ކާނާ

ދޮންކެޔޮ: އެންމެ އާންމު އެންމެ މީރު އެއް މޭވާ

ދޮންކޭލަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މޭވާ އެކެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރު ދޮންކޭލުގެ ތެރޭގައި ރަތް ކެޔޮ، ހަޑިކެޔޮ، ސަންފާކެޔޮ، މާޅޮސްކެޔޮ، ފުސްކެޔޮ އަދި ބޮޑުކެޔޮ ހިމެނެ އެވެ. މިއީ ހައްތާވެސް ފަސޭހައިން ރާއްޖެއިން ލިބޭ މީރު ދޮންކޭލުގެ ވައްތަރުތަކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަ ތަފާތު އިތުރު ވައްތަރުތަކުގެ ދޮންކެޔޮވެސް ރާއްޖޭގައި މިހާރު ލިބެން ހުރެ އެވެ.

ދޮންކޭލަކީ އާދަޔާއި ހިލާފަށް ހަށިގަނޑަށް ފައިދާ ހުރި މޭވާ އެކެވެ. ދޮންކޭލުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން ބީ ސިކްސް، ޕޮޓޭސިއަމް، ރައިބޯފްލެވިން، ނިއާސިންގެ އިތުރުން ގިނަ މިންވަރަކަށް ފައިބާ އެކުލެވިފައިވެ އެވެ.

ދޮންކޭލުން ލިބޭ ފައިދާތަކުގެ ތެރޭގައި ލޭ އުފައްދައިދިނުމާއި، ކިޑްނީ އަދި ލިވަ ސާފުކޮށްދިނުމާއި، ސްޓްރެސް ވުމުން ދިފާއުކޮށްދިނުމުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމާއި ބްލަޑް ޕްރެޝަރު ރަނގަޅު މިންވަރުގައި ހިފެހެއްޓުމާއި، ހިތުގެ ބަލިތަކުން ދުރުކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން ހަމުގެ ރައްކާތެރިކަން ދަމަހައްޓައި ގޭހުން ދިމާވާ އުދަނގޫތައް ކޮންޓްރޯލް ކުރުމާއި، ބަނޑުހިކުމުން ދުރުކޮށްދިނުމާއި، ބަނޑުތެރޭގައި ނަގާ އަލްސާތައް ރަނގަޅުވުމާއި، މޭއެންދުންފަދަ އެތައް އުނދަގުލަކުން ދުރުކޮށްދެ އެވެ.

ދޮންކޭލަކީ އެންޓިއޮކްސިޑަންޓްސް ގިނަ މޭވާއެއް ކަމުން ކެންސަރު ފަދަ ބަލިތަކުން ސަލާމަތްވުމަށް މަގުފަހިކޮށްދެ އެވެ.

ދޮންކޭލަކީ ހަކުރުގެ މިންވަރު މަތީ މޭވާއަކަށް ވާތީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަރަށް އަވަހަށް ގިނަ އަދަދަކަށް ފޯރުކޮށްދެ އެވެ. ހާއްސަކޮށް މާބަނޑު މީހުންނަށް ދޮންކޭލަކީ ވަރަށް ފައިދާ ހުރި މޭވާ އެކެވެ. ސަބަބަކީ ބަނޑުގައި އޮންނަ ދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާ ވަރަށް ގިނަ މާއްދާތައް ދޮންކޭލުން ލިބިދޭތީ އެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހެޔޮވަރު ބަރުދަނެއް ހަށިގަނޑުގައި ހިފެހެއްޓުމަށް ދޮންކޭލަކީ އެންމެ ރަނގަޅު އެއް މޭވާ އެވެ.