ކާނާ

ޕާސްލީ: ސަމާލުކަން ކުޑަ ފައިދާ ގިނަ ފަތެއް

ޕާސްލީ އަކީ ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ ފަތެކެވެ. ރާއްޖޭގައި އާންމުކޮށް ހައްދާ ނޫޅުނަސް މިފަތަކީ ބޭރުން ގިނަ އަދަދަކަށް ރާއްޖެ އެތެރެ ކުރާ އެހާމެ ފައިދާ ހުރި ފެހި ފަތެކެވެ.

ގިނަފަހަރަށް އަހަރެމެންނަށް ޕާސްލީ އަކީ ތައްޔާރީ ކެއުމެއް ރީތިކޮށްލަން ބޭނުންކުރާ ފަތެއްހެން ހީވެ މާބޮޑު ފިކުރެއް މިފަތާ ދޭތެރޭ ނުހުރެ އެވެ. ނަމަވެސް މިފަތުން ލިބިދެވޭ ފައިދާ ތަކުގެ ތެރޭގައި އާދަޔާއި ހިލާފް ސިއްހަތަށް ފައިދާހުރި ކަންކަން ހިމެނެ އެވެ. އެގޮތުން އުރަމަތީގެ ކެންސަރުން ދިފާއުކޮށްދިނުމާއި އިންފެކްޝަނަކުން އަތުވެދާނެ ދުޅަވުންތަކުން ރައްކާތެރިކޮށްދިނުން ހިމެނެ އެވެ. ސަބަބަކީ ޕާސްލީގައި އެކުލެވޭ އެންޓިއޮކްސިޑަންޓްސްގެ ތެރޭގައި ވިޓަމިން ސީ ވިޓަމިން އީ އަދި ވިޓަމިން އޭ އަކީ އެފަދަ ދުޅަވުންތައް ހުއްޓުވާ މާއްދާތައް ކަމުގައިވުމެވެ.

ޕާސްލީ ފަތަކީ ހަންގަނޑު ތާޒާކޮށް ބެހެއްޓުމާއި ރޫތައް އެރުން ދުރުވުމާއި ރާއްޖެބަލި ފަދަ ބަލިތަކާއި ހުޅުތައް ދުޅަވުމާއި ތަދު އިހުސާސްވުންތަކުން ވެސް ރައްކާތެރިކަން ލިބިދޭ ފެހިފަތެކެވެ. އަދި ކެންސަރު ފަދަ ބަލިތަކާއި ނާރުތަކުގެ ބާރުދަށްވެ ދިމާވާ އަލްޒެއިމާ ނުވަތަ ޕާކިންސަން ފަދަ ބަލިތަކުންވެސް ޕާސްލީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ރައްކާތެރިކަން ލިބިދެ އެވެ.

ޕާސްލީން ލިބިދޭ އިތުރު ފައިދާތަކުގެ ތެރޭގައި ކަށިތައް ވަރުގަދަކޮށްދިނުމާއި ހަޖަމުގެ ނިޒާމު ރަނގަޅުވުމާއި އަނގައިގެ ސާފްކަން ދަމަހައްޓައިދިނުމާއި ބްލެޑާ އިންފެކްޝަންތަކުން ދުރުކޮށް ހިތުގެ ބަލިތަކުން ދިފާއުކޮށްދީ ލޮލަށް ތާޒާކަން ގެނެސްދިނުން ހިމެނެ އެވެ.

މީގެ އިތުރުން މަސް ފަދަ ތަކެތި ގްރިލް ކުރާ އިރު އެއިގެ މައްޗަށް ޕާސްލީ ކޮޅެއް ވިއްސާލާފައި ބެހެއްޓުމުން މަސްތައް ފިހެވިގެންދާއިރު އަދައިގެން ބައެއްފަހަރު ދިއުމުން މަސްކޮޅުގައި ހުންނަ ކާބަންތަކުން ކެންސަރަށް މަގުފަހިކުރާ މާއްދާތައް ނައްތާލަދޭތީ އެކަމަށްވެސް ޕާސްލީ އަކީ ހައްލެކެވެ.

ދުޅަހެޔޮ ސިއްހަތަކަށް ޕާސްލީ އަކީ ލުއި ކެއުމެއްގައި އެކަށީގެންވާ މިންވަރަކަށް ބޭނުން ކުރަން އެންމެ ރަނގަޅު ފެހިފަތެކެވެ.