ފެން ރަހަ އެއް އެކުލެވޭ މީރު ފަތެކެވެ. އާންމު ގޮތެއްގައި މި ފަތް ދިވެހިން ބޭނުންކޮށް އުޅެނީ ސަޓަނި ހެދުމުގައާއި އަދި ބައެއް ރިހަ ތައްޔާރު ކުރުމުގަ އެވެ. ހަމައެހެންމެ ހުހަށް ކެއުމުގައި ބޭނުންކުރުމަށްވެސް މިއީ ހަމަ އެންމެ ސަޅި އެއް ފަތެވެ.
ކެއުމުގައި ބޭނުން ކުރެވޭ އެހެންވެސް ފެހި ފަތެކޭ އެއްފަދައިން ހުސެންރަހާ ފަތަކީވެސް އާދަޔާއި ހިލާފް ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ ފަތެކެވެ.
ހުސެންރަހާ ފަތުގައި އެކުލެވޭ މާއްދާތަކުގެ ތެރޭގައި ވިޓަމިންސާއި މިނަރަލްސް އަދި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް ހިމެނެ އެވެ.
އެހެންކަމުން މިފަތުން ލިބިދެވޭ ފައިދާ ތަކުގެ ތެރޭގައި ހަށިގަނޑުން ލޭމަދުވުމުގެ މައްސަލައަށް ހައްލު ލިއްބައިދިނުމާއި ކެންސަރު ފަދަ ބަލިތަކުން ދިފާއުކޮށްދިނުމާއި ބޮލުގެ އިސްތަށިތަކަށް ތާޒާކަން ގެނެސްދިނުމުގެ އިތުރުން ހަށިގަނޑަށް އަރާމުކަން ގެނެސްދީ ފަސޭހައިން ނިދުމަށް މަގުފަހިކޮށްދެ އެވެ.
މީގެ އިތުރުންވެސް ހަށިގަނޑުގެ ހަމަށާއި، ލޮލަށް ތާޒާކަން ގެނައުމާއި ހަޖަމުގެ ނިޒާމަށް އެހީތެރިވެދެ އެވެ. އަދި ފުރަމެއަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި ހަށިގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށް މިފަތުގައި އެކުލެވޭ މާއްދާތައް އެހީތެރިވެދެ އެވެ.
ހުސެންރަހާ ފަތަކީ ހަކުރު ބަލީގެ އަސަރު ތަހައްމަލުކުރަމުންދާ ފަރާތްތަކަށްވެސް ނުހަނު ފައިދާހުރި ފަތެކެވެ. ނަމަވެސް ކޮންމެ މިބާވަތުގެ ފެހި ފަތަކީވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ހާއްސަކޮށް މާބަނޑު ފަރާތްތައް ސަމާލުކަން ދެއްވަން ޖެހޭ ފަތްތަކެވެ. މެދުމިނަކަށް މިފަދަ ފެހި ފަތް ކެއުމުގައި ބޭނުންކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް ނުހަނު ފައިދާ ހުރި ކަމެކެވެ.