ވާހަކަ

ކަރުނައިގެ އަގު

0%
0%
0%

( 7 އެޕްރީލް 2025 އާ ގުޅޭ )

"އަހަރެން ބޭރުތެރޭން ކަމެއްކުރިއްޔާ ކުރާނީ ރަހާއާ ހެދި. މިގޭ ހަތަރުފާރު ތެރޭގައި މައިތިރިވެގެން ނުހުރެވިގެން ތިއުޅެނީ ކިހިނެއްވެގެން. އެކަނިވަނީތަ؟. މަށަށް ތި އެކަނިވުން ފިލައިދޭން ރަނގަޅަށް އެނގޭ. ހީކުރަނީ ނުކުރޭނެކަމައްތަ؟. ތި ހަށިގަނޑުގައި އެހެން މީހަކު އިނގިލިކުރި ޖައްސާލިޔަސް ބިރުގަންނާނެ ވަރު މިފަހަރު އަހަރެން ކުރާނަން. އެހެންމީހަކަށް ބޭނުންނުވާވަރު ކޮށްލާނަން." ވާކިފްގެ ރުޅި ކޮންޓްރޯލުން ނެއްޓީ އެވެ. ރަހާގެ އަތުގައި ހިފާ ދަމަމުން އޭނާ ގޮވައިގެން ވާކިފް ކޮޓަރިއަށް ވަދެ ދޮރުޖެހީ އެހާމެ ބާރަށެވެ. ބަލިކަށިވެފައިވި ހަށިގަނޑުގައި އެއްވެސް ވަރެއްނެތުމުން ވާކިފްގެ ވަކިތަކުގައި ރަހާ ގައިދުވީ ނުހަނު ފަސޭހައިންނެވެ.

* * * * *

ކޮޓަރިތެރޭގައި ހަރުލާފައި ހުރީ ރަހާގެ ރުއިމާއި ގިސްލުމުގެ އަޑެވެ. އެ އަޑާއިއެކުވެ އޭނާ ދޭތެރެއަކުން ކެއްސައިގަނެވެ. ބާލީސް މައްޗާއި އެނދުގެ ތަންމަތީން ބައެއްގައި ލޭ ހޭކިފައިވެ އެވެ. ރަހާގެ ތުންފަތް ހިސާބަކަށް ނޫފައިގަނެ ތިރީތުންފަތުން ބައެއް ފަޅައިގެން ގޮސްފައިވާއިރު އޭނާގެ ނޭފަތް ކައިރީ ވަނީ ލޭހިކިފަ އެވެ. ބަނޑުގައި ދެ އަތް ވަށާލައިގެން މީހާ އޮތީ ކުރުގެޅިގެންނެވެ. އޭނާގެ ހަށިގަނޑުގައި ވޭން ނާޅާ އެންމެ ތަންފުކެއް ވެސް ނުވާ ކަހަލަ އެވެ. އެނދުގެ މަގަތުގައި އިށީނދެގެން ވާކިފް އިނެވެ. އައިސްފައި ހުރި ގަދަ ރުޅި ފިލައިގޮސް މިހާރު އޭނާ އިނީ ފުން ވިސްނުމެއްގަ އެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި އޭނާ ކޮޅަށް ތެދުވި އެވެ. ރަހާގެ ރުއިމުގެ އަޑު ވެސް އޭރު މެދުކެނޑިއްޖެ އެވެ. ވާކިފް އެނބުރި އެނދުގައި އޮތް ރަހާއަށް ބަލާލި އެވެ.

"ރަހާ... ތީ ކޮން ލެޔެއް؟." އެނދުމަތިން ލޭ ކުލަ ފެންނަން ހުރުމުން ވާކިފް ސިހުނެވެ. އެއާއެކު ރަހާ އެނބުރިލީ އަނެއްފަރާތަށެވެ. ވާކިފްއަށް ފުރަގަސްދިނީ އެވެ. ހާސްވެފައި ނިކަން ހަލުވިކޮށް ވާކިފް އަތުވެއްޖެ އެވެ. އެނދުގެ ފައިލާކޮޅުން ވަށާލާފައި އައިސް ރަހާގެ ކުރިމައްޗަށް އޭނާ ހުއްޓުނެވެ. އޭނާއަށް އެނގިގެން ރަހާގެ ގައިން ލޭ އޮހެރެންޖެހޭ ވަރު ކަމެއް ނުކުރެ އެވެ.

"ވަޓްސް ރޯންގް؟. ކީއްވެ އަންނަ ލެޔެއް؟. ދައްކަބަލަ." ވާކިފް މިހެންބުނެ ރަހާގެ ގައިމަތިން ރަޖާ ނެގި އެވެ. އެއާއެކު ރަހާ ކުކުރާލީ އެވެ. އިތުރަށް ކުރުގެޅިލަމުން ވަރަށް ފިނިވަނީ ކަމުގައި އޭނާ ބުނެލީ ނިކަން ބަލި އަޑަކުންނެވެ.

"ރަހާއަށް ކިހިނެއްތަ ތިވަނީ... ހިނގާ ހޮސްޕިޓަލަށް." ރަޖާ އަލުން ރަނގަޅުކޮށްދެއްމުން ވާކިފް ބުންޏެވެ.

"ނުދާނަން." ދެ ލޯ މަރާލަމުން ރަޖާގައި ހިފައި މުޅި ހަށިގަނޑު ފޮރުވަމުން ރަހާ ބުންޏެވެ. ވާކިފް ކަންބޮޑުވި އެވެ. އޭނާ އަވަހަށް އައިސް އެނދުއަރިމަތީ ހުރި ކަބަޑުގެ މަތިން ފޯނު ނެގި އެވެ. އޭނާ ފޯނުން ނަންބަރެއް ހޯދާލުމާއެކު ގުޅައިފި އެވެ.

"ހެލޯ. ސައިމަން. ހޮސްޕިޓަލްގަތަ؟. އެހެންވިއްޔާ ނިކަން އަވަހަށް މިކޮޅަށް ޖައްސާލަބަލަ. މެޑްކިޓް ހިފައިގެން އަންނާތި. އާން. ވަރަށް އާޖަންޓްކޮށް." ފޯނުން ވާކިފް މިހެންބުނެ ކޯލު ކުރުކޮށްލައިފި އެވެ. އޭނާ ދެން ހަލުވި ފިޔަވަޅުގައި ވަނީ ފާޚާނާއަށެވެ. ކުޑަ ތުވާލިކޮޅެއް ހޫނު ފެނުން ތެތްމާލައިގެން ނުކުމެ ރަހާގެ ގާތަށް އެނދާ ކައިރިވެލި އެވެ.

"ސައިމަން އެ އަންނަނީ. ސާފުކޮށްލާނަން ދައްކާ." އެނދު ކައިރީ ކުޑަކަކޫ ޖަހާލައި ރަހާއާ ގާތްވެލަމުން ވާކިފް ބުންޏެވެ.

މޫނާ ކައިރިކޮށްލައިގެން އޮތް ދެ އަތްތިލަ ރަހާ ދުރުކޮށްލި އެވެ. އެއާއެކު ވާކިފްގެ އަތުގައި އޮތް ކުޑަ ތުވާލިކޮޅުން ރަހާގެ މޫނުމަތިން ލޭގެ އަސަރު ފާޅުވާން ހުރި ދިމާތައް ސާފުކޮށްދޭން ފެށީ ނުހަނު ބަލައިގެން މަޑުމަޑުންނެވެ. "ސްޕޮންޖް ބާތް" އެއް ދޭ ފަދައިން ރަހާގެ ހަށިގަނޑު ވެސް ވާކިފް ސާފުކޮށްދިނެވެ. ރަހާގެ ތުންފަތާއި އޭނާގެ ހަށިގަނޑުގެ އެކި ދިމާގައި ރަތްވެފައިވާ ތަންތަން ފެނި ވާކިފްއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ކުށްވެރިކަމުގެ އިޙްސާސް ކުރެވިގެންނެވެ. ރުޅި އައިސްފައި ހުރިވަރުން އޭނާއަށް އަމިއްލަ ބާރާމެދު ވިސްނާނުލެވުނީ އެވެ. ހިމޭންކަމުގައި އިނދެ ރަހާ ސާފުކޮށްދިނުމަށްފަހު އަލަމާރިން ރަހާ ހެނދުނުގެ ވަގުތުގައި ގޭތެރޭގައި ލައިގެން އުޅޭ ކަހަލަ ސެޓިންފޮތީގެ އަތްދިގު ގަމީހާއި ހަރުވާޅާއެކު ހުރި ނިދާ ހެދުމެއް ނަގައި ލައްވައިފި އެވެ. ވާކިފްގެ އަތްދަނޑިމައްޗަށް ރަހާ އުފުލާލައިގެން އެނދުން ނަގައިގެން ގެނެސް ކޮޓަރީގެ އެއްކަނެއްގައި ހުރި "ރޮކިން ޗެއަރ"ގައި ބޭންދީ ވެސް ނުހަނު އޯގާތެރިކަމާއެކު އެވެ. ގޮނޑި މައްޗަށް އެއްލާފައި އޮތް ބްލޭންކޭޓުން ރަހާގެ ހަށިގަނޑު އަވަސް އަވަހަށް ނިވާކޮށްލަ ދީފައި ވާކިފް އައީ އެނދުގެ ތަންމަތި ބަދަލުކޮށްލާށެވެ. އެކަން އޭނާ ކޮށްފައި ރަހާ ނަގައިގަނެގެން ގެނެސް އެނދުގައި ބާއްވާލައިފި އެވެ. އަދި ވާކިފް ވެސް އެނދަށް އަރައި އޭނާގެ އަތުގެ ތެރެއަށް ރަހާ ގެނެސް ގާތްކޮށްލައި ރަހާގެ ނިތްކުރީގައި ބޮސްދިނެވެ.

"އިޓްސް ގޮއިން ޓު ބީ އޯލްރައިޓް. އިރުކޮޅެއްގެ ތެރޭ ސައިމަން އަންނާނެ. ރަހާ ނިދާލެވޭތޯ ބަލާ. އަހަރެން ގޮވާލާނަން އޭނާ އައީމަ." މަޑުމަޑުން ވާކިފް ބުންޏެވެ.

"މާޒީގެ އެ ދުވަސްތަކުގެ ތެރެއަށް އަލުން ދެވޭނެނަމަ އަހަރެން ބޭނުމީ އެންމެ ފުރަތަމަ އަހަރެމެން ބައްދަލުވީ އިރަށް ދާން. ސްކޫލުގެ އެންމެ ފަހު ދުވަސްތަކަށް. ރައްޓެހިވެގެން އުޅެފައި މެރީ ކޮށްގެން ހޭދަވީ ފުރަތަމަ ތިން އަހަރުގެ ދުވަސްތައް. އޭރު އަހަރެން ދުށް ވާކިފް ހޯދަން ބޭނުމީ. އަބަދުވެސް އޭނާގެ ރައްޓެހިން ގިނަ. އެންމެންގެހެން ސަމާލުކަން ވާކިފް އޭރުވެސް އައީ ހޯދަމުން. އެކަމަކު އެ އެންމެންގެ ސަމާލުކަން ލިބޭއިރު ވެސް ވާކިފްގެ ސަމާލުކަން ދެމުން އައީ އަހަރެންނަށް... ހަމައެކަނި އަހަރެންނަށް. ވާކިފްގެ ލޮލަށް އަހަރެންނޫން އެއްވެސް މީހަކު އޭރު ނުފެނޭ. ވާކިފްގެ ޠަބީޢަތުގައި ހުންނަކަމެއްކަން އެނގޭ ރުންކުރުކަމާއި ކެތްތެރިކަން ކުޑަވުމަކީ. އެކަމަކު ދުވަހަކުވެސް އަހަރެންނާ ރުޅިއައިސްގެ ހުރެ ކުރިމަތިލާފައެއްނެތް. އަހަރެންގެ ކައިރީ ރުޅީގެ އަޅަކަށްވެ ވާކިފްއަށް ހެދޭ ނުހެދޭ ނޭނގޭ ހިސާބަށް ޢަމަލުތައް ގެންގޮސްފައެއް ވެސް ނުވޭ... ލޯބި ހުށަހެޅި ހިސާބުން އަހަރެން އެ ލޯބި ބަލައިގަތީ އުފަލުން. އުމުރުން 19 އަހަރުގައި ވާކިފްއާ ކައިވެނި ކުރާން ނިންމީ އަމިއްލަ ޢާއިލާ ދޫކޮށްލާފައި. މީހަކަށްވަންދެން އަހަރެން ބަލައި ބޮޑުކުރީ މަންމަ. ބައްޕަގެ ލޯތްބަކީ ކޮބާކަމެއް ނޭނގޭ. ބައްޕައަކީ ހަމައެކަނި ކޯޓުން ކަނޑައަޅާފައި އޮންނަ ވަރަށް ކޮންމެ މަހަކު މަންމަގެ އެކައުންޓަށް ޚަރަދު ފޮނުވާ މީހާ. އަހަރެން އެ މަންމަ ވެސް ދޫކޮށްލީ. މަންމަގެ ބަހަށްވުރެ ވާކިފުގެ ލޯބި އިސްކުރީ... އެ ހުރިހާކަމެއްކުރީ ވާކިފްއަށް ނުހަނު ބޮޑު އިތުބާރެއްކޮށްފައި. މުސްތަޤްބަލާ ކުރިމަތިލީ އެތައް ހުވަފެންތަކަކާއި އުއްމީދުތަކަކާއެކު. ހިތަށް އެރީ ވާކިފް އަހަރެންނާއެކީ ހުރެއްޖެނަމަ އަހަރެންނަށް ކުރިމަތި ނުލެވޭނެކަމެއް އިރާދަކުރެއްވިއްޔާ ދިމައެއްނުވާނެ. ވާކިފްގެ ލޯބީގައިވަނީ އެފަދަ ބާރެއް. މިއަދު އެ މަންމައެއް ވެސް ނެތް... އަހަރެންގެ ހުރިހާ ވެސް މީހަކީ ވާކިފް. އަހަރެން ޤަބޫލުކުރިން އެކަކު ނެތަސް އަހަރެންނަށް ވާކިފް ފުދެއޭ. އަހަރެންގެ މުޅި އުމުރު ވޭތިކުރާނެ މީހަކީ ތީ އޭ... ދުވަހަކުވެސް ވާކިފްއާ ވަކިވުމެއްނުވެޔޭ. ވަކިވާންޖެހިއްޖެނަމަ އަހަރެމެން ވަކިކުރާނޭ އެއްޗަކަށްވާނީ މަރޭ. އެހާވެސް ޔަޤީންކަން ވާކިފްގެ މައްޗަށް އޮތް. އަނެއްކާ ވާކިފް އަހަރެންނާ މެދު ކަންތައް ކުރަމުން އައީ އެހާ ރަނގަޅަށް، އެހާ ލޯބިން. އަހަރެން އަނބުރައިގަނެގެން ވެއްޓުނު ދުވަސް ވަރަށް ހަނދާންވޭ... އެ ދުވަހު ވާކިފް މީޓިން ދޫކޮށްލާފައި އަހަރެންނަށް ޓަކައި ގެއަށް އައީ. ފުރަތަމަ ފަހަރަށް އަހަރެމެންގެ ކުންފުނި ހުޅުވިފަހުން ލިބުނު ބޮޑު ކްލައިންޓް ގެއްލުނީ އެ ދުވަހު. އެކަމަކު ވާކިފަށް އެއަށްވުރެ މުހިންމުވީ އަހަރެން... އަހަރެންގެ ދުޅަހެޔޮކަން... އޭރު އަހަރެންނާއެކީ ހުރި ވާކިފަށް ވީ ކިހިނެއްތަ؟. މީހާ ވަކިނުވާވަރަށް އޭނާގެ ޠަބީޢަތާއި އުޅުން ބަދަލުވާން ޖެހުނީ ކީއްވެބާއޭ ހިތަށް އަރާ. ކިރިޔާ ވަގުތެއްވާއިރަށް އަހަރެންނާއެކީ ވަގުތު ހޭދަކުރާން ލޯބިކުރި ފިރިމީހާއަށް މިހާރު އޮފީހުން ގެއަށް އާދެވެނީ ނިދަން ކަހަލަ ގޮތަކަށް. ގުޅާ ހާލުބަލައި ލޯބީގެ މެސެޖުތައް ކުރުން މަދުވަމުން ގޮސް މުޅީން އެކަން ހުއްޓިއްޖެ. ބައެއް ރޭ ރޭ އެހާ ލަހުން ގެއަށް އަންނައިރު ވާކިފްގެ ގައިން އަންހެން ސެންޓުގެ ވަސް ދުވާ. އަހަރެންގެ އަމިއްލަ ނަފްސާ މިހާރު ސުވާލުކުރެވޭ... ހިތަށް އަރާ ވާކިފް އަހަރެންދެކެ އަދިވެސް ލޯބިވޭބާއޭ. އަހަރެންގެ ސިފައަށް ބަދަލުތަކެއް އަންނަން ފެށުމުން ފޫހިވީ ބާއޭ. ނޫނީ ބޭރުތެރޭން އެ ލިބޭ ކާއެއްޗިއްސާ އެއްވަރަށް އެ ރަހަތައް އަހަރެން ކައްކާ އެއްޗެހީގައި ނުލާތީބާއޭ، އެހެންނުވަންޏާ އަހަރެންގެ ކިބައިން ވާކިފް ބޭނުންވާހެން އެދުންތައް ފުއްދައިނުދެވެނީބާއޭ... އަހަރެން މިއަދު މިވަނީ ވަރަށް ބޭކާރު މީހަކަށްވެފައި. އެހެންވިޔަސް ވާކިފް ތުހުމަތު ކުރަނީ އަހަރެން ފިރިހެނުންނާ ސިއްރު ގުޅުން ބާއްވަނީ ކަމަށް. އެއީ ކިހިނެއްވާނެ ކަމެއް؟. އަހަރެންގެ މުޅި އުމުރު މި ދަނީ ވާކިފްއާއެކީ... ނޭވާ ލިއްޔާ އެ ނެވާ ވެސް އަހަރެން ލަމުން އައީ ވާކިފަށް ޓަކައި. އަބަދުހެން އުޅެވުނީ ލޯބިވާ ފިރިމީހާގެ ދިރިއުޅުން ފަސޭހަކޮށްދިނުމުގައި... އެކަމަކު މިއަދު އެވަރެއް ނުދަނޭ. އިޓްސް ސްޓިލް ނޮޓް އިނަފް..." ރަހާއަށް ރޮވިއްޖެ އެވެ. ހިތުގައިޖެހި މީހާ ފަޅައިގެން ދިޔައީ އެވެ.

"ޝްޝްޝް... ޕްލީޒް ނުރޮއެ. އަހަރެންނަށް ހީކުރެވުނު ގޮތް ގޯހީ. ރަހާ... އަވަހަށް ހުއްޓާލާ." ހިސާބަކަށް ހާސްވެފައި ވާކިފް ވާހަކަދެއްކި އެވެ.

"ވާކިފްއަށް ރަނގަޅަށް އެނގޭނެ އަހަރެން އެންމެ ނަފުރަތު ކުރާ ކަންތައްކަން އަނިޔާ ކުރުމަކީ. އެކަމަކު އެކަން އެނގި ހުރެ އަހަރެންގެ މޫނުގައި ކިތައް ފަހަރަށް ޖަހައިފިން. އަހަރެން ވާކިފްއަށް ތަދުވާވަރުކަމެއް ދުވަހަކުވެސް ކުރީންތަ؟. މިއަދު އަހަރެންނަށް ޔަޤީންވެއްޖެ. ވާކިފް އަހަރެންދެކެ މިހާރު ކުޑަކޮށް ވެސް ލޯތްބެއްނުވޭ. ފުރަތަމަ ފަހަރަށް ވާކިފް އަހަރެންގެ މޫނުގައި ޖެހުމުން އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިނިން. އަހަރެންނަށް ވެސް ގޯސްކޮށް އެއްޗެކޭ ބުނެވުނީކަން. އަހަރެން ކެތްކުރީން. ވާކިފް އަހަރެންނާއެކު ލޯބިކުރުމުގައި ތި ދުލުން އެހެން މީހެއްގެ ނަން ބޭރުވީ އަޑު ވެސް އަހަރެންގެ ކަންފަތަށް އިވުނު. ވާކިފް އެކަން އޮޅުވާލަން އުޅުނުވަރު ވެސް ދުށީން. ދެން ވެސް އަހަރެން ކެތްކުރީން. ވާކިފްދެކެ ލޯބިވާތީ. ދެ މީހުން ވަކިވާން ނޭދޭތީ. އޮފީހުގެ އެކި ޙަފުލާތަކަށް ތަންތަނަށް ފުރައިގެން ގޮސް ވާކިފް އުޅެނީ ކިހިނެއްކަން އަހަރެންނަށް އެނގުނު. އެކަމަށް ވެސް އަހަރެން ކެތްކުރީން. އެންމެފަހުން އަހަރެން ކަސްބީ އަންހެނަކަށް ހަދައި އެ ނުބައި ތުހުމަތު އަހަރެންގެ ބޮލުގައި އެޅުވުމަށްފަހު އަހަރެންނަށް އަނިޔާކޮށް، ގަދަކަމުން އަހަރެންގެ ހަށިގަނޑު ވާކިފް ބޭނުންކުރީމާ... އަހަރެން ކެތްކުރާނަން. އެކަމަކު ވާކިފް ބުނެބަލަ. ލޯތްބާއި ނުލާ ކިހާ ދުވަހަކު އަހަރެން ދިރިހުރެދާނޭ ހީވޭތަ؟."

ރަހާގެ ވާހަކަތަކަށް ވާކިފްއަށް ޖަވާބެއް ދޭން ދަތިވި އެވެ. އެޕާޓްމެންޓްގެ ބެލް އަޅާލި އަޑު އިވުނީ ވެސް ހަމަ އެވަގުތު އެވެ. އެބަ އަންނަން ކަމުގައި ބުނެ ވާކިފް އެނދުން ތެދުވީ އެވެ.

"ހާދަ ގިނައިރެކޭ." އެޕާޓްމެންޓްގެ ދޮރު ހުޅުވާލި ގޮތަށް ދޮރުމަތީ ހުރި ޒުވާނާ ފެނުމާއެކު ވާކިފް ބުނެފި އެވެ.

"މިއަދު މީ އެންމެ ބިޒީކޮށް ދިޔަ ދުވަސް. ތިއްތި ބުނެލާއިރަށް ކުއްލިއަކަށް ހޮސްޕިޓަލުން ނުނިކުމެވޭނެއެއްނު. އެހެންވިޔަސް މިއައީނު... ބުނަން. މިހެން ގެއަށް އަންނަންވީމަ ކޮންސަލްޓޭޝަން ފީ ޑަބަލްވާނެ އިނގޭ." ދޮރުމަތީ ހުރި ސައިމަންގެ އަޑުގައިވީ ސަމާސާ އެވެ.

"ވާހަކަ ގިނަނުކޮށް އަވަހަށް އާދެބަލަ." ވާކިފް ބުންޏެވެ.

"ކިހިނެއްތަވީ؟. ވަރަށް އާޖަންޓްކޮށް އަންނާށޭ ބުނީމަ އަހަރެން ހީކުރީ ތިއްތިއަށް ކަމެއްވީއޭ. ޔޫ ނޯ، އައި ޑޯންޓް ޓްރީޓް ކޮމަން ފްލޫ، އައި ވޯންޓް ބީ އޭބަލް ޓު ޓެލް އިފް އިޓްސް ސަމް ސޯޓް އޮފް ކޮމްޕްލިކޭޓެޑް އިލްނެސް. އިފް އިޓްސް އަ ވޫންޑް ދެން މޭބީ އައި ކެން." ސައިމަން ލައިގެން ހުރި ވިއްސާރަ ކޯޓު ބާލަމުން ވާހަކަދެއްކި އެވެ. އޭނާ އޭތި ދިއްކޮށްލީ ވާކިފްއަށެވެ.

"އަހަރެންނެއްނޫން. ކޮޓަރީގައި ރަހާ އޮންނާނެ." ވިއްސާރަ ކޯޓުގައި ހިފަމުން ވާކިފް ބުންޏެވެ.

ސައިމަންއަކީ ވާކިފްގެ ބޮޑުދައިތަގެ ދަރިއެކެވެ. ޢާއިލާގައި ހަމައެކަނި އޭނާއާ ގުޅުން ބާއްވަމުން އަންނަ ކުއްޖަކީ ސައިމަން އެވެ. އަށާވީސް އަހަރުގެ ސައިމަން މަސައްކަތް ކުރަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

"ދައްތައަށް ކިހިނެއްވީ؟." ސައިމަންއަށް އަހާލެވުނެވެ.

ވާކިފް އެއްޗެއް ނުބުނެ ހިމޭންވެ ހުރުމުން ސައިމަން ހަލުވި ފިޔަވަޅުގައި ގޮސް ވަނީ ރަހާ އޮތް ކޮޓަރިއަށެވެ. ގިނައިރެއްނުވެ ވާކިފް ވެސް އައިސް ކޮޓަރިއަށް ވަދެއްޖެ އެވެ. ރަހާގެ ހާލު ސައިމަން ބެލުމަށްފަހު އޭނާ ކޮޓަރިން ނުކުތީ އެވެ. އެއާއެކު ވާކިފް ވެސް އޭނާގެ ފަހަތުން ނުކުމެއްޖެ އެވެ.

"އަހަރެން ހިތަކަށް ނާރާ ތިއްތިއަކީ އެކަހަލަ މީހެއްކަމަށް. ދައްތަގެ އަނގައިގެ އެތެރެ ވެސް ހުރީ ހަލާކުވެފައި. އަންހެނުންގެ ޑަކްޓަރަކަށް ދައްތަ ދައްކާލުން އެންމެ ރަނގަޅީ. އެވަރަށް އަހަރެންނަކަށް ނުބެލޭނެ ދޯ. ތިއްތިއަށް އެނގޭތަ ދައްތަގެ ކޯގިއުލޮޕަތީ ހުންނަކަން. އެހެންވެ އެހާ ފަސޭހައިން އެ ލޭ އަންނަނީ. ބައެއްފަހަރު ކޮންމެވެސް އެހެން ސަބަބަކާ ގުޅިގެން ވެސް އެގޮތަށްވާން މެދުވެރިވޭ. ދައްތަ ގޮވައިގެން ހޮސްޕިޓަލަށް އަންނަންވީނު. ތިއްތި އެވަރުކުރީ ކޮންކަމަކާ ހެދި؟. ދައްތަ ކީއްކޮށްގެން؟. ޖަނަވާރުން އުޅޭ އުސޫލުން އުޅޭއިރު ދައްތަގެ ހާލު ނުފެނޭތަ؟. ވަޓް އިފް ޝީ ޑައިސް." ރަހާގެ ހާލު ފެނުނު ހިނދުން ފެށިގެން ސައިމަންގެ ޠަބީޢަތް ވަނީ ބަދަލުވެފަ އެވެ. ވާކިފްގެ ޢަމަލުތައް ގޮސްފައިވާ ހިސާބު އޭނާއަށް އެނގުމުންނެވެ.

"އަހަރެން ގަސްދުގައެއްނޫން... ގަސްދުގަ އެކަހަލަ ކަމެއް ނުވެސް ކުރާނެ ދޯ. ކުޑައިރުކޮޅަކަށް އައި ލޮސްޓް އިޓް." ކުށްވެރިއެއް ފަދައިން އިސް ޖަހާލައިގެން ހުރެ ވާކިފަށް ބުނެވުނެވެ.

"ތިއްތި ކައިރިޔަށް އަހަރެން ނަޔަށް ފާއިތުވެގެން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ އަހަރެން ވަރަށް ރަނގަޅަށް ދެނަހުރިން ތިއްތި އުޅެމުންދާ ގޮތް. ބޮލުގައި ޒިންމާއެއް އެޅިފައިނުވާ މިނިވަނެއް އުޅޭހެން ތިއްތި އުޅެމުން ތިދަނީ. މިއަދު މި ފެނުނު މަންޒަރުން އަހަރެންނަށް ނެތް ބުނެވޭކަށް ތިއްތި މިހާރު ދައްތަ ބޭނުންވާހެން. ޔޫ ޑޯންޓް ކެއާ އަބައުޓް ހާ އެނީމޯ. އެންމެ ފަހުން އަހަރެން ދައްތަ ދުށް އިރަށްވުރެ މިހާ ނިކަމެތިވެއްޖެ. ތިއްތި އެއްފަހަރު ވެސް ދައްތައަށް އެވާ ގޮތެއް ބަލާލަން މަސައްކަތް ކޮށްފިންތަ؟. ދައްތަ ގޮވައިގެން ޑަކްޓަރަކަށް ދައްކާލަން ދިޔައިންތަ؟. ވަގުތު ހޯދައިގެން ދައްތައާ ވާހަކަދައްކާލިންތަ؟." ސައިމަން މިހެންބުނެ ދެ ފަރާތަށް ބޯހޫރާލި އެވެ.

"އަހަރެން އެ ދިރިއުޅުން ދޫކޮށްލާނަން. ރަހާއަށް ވަގުތު ދޭން ބޭނުން." ވާކިފް ބުންޏެވެ. އެހެންނަމަވެސް ސައިމަން ބަލަން ހުރީ ވާކިފްގެ ބަހަށް ޔަޤީންނުކުރެވޭ ފަދަ ބެލުމަކުންނެވެ.

"ޕެރެސެޓަމޯލް ހުންނާނެތަ؟. މިވަގުތު ދައްތަގެ ހުމަށް ބޭސްދޭންވީނު. ދައްތައަށް ތެދުވެވޭވަރުވީމާ އާދޭ ގޮވައިގެން ހޮސްޕިޓަލަށް." ސައިމަން ބުންޏެވެ.

"އެއްޗެއް އަދި ނުކައި ރަހާ އެ އޮތީ. ބޭސް ދިނުމުގެ ކުރީން ކޮންމެވެސް އެއްޗެއް ދޭންވާނެއެއްނު. ސްޓަޑީ ތެރޭ ބިއްދޮށް ކެބިނެޓްގައި ރަހާ ބޭސްތައް ބަހައްޓާނީ. އެތަނުން ބޭސް ގުޅައެއް ހިފައިގެން އައިސްބަލަ. އަހަރެން ކޮފީއެއް ތައްޔާރުކޮށްލަ ދޭނަން." ވާކިފް ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ.

ވާކިފްއާއި ރަހާ އުޅޭ ގެއަށް ސައިމަން އައިސް އުޅޭތީ އެ ގޭގެ މާޙައުލު އޭނާއަށް އާތަނަކަށް ނުވެ އެވެ. ސްޓަޑީ ހަދާފައި ހުރި ކޮޓަރިއަށް ސައިމަން އައިސް ވަނެވެ. އަނދިރިކަން ވެރިވެފައި އޮތް ކޮޓަރީގެ ބޮކި ދިއްލާލާފައި އޭނާ ކައިރިވެލީ ވާކިފް ބުނި ކެބިނެޓްގެ ކައިރިއަށެވެ. ދޮރުފަތް ހުޅުވާލުމާއެކު ބޭސްތަށް އަޅާފައި ހުރި ފޮށި ނިކަން ފަސޭހައިން ސައިމަންއަށް ފެނިއްޖެ އެވެ. އެ ފޮށި ނެގުމުގެ ތެރެއިން ސައިމަންގެ ލޮލުގައި އަޅައިގަތީ އެ ވަތްގަނޑުގެ ބިއްދޮށުގައި ހުރި ބޭސްފުޅި ތަކާއި ބޭސްކާޑުތަކެވެ. އެހާ ބައިވަރު ބޭސް ކަނީ ކާކުބާއޭ ސައިމަން ސުވާލު އުފެދުނީ އެވެ. އޭނާ އެ ބޭސްތައް ނަގައި ބަލަންފެށި އެވެ. ކޮންކަމަކަށް ނަގާ ބޭސްތަކެއްކަން ކުއްލިއަކަށް ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ. ވާކިފް ގޮވާލި އަޑު ވެސް އިވުނީ އެވަގުތެވެ.

"ފަހުން އެކޮޅަށް ގޮސް ބަލާލާނީ." ސައިމަންގެ ހިތަށް އެރި އެވެ. އޭނާ ނެގި ބޭސްތައް ބަހައްޓާފައި އަވަހަށް ބޭސްފޮށި ހިފައިގެން ސްޓަޑީއިން ނުކުމެގެން އައެވެ.

ބަދިގެއަށް އައިސް ސައިމަން ވަނެވެ. ކާމޭޒުމަތީ ހޫނު އާވިއަރައަރާ ހުރި ކޮފީޖޯޑު ވާކިފް އޭނާއަށް ދައްކާލި އެވެ. އޭރު ބަދިގޭގައި ވަނީ ބިސްގަނޑާއި ކޮފީގެ ވަސް ހިފާލާފަ އެވެ. ސައިމަން އައިސް ކާމޭޒު ދޮށުގައި އިށީނެވެ.

"ދައްތަގެ އަނގައިގަ ތެރޭ ކޮންމެވެސް ފާރު ހުރީމަ ކާން އުނދަގޫވާނެ. އަހަރެން ލިޔެދޭނަން ބޭހެއް. އަނގައިގެ އެތެރޭގައި އެ ބޭސް އުނގުޅާނީ. ދައްތަގެ ހުންމަޑު ނުވިޔަސް ތެދުވެވޭވަރުވީމާ ތިއްތި ވާނެ ދައްތަ ގޮވައިގެން ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލަށް އަންނަން. ދައްތަގެ ކޮންޑިޝަން އެހާ ރަނގަޅެއްނޫން. ޓެސްޓްތައް ހަދައިގެން ނޫނީ ޔަޤީންކޮށް އެއްވެސް އެއްޗެކޭ ބުނާކަށް ނޭނގޭނެ. ޕްލީޒް ތިއްތި. އިތުރަށް ފަރުވާކުޑަނުކުރާތި... ދެން އަދި އެއްވާހަކަ އަހާލަންތަ!؟... ތިއްތި އެއްވެސް ކަމަކަށް ބޭސް ނަގަމުންތަ ތިދަނީ؟. ކެބިނެޓް ތެރޭގައި ހުރި ބޭސްތައް ފެނިގެން މި އަހާލީ." ސައިމަން ވާހަކަދެއްކި އެވެ.
"އަހަރެންގެ އެއްނޫން. ރަހާއަށް އެނގޭނީ... އޭނާ ކައިރީ އަހާލާނަން." ވާކިފް ބުންޏެވެ.

(ނުނިމޭ)

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910