ކާނާ

އާފަލު: ބަރުދަން ހިފެހެއްޓުމަށް ރަނގަޅު މޭވާއެއް

އާފަލަކީ އެންމެ އާންމުކޮށް އެންމެ ފަސޭހައިން ލިބޭ އެއް މޭވާ އެވެ. ރާއްޖޭގައި ނުހެއްދިޔަސް ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މި މޭވާ ގަންނަން ލިބެން ހުރެ އެވެ.

އާފަލަކީ ކެއުމުގެ ތަފާތު ވައްތަރުތައް ތައްޔާރުކުރުމުގައި އެތައް ގޮތަކަށް ބޭނުން ކުރެވޭ މޭވާ އެކެވެ. އެޕަލް ޕައި އިން ފެށިގެން ގޮސް އެޕަލް ޖޫސް އަށެވެ. ހަމަ އެހެންމެ އާފަލަކީ ހުހަށް ކާންވެސް ދެވަނަ އެއް ނެތް ފަދަ މޭވާ އެކެވެ.

މި މީރު މަޑު ފޮނި ރަހައެއް ދޭ މޭވާ އަކީ ހަށިގަނޑަށް އެންމެ ފައިދާ ހުރި އެއް މޭވާ އެވެ. އެހެންކަމުން އާފަލު މަޝްހޫރުވެފައިވަނީ ސިއްހަތު ރައްކާތެރިކޮށް ބެހެއްޓުމައި އެންމެ މޮޅު މޭވާގެ ގޮތުގަ އެވެ. އެގޮތުން ދުވާލަކު އާފަލެއް ކައިފިނަމަ ޑޮކްޓަރާ ދުރުގައި ހުރެވޭނެ ކަމަށް ނުވަތަ ޑޮކްޓަރަށް ދައްކަންޖެހުން މަދުވާނެ ކަމަށް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކިޔައި އުޅެއެވެ.

އާފަލުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ވިޓަމިންސާއި މިނަރަލްސް އަދި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް ހިމެނެ އެވެ. އަދި ހަމަ ގިނަ މިންވަރަކަށް ފައިބާ އެކުލެވެ އެވެ.

އާފަލުން ހަށިގަނޑަށް ލިބިދޭ ފައިދާ ތަކުގެ ތެރޭގައި ހަކަތަ ލިބުމާއި، ކޮލެސްޓްރޯލް އަދި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމާއި، ހަޖަމުގެ ބައި ރަނގަޅުވުމާއި އަދި ދިފާއީ ނިޒާމު ވަރުގަދަވުން ހިމެނެ އެވެ. މީގެއިތުރުންވެސް ހަކުރުބަލީގެ ފަރާތްތަކަށް ރަނގަޅު ލުއި ކާނާއަކަށްވާއިރު ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިކޮށްދިނުމާއި ހަށިގަނޑުގެ ބަރުދަން ހެޔޮވަރު ވަރެއްގައި ހިފެހެއްޓުމަށް އެހީވެދެ އެވެ.

ކޮންމެ ދުވަހަކުވެސް އާފަލެއް ކެއުމަށް އާދަކުރުމުން ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިކޮށްދޭނެ ކަމީ މުޖައްރިބު ކަމެކެވެ.