ލައިފްސްޓައިލް

ފޫޖަހާފައި ހުންނަ ކާނާ އޮޅުމަކުން ކެވިއްޖިއްޔާ ވާނީ ކިހިނެއް؟

ކާއެއްޗެތީގައި ފޫޖަހާފައި ހުއްޓާ އެކަން ނޭނގި ބައެއް މީހުންނަށް އެ އެއްޗެތި ކެވެ އެވެ. އެއީ ފޫޖަހާފައި ހުރި ކާނާކަން އެނގެނީ އެ އެއްޗެއް ކާފަހުންނެވެ. ނަމަވެސް ހަށިގަނޑުގެ އެތެރެއަށް އެ ވާސިލުވުމަށްފަހު ދެން ހެދޭނެ އެއްވެސް ގޮތެއް ނޯވެ އެވެ. ވީމާ ކާ އެއްޗެތި ކެއުމުގެ ކުރިން ރަނގަޅަށް ބަލާފައި ކެއުމަށް ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެއްވަ އެވެ.

ބައެއް މީހުން ޕާން ފޮތި އެއްޗެތީގައި ފޫ ޖެހުމުން އެ ފޫޖަހާފައިވާ ބައި ނަގާފައި އަނެއްބައި ކައި އުޅެ އެވެ. ނަމަވެސް މިއީ ވެސް ރަނގަޅު ކަމެއް ނޫންކަމަށް ކަމާ ބެހޭ ބޭފުޅުން ވިދާޅުވެ އެވެ. ސަބަބަކީ ހަމަ ލޮލަށް ފެންނަ ހިސާބުގައި ފޫ ނެތަސް މުޅި އެ އެއްޗެއްގައި އެއްކޮށް ވެސް ފޫ ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެވެ. ފޫ ޖަހާފައި ހުންނަ ބައެއް އެއްޗެތި ލޮލަށް ނުފެނުނަސް އޭގައިވެސް ވިހައިގެ އަސަރު އެކުލެވޭނެ އެވެ.

އެމެރިކާގެ އެގްރިކަލްޗާ ޑިޕާޓްމަންޓް (ޔޫއެސްޑީއޭ) ގައިޑްލައިންގައިވާ ގޮތުން ޗީޒް ކަހަލަ އެއްޗެތީގައި ފޫ ޖަހަފިނަމަ އެ ފޫޖަހާފައިވާ ހިސާބުން ފެށިގެން އެއް އިންޗި ހިސާބު ދުރުން ކަނޑާލުމަށްފަހު އަނެއްބައި ބޭނުން ކުރެވިދާނެ އެވެ.

ބައެއް ކާނާގައި ޖަހާ ފުލަކީ އަނެއްބައި ކާނާގައި ޖަހާ ފުލާ ތަފާތު ނޭދެވޭ އަސަރު ހަށިގަނޑަށް ކުރާ އެއްޗެކެވެ. އެގޮތުން އެންމެ ނުރައްކާތެރި އަދި ބާރުގަދަ ފޫ ކަމަށް ސިއްހީ ތަޖުރިބާކާރުން ފާހަގަކޮށްފައިވަނީ އެސްޕާގިލަސް، ފުސަރިއަމް، ޕެނިސީލިއަމް، ރިޒޯޕަސް އަދި ކްލެޑޯސްޕޯރިއަމް ކިޔާ ފަސް ބާވަތެއްގެ ފުލެކެވެ.

މި ފަންގީތަކުން މައިކޯޓޮކްސިންސް އުފައްދަ އެވެ. އަދި މި ފަދަ ފަންގީއެއް ހުރި ކާނާއެއް ކެވިއްޖެނަމަ ސިއްހީ ބޮޑެތި މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮވެ އެވެ.

އެމެރިކާގެ އެފްޑީއޭގެ ގައިޑްލައިންގައިވާ ގޮތުން މަޔޯޓޮކްސިސް އެންމެ ގިނައިން ހުންނަނީ ގޮވާން، ހިއްކާފައި ހުންނަ ބީންސް، ހިއްކާފައި ހުންނަ މޭވާ އަދި ކޮފީ ގައެވެ.

ކިރިޔާ ވެސް ފޫޖަހާފައި ހުރިހެން ހީވެއްޖެނަމަ ނުވަތަ ނުބައި ވަހެއް ދުވާނަމަ އެ އެއްޗެއް ނުކައި އެއްލާލުން މުހިއްމެވެ. އަދި މިފަދަ އެއްޗެއް ކެވިއްޖެނަމަ ޑޮކްޓަރަކަށް ދައްކައިގެން ވަގުތުން ފަރުވާ ލިބިގަތުން މުހިއްމު ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެފައި ވެއެވެ.

އެންމެ ރަނގަޅު ގޮތަކީ އައިސްއަލަމާރީގައި އެއްޗެތި ރައްކާކުރާއިރު ސަމާލުވެ ކާ އެއްޗެތީގައި ފޫ ނުޖަހާނެ ގޮތަކަށް ބެހެއްޓުމެވެ. މިސާލަކަށް ފެހިކުލައިގެ ފަތާއި ބެރީޒް ފަދަ ތަކެތި ރައްކާ ކުރާއިރު މަތިޖެހި ކޮންޓެއިނަރެއްގެ ތެރޭގައި ކަރުދާސް ރޫމެއް ކުޑަކޮށް ތެންމާފައި ބޭއްވުމުން ވަރަށް ގިނަ ދުވަހު މި ތަކެތި ހަލާކުނުވެ ހުރެ އެވެ.

އަދި ކާއެއްޗެތި ކޮންޓެއިނާ އަށް އަޅާފައި ބަހައްޓާނަމަ އޭގައި އެ އެއްޗެއް ތައްޔާރުކުރި ދުވަހަކާއި މުއްދަތު ހަމަވާނެކަމަށް ލަފާ ކުރެވޭ ދުވަހެއް ޖަހާލުން ރަނގަޅެވެ. އޭރުން ފަހުން އެ ކެއްކި ދުވަސް ހަނދާން ނެތި މާގިނަ ދުވަސް ވެފައި ހުރި ކާ އެއްޗެތި ކެއުމުން ދުރުހެލި ވެވޭނެ އެވެ.