ވާހަކަ

އާރިޔާ

"ރިލެކްސޭޝަން" އަކީ ހިމަ ގޯޅިއަކުން ވަދެވެން ހުރި ގެސްޓް ހައުސްއެކެވެ. އެތަނަށް ޝަހުބާން ވަންނަން އައީ ތަނުގެ ހަޤީޤަތް ކޮންމެވެސް ވަރަކަށް އެނގި ހުރެއެވެ. އެހެންނަމަވެސް އަރާފައި ހުރި ޖޯޝާ ފޯރީގައި ރަޙުމަތްތެރިންނަށް ގޮންޖަހާލަން ބޭނުން ވެގެންނެވެ. ތަފާތު ރަހައެއް ބަލާލުމަކީ އޭނާއަށް ވެސް ވެދާނެ ކަމެއްކަން އަންގާލުމަށެވެ.
ރިލެކްސޭޝަން ގެސްޓުހައުސްގެ ވާހަކަ ޝަހުބާނާއި އޭނާގެ ރަޙުމަތްތެރިންގެ މެދުގައި ދެކެވުނީ އެތަނުން ލިބުނު އާދަޔާ ޚިލާފު ޚިދުމަތުގެ ސަބަބުންނެވެ. ބޭރަށް ފެންނަނީ އާދައިގެ، މީހުން މަޑުކޮށްލުމަށް ހަދާފައި ހުރި އިމާރާތެއްގެ ސިފައިގައެވެ. އެތަނުގައި ހުސްކޮޓަރިތައް ބައިވަރެވެ. އެހެން ނަމަވެސް ދަންވަރަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެފައި އަގުވެސް އެހާ މައްޗެވެ. މިބުނާ ޚިދުމަތުގެ ތަޖުރިބާ ޝަހުބާން ނޫނީ އޭނާއާއެކު އުޅޭ ހުރިހާ ރަޙުމަތްތެރިންހެން ލިބިގަނެފި އެވެ. މިރޭ މީ ޝަހުބާންގެ ރެއެވެ. ރަޙުމަތްތެރިން ބުންޏަސް އޭނާއަކީ އާންމުކޮށް ހުއްދަ ނޫން ކަންކަމަށް އަރައިގަންނަ މީހެއް ނޫނެވެ. ނަމަވެސް އެމީހުން ގޮންޖަހާލުމުން އޭނާއަށް ކެރޭނޭކަން ދައްކަން އެބަޖެހެއެވެ.

ދެކޮޅު ބަލާލުމަށްފަހު އިމާރާތުގެ މައިދޮރުން އެތެރެއަށް ޝަހުބާން ދެމިގަތް ގޮތުން ވެސް އޭނާ އެއުޅެނީ ސިއްރު ކަމެއް ކުރަންކަން މީހުންނަށް އެނގޭހާ ވެއެވެ. އޭރު އޭނާގެ ރަޙުމަތްތެރިން ބޭރުގައި ބަލަން ތިއްބެވެ. ޝަހުބާން ވަދެގެން އައިގޮތަށް ރިސެޕްޝަން ކައުންޓަރުގައި އިން އަންހެން ކުއްޖާއަށް ހިނިތުންވެލި އެވެ.

"އަހުސިންގެ ނަމުގައި ކޮޓަރިއެއް ބުކްކޮށްފައި އޮންނާނެ، ގުޅާލިތާ އަދި ނުވާނެ ގިނައިރެއް" ޝަހުބާނަށް މިހިސާބަށް ބުނެވުނު ތަނާ ކައުންޓަރުގައި އިން އަންހެންކުއްޖާ ފަރި ގޮތަކަށް ހިނިތުންވެލާފައި ވާހަކަ ދައްކަން ފެށި އެވެ. ހީވީ އޭނާގެ އިންތިޒާރުގައި އެކުއްޖާ އިންހެނެވެ. އޭނާ އެތަނަށް އައީ އޭނާގެ އަސްލު ނަމުގައި ތަން ހިފައިގެންނެއް ނޫނެވެ. އެއީވެސް ރަޙުމަތްތެރިން ދިން ޚިޔާލެކެވެ.

ކުރިމަތީ އިން އަންހެންކުއްޖާ ފެނިފައި ޝަހުބާންގެ "ރީތި" ކުދިންގެ ލިސްޓަށް އޭނާ ވެސް ހިމަނާލި އެވެ. ކޮށްފައިހުރި މޭކަޕާ ތޫނު ކަޅިރަވައެއް ލިބިފައިވާ ކުއްޖެކެވެ. އެފަދަ ރީތި ކުއްޖަކު މިކަހަލަ ގެސްޓުހައުސް އެއްގެ ކައުންޓަރުދޮށުގައި އިނީތީ ޝަހުބާން ކުޑަކޮށް ހައިރާން ވިއެވެ. ނަމަވެސް ސުވާލެއް ކުރުމެއްނެތި އެ އަންހެންކުއްޖާ ދިއްކޮށްލި ތަޅުދަނޑީގައި އޭނާ ހިފި އެވެ. އަދި "ކޫލް" ވެލުމުގެ ގޮތުން އޭނާއަށް އެއްލޯ މަރާލާފައި އެތަނަށް އައިސް ހުއްޓުނު ބިދޭސީއާއެކު ޝަހުބާނަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއަށް ދިޔައެވެ.

ދޮރުހުޅުވާލާފައި ޝަހުބާން ކޮޓަރިއަށް ވަނުމުން ކުރެވުނީ ވަރަށް ތަފާތު އިހުސާސެކެވެ. ޝަހުބާން ހީކުރި ވަރަށް ވުރެ ކޮޓަރީގެ ފެންވަރު ރަނގަޅީ އެވެ. ސާފުތާހިރުކަން ވެސް ފާހަގަ ކުރެވުނެވެ. އެ ކޮޓަރިއަށް ވަންއިރު ކުރިމައްޗަށް ވާގޮތަށް ހުރި ފަރުދާ ޝަހުބާން ހިއްލާލި އެވެ. ކުޑަދޮރެއް ހުޅުވާލާ ތާޒާވައި ވައްދާލުމުގެ ނިޔަތުގަ އެވެ. އެހެން ނަމަވެސް ހިއްލާލި ފަރުދާއިން ޝަހުބާނަށް ކުޑަދޮރެއް ނުފެނުނެވެ.

"ކުޑަދޮރެއްނެތް އިރު މީ ކީއްކުރަން އެލުވާފައި ހުރި ކާޓެއިންނެއް" ހިއްލާލި ފަރުދާ ދޫކޮށްލަމުން ޝަހުބާން ބުނެލި އެވެ.
ލިބުނު ހައިރާން ކަމާއެކު ޝަހުބާން އައިސް އެތަނުގައި ހުރި އެނދުގައި އިށީނެވެ. އަދި ފުރަގަހަށް ދެއަތްވިއްދާލައިގެން އިރުކޮޅަކު އިނުމަށްފަހު ގޮދަޑީގެ މަޑުކަމުން އެނދުގައި ދެ ތިންފަހަރަށް ތެޅިލި އެވެ. އެހިނދު އިސްފިރީނު ގޮދަޑި އަޑިއަށްވަދެފައި މައްޗަށް އެރި ގޮތުން ޝަހުބާންގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުމާއެކު ޖީބުގައި އޮތް ފޯނު ނަގާ ބޭރުގައި ތިބި ރަޙުމަތްތެރިންގެ ތެރެއިން ޝާފީއަށް ގުޅިއެވެ.

"ކަލޯ، މިތާ އެނދުތައް ހާދަ ފައްކަލޭ ދޯ، އެކަމަކު މިތަން ޑެކަރޭޓުކޮށްފައި މިހިރީ އަނދިރި ގޮލައެއްކަން ނޭނގެ" ޝަހުބާން ހިނިގަނޑެއް ޖަހާލާފައި އެ ކޮޓަރީގައި ކުޑަދޮރެއްނެތި އަޅުވާފައި ހުރި ފަރުދާގެ ވާހަކަ ބުންޏެވެ. އޭނާއަށް އެތަނުގެ ތެރޭ ދެން ކަންތައްކުރާނޭ ގޮތް ފަހަރަކު ރަޙުމަތްތެރިއެއް ޝާފީގެ ފޯނުން ކިޔައިދެމުން ދިޔައެވެ. މުޅި ރޭ އެ އިމާރާތުގެ ބޭރުގައި ތިބޭކަށް ޝަހުބާންގެ ރަޙުމަތްތެރިން ބޭނުމެއް ނުވިއެވެ. އެމީހުން ވެސް ކޮންމެ މީހަކަށް ކޮޓަރިއެއް ހޯދައިގެން އެ ގެސްޓުހައުސްއަށް ވަދެއްޖެ އެވެ. ހެނދުނުން އެންމެން އެކުގައި އެތަނުން ނުކުތުމަށް އެއްބަސް ކިޔާފަ އެވެ.
ކޮޓަރީގައި ފޯނުން ގޭމްކުޅެން އޮވެފައި ފޫހިވެގެން ޝަހުބާން ގަޑި ބަލާލި އެވެ. އޭރު ދަންވަރު ދޭއްޖަހަނީ އެވެ. އޭނާގެ އެކުވެރިން ބުނިގަޑި ފަހަނައަޅާ ހިނގައްޖެ އެވެ. އެކަމަކު ވެސް ވާގޮތެއް ބަލާލުމަށް ކޮޓަރީގައި ހުރި ފޯނުން ރިސެޕްޝަންއަށް ގުޅާލިއެވެ.

"ހެލޯ، ރޫމް ވަން އޯ ފޯއަށް މިގަޑީގައި ޚިދުމަދް ދެވިދާނެތޯ ބަލާލުމަށް މި ގުޅާލީ" ޝަހުބާނު އޭނާގެ ރަޙުމަތްތެރިން އިރުޝާދު ދީފައިވާ ގޮތަކަށް ބަސްތައް އަމުނާލި އެވެ. އެއާއެކު ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ކުއްޖާ އެދުނީ ކައުންޓަރަށް އައިސް ޚިދުމަތް ލިބިގަތުމަށް ދައްކަން ޖެހޭ ފައިސާގެ އެއްބައި އެތާނގައި ބެހެއްޓުމަށް ފަހު ފައިސާގެ ރަސީދުކޮޅު ނެގުމަށެވެ. ޝަހުބާން ޖެހިލުންވެފައި ހުރެ ވެސް ރިސެޕްޝަނަށް ދިޔަ އެވެ.

"ފައްސަތޭކަ" ކައުންޓަރުގައި އިން އެއްކަލަ އަންހެން ކުއްޖާ ޝަހުބާނަށް ހިނިތުންވެލަމުން ބުނެލި އެވެ. އެހިނިތުންވުމުގައި ލާނެތް ގޮތެއް އެކުލެވިފައިވާހެން ޝަހުބާނަށް ހީވި އެވެ. އޭނާ ކުރަން އުޅޭކަންތައް އެއަންހެންކުއްޖާއަށް އެނގެނީ ކަންވެސް ނޭނގެއެވެ. އެތަނުގައި އިންނަންޏާ އެތަނުން ފޯރުކޮށްދޭ ޚިދުމަތެއް އޭނާއަށް ނޭނގިއެއް ނުދާނެތާ އެވެ.

"ފައިވް މިނިޓްސް ތެރޭ ޚިދުމަތް ކޮޓަރިއާ ހަމައަށް ފޯރުކޮށްދެވޭނެ" އަންހެން ކުއްޖާ މިހެން ބުނެ ދިއްކޮށްލި ފައިސާގެ ރަސީދު ހިފައިގެން ޝަހުބާން ބެލީ އަވަހަށް އެތަނުން ދުރަށް ދެވޭތޯ އެވެ. އޭނާ އައިސް އިމާރާތުގެ ލިފްޓަށް އެރީ ފަސް ބަލަމުން ކަހަލަ ގޮތަކަށެވެ. އެ ގަޑީގައި އޭނާގެ ފަހަތުން މީހަކު އާދޭ ތޯ ބަލަމުންނެވެ.

ކޮޓަރީގައި އޮންނަތާ ފަސްމިނެޓު ނުވެއެވެ. ޝަހުބާނުގެ ކަންފަތުގައި ދޮރުގައި ޓަކިދޭ އަޑު ޖެހުމާއެކު ތެދުވެގެން އައިސް ދޮރު ހުޅުވާލި އެވެ. އެހިނދު އޭނާގެ އަނގަހުޅުވިގެން ދިޔައީ ކަތުރުކަށިގަނޑު ކުއްލިއަކަށް ނެއްޓުހެންނެވެ. އޭނާގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާގެ ރީތިކަމަށް ތަޢުރީފު ކުރަން ފަށާނީ ކިހިނެއް ކޮން ހިސާބަކުން ކަމެއް އޭނާއަށް ނޭނގުނެވެ. އެހާވެސް ފުރިހަމައެވެ. މީހުންނަށް ސިހުރު ޖައްސާ ފަދަ ބަލާލުމެކެވެ.

ލައިގެން ހުރި ޓޮޕާއި ޖީންސުގައި ފެންނަނީ ކިތަންމެ އާދައިގެކޮށް ނަމަވެސް އެއީ އާދައިގެ ސީދާސާދާ އަންހެންކުއްޖެއް ނޫންކަން ޝަހުބާނަށް އެނގެ އެވެ. އެއްފަރާތަކަށް ޝަހުބާނު ޖެހިލުމާއެކު އޭނާގެ އެއްވެސް ހުއްދައެއް ހޯދުމެއްނެތި އެކޮޓަރިއަށް އެއަންހެންކުއްޖާ ވަނެވެ. އަދި ކޮޓަރީގެ ދޮރުލައްޕާލާފައި ޝަހުބާން އެތެރެއަށް އަންނަންދެން އޭނާ މަޑުކޮށްލައިގެން ހުއްޓެވެ. ޝަހުބާން އައިސް ހުއްޓުނީ ކޮޓަރީގެ މެދުގަ އެވެ. އެ އަންހެންކުއްޖާ އިސްވެ ޝަހުބާންގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. ބަހެއްވެސް ބުނެނުލާ އޭނާ ޝަހުބާނުގެ ޓީޝާޓުގައި ހިފާ މައްޗަށް އަރުވާލަމުން ގައިގޯޅިގޮތަކަށް އުޅެން ފެށި އެވެ. ކިތަންމެ ކެރޭ ކަމަކަށް ހެދިގެން ހުއްޓެއްކަމަކު ޝަހުބާނު ފިނި ވާގޮތް ވިއެވެ. އެވަގުތު އެއަންހެންކުއްޖާގެ ކުރިމަތީ ހުރީ ކޮންމެ މީހެއް ވިޔަސް އެމީހެއްގެ ހިތްނިޔަތް ބަދަލުވާހާ އެއަންހެންކުއްޖާ ރީއްޗެވެ. އެހެންނަމަވެސް ޝަހުބާނު އެއަންހެންކުއްޖާގެ ދެ އަތުގައި ހިފެހެއްޓި އެވެ.

"އިހަށް ވާހަކަ ދައްކާލަން މިތާ ތިބެލަންވީނު" ޝަހުބާނު މިހެންބުނުމާއެކު އެއަންހެންކުއްޖާ ދެ ކޮނޑުއަރާވާލައިފައި އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ހަރަކާތްތަކުން ޝަހުބާނަކީ އަލަށް އޭނާއަށް ފެނުނު މީހަކަށްވާތީ އެ ދެމެދުގައި ހުންނަންޖެހޭނެކަމަށް ޝަހުބާނު ޤަބޫލުކުރާ ޖެހިލުންވުމާ ދުރުކަމެއް ނެތެވެ. ދެ ބުމައަރުވާލަމުން ފުން ނޭވާއެއްލާފައި ޝަހުބާނު އައިސް އެނދުގައި އިށީނެވެ.

"ކަލޭ ބޭނުންވަނީ ފުލްޕެކޭޖުކަމުގައި ބުނި، ދެން ލަސް ކުރަނީ ކީއްވެ؟" އެނދުގައި ކުރުއަތްމައްޗަށް އޮތް ފަތްމިންޏެއްހާ ރީތި ކުއްޖާ ޝަހުބާނަށް ބުންޏެވެ. އެއަޑުގައި ވަރެއްނެތްކަން ޝަހުބާނަށް ފާހަގަ ކުރެވުނެވެ.

"އަހަރެން ފައިސާ ދެއްކުމުން އޭގެ މާނައަކީ އަހަރެން ބޭނުންވާ ގޮތަށް ހުރިހާކަމެއް ވާންޖެހޭނެއޭ. އަހަރެން ބޭނުންވަނީ މިހެން ވާހަކަދައްކާލަން އިރުކޮޅަކު ތިބެލަން" ޝަހުބާން ބުނެލި އެވެ. އެ އަންހެން ކުއްޖާ ދެން އުޅުނީ އޭނާ ލައިގެން ހުރި އެއްޗެހި ހަށިގަނޑާ ވަކިކުރާށެވެ. ޝަހުބާން އަވަސް އަވަހަށް އެކަން ހުއްޓުވި އެވެ. އެހިނދު އެއަންހެންކުއްޖާ ޝަހުބާނަށް މުހާތަބުކުރީ ބާޒާރުމަތީގައި ގެންގުޅޭ ބަހުރުވައަކުންނެވެ. ހައިރާންވެފައި ފާޑަކަށް ހިނިއައިސްފައި ޝަހުބާނަށް އިނދެވުނީ އެވެ.

"ކީއްވެތަ ތިހާ އަވަސްއަރުވާލަން ބޭނުން ވަނީ، އަދި ނަމެއްވެސް ނުބުނަމެންނު" ޝަހުބާނު އެދެމެދުގައި ވާހަކައެއް ފެށޭތޯ އުޅުނެވެ.

"މިރޭ އަހަރެންގެ ފުރަތަމަ ކަސްޓަމަރޭ ތީ، އަހަރެން ވެސް މިހިރީ ވަރަށް ބޭނުންވެފައި، އަދި މިރޭ އެންމެ ރުފިޔާއެއް ވެސް ނުލިބޭ... ކަލޭ ކީއްވެތަ ސުވާލު ތިކުރަނީ، އަނެއްކާ ކަލޭތީ ޕޮލިހެއްތަ؟" އަނގަ ހުތުރުވީމާ އަންހެންކުއްޖެއްގެ ފަރާތުން އެއަޑުތައް އަހަން އުނދަގޫވީ ނަމަވެސް ޝަހުބާނަށް ކުރެވުނީ މުޅިން އާ ތަޖުރިބާއެކެވެ.

"ޕޮލިހުން މިތަނަށް އާދޭތަ؟ އެކަމަކު އަހަންނަކީ ޕޮލިހެއްނޫން، ދެން ނަން ބުނެބަލަ؟" ޝަހުބާނު އަނެއްކާވެސް އެއަންހެންކުއްޖާގެ ނަން އޮޅުންފިލުވަން އުޅުނެވެ. މިފަހަރު އޭނާ ވާހަކަ ދެއްކީ ޝަހުބާނަށް ހީނލާފަ އެވެ.
"ކަލޭތީ ފުރަތަމަ މީހާ އަހަރެންގެ ނަން އެނގެން ބޭނުންވި، ދެން އެނގެއެންނު ކޮންމެ މީހަކު ވެސް ބޭނުންވަނީ ކޮންކަމެއްކަން ދޯ، އަހަނަށް ކިޔަނީ އާރިއާ!" އެއަންހެން ކުއްޖާގެ ހަރަކާތްތައް ހުރިގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ގޮތް ހުރިހެން ވެސް ޝަހުބާނަށް ހީވި އެވެ. އެކަމަކު އެކަމާ ސުވާލު ކުރާކަށް އޭނާ ނުވިސްނަ އެވެ.

"ހަމަ އާރިއާތަ ކިޔަނީ؟ އާރިއާއަށް އެނގޭތަ، އަހަންނަށް އާރިއާ ވަރަށް ރީތި، އަހަރެން ކޮންމެ ވާހަކައެއް ދެއްކިޔަސް ރުޅި ނާންނައްޗޭ އިނގޭ" ޝަހުބާނުގެ ވާހަކަތައް ހުރިގޮތުން އާރިއާއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. މީގެ ކުރިން ދުވަހަކުވެސް މީހަކު އޭނާއާ ރީތިކޮށް ވާހަކަ ދައްކަން މަސައްކަތެއް ނުކުރެއެވެ. ކޮންމެ މީހަކު ވެސް އަންނަނީ އަމިއްލަ އެދުމަކައިގެންނެވެ. ޝަހުބާންއަށް ތަފާތު ނަޒަރަކުން ބަލާލުމަށް އާރިއާ ހިތަށް އެރި ނަމަވެސް އެހާ ފަސޭހައިން ފިރިހެނުންނަށް އިތުބާރެއް ނުކުރެވޭނެ އެވެ. ޝަހުބާނަކީ އާންމުކޮށް އޭނާ އެބައެއްގެ ގާތަށް ދާ ކަސްޓަމަރުންނަށްވުރެ އުމުރުގެ ގޮތުން ޒުވާން ފިރިހެނެއްކަން އާރިއަށް ފާހަގަ ކުރެވުނެވެ.

"އަހަރެން ވަރަށް އާވާނެ މިކަހަލަ ތަންތަނަށް، އަސްލު މިއައީ ރައްޓެހިންނާ ހެދި، އެމީހުން ވެސް ވެއްޖެ މިތަނުން ކޮޓަރިއެއްގައި، އަހަރެން މިރޭ އާރިއާ ގެނައެއްކަމަކު، އާރިއާ ދޭ ތި ޚިދުމަތެއް ބޭނުމެއް ނޫން، އަހަރެންގެ އަމިއްލަ ރޫލްސް ތަކަކާ އުސޫލުތަކެއް ހުރޭ، ސްޓޭންޑަޑެއް އޮންނަންވާނެތާ ދޯ، އާރިއާ ވަރަށް ރީތި، އަހަންނަށް މިހާރު ހީވަނީ މިތަނުގައި ހުތުރު ކުއްޖެކޭ ބުނާވަރުގެ ކުއްޖަކު ނޫޅޭނޭހެން، ކައުންޓަރުން ފެށިގެން ހުރިހާ ތަނަކަށް ވެސް ތިބޭނީ ފްލައިޓް އެޓެންޑެންޓުންހާ ރީތި ކުދިން ކަންނޭނގެ" ޝަހުބާނު މިހެން ބުނުމުން އާރިއާގެ ކައިރިއަށް ހިނިއައެވެ.

"އަހަރެން ރީއްޗޭ ތިވަރަށް ބުނާއިރު އަހަންނާ ގާތްވާން ނުކެރިގެން ތިއުޅެނީ އަހަންނަކީ ޕްރޮސްޓިޓިއުޓެއްވީމަ ދޯ، އެކަމަކު އަހަންނަކީ ކްލީން އަންހެން ކުއްޖެއް، އެހެން ނަމަވެސް ތިބުނަންއުޅޭ އެއްޗެއް އަހަންނަށް ވިސްނިއްޖެ، އަހަންނަށް އިތުރަށް ފައިސާ ދޭން ކެރޭނަމަ މިހެން ވާހަކަ ދައްކަން އޮވެދާނަން" އާރިއާ ބުންޏެވެ. ޝަހުބާނު އެކަމާ އެއްބަސްވި އެވެ.

"މިކޮޓަރިން އަހަރެން ނުކުންނާނީ އާރިއާގެ ޚިދުމަތަށް ދައްކަންޖެހޭ ފައިސާގެ އިތުރުން ފައްސަތޭކަ ރުފިޔާ ދީފައި، އަހަންނަށް ފައިސާއަކީ ދަތިއެއްޗެއް ނޫން، މިކަހަލަ ތަނަކަށް ނުވެސް އަންނާނެކަން ނޭނގެ ފައިސާ ނެތް މީހަކު، އެހެންނު، އެކަމަކު ބުނަން، އާރިއާ އެއްބަސްވާން ވާނެ އަހަރެން ސުވާލެއް ކޮށްފިއްޔާ އެ ސުވާލަށް ޖަވާބު ދޭނަން ކަމަށް" ޝަހުބާނު ބުންޏެވެ.

"އޯކޭ" ކީއްވެކަމެއް ނޭނގެ އެވެ. ޝަހުބާނުގެ ވާހަކަތަކަށް އާރިއާއަށް އިތުބާރު ކުރެވެނީ އެވެ.

"އަހަރެން ހިތަށްއަރަނީ މިކަހަލަ ތަނެއްގައި އާރިއާ ކަހަލަ ރީތި ކުދިން މަސައްކަތް ކުރަނީ ކީއްވެބާއޭ، ފައިސާ ގިނައިން ލިބޭތީބާއޭ؟" އެނދުގައި ހަށިގަނޑު ދަމާލަމުން ބޯދޮށަށް ދެއަތްވައްދާލަމުން ޝަހުބާނު ވާހަކަ ދައްކަން ފެށިއެވެ. އޭނާއާ ޖެހިގެން އަނެއް ފަރާތުގައި އާރިއާ ވެސް އުއްޑުން އޮށޯވެ ހަމަޖެހިލި އެވެ.

"ފަސޭހައިން އެއްފަހަރާ ގިނަ ފައިސާތަކެއް ލިބޭ މަސައްކަތެއްމީ، ދެން ރަނގަޅަށް ކިޔެވިފަ ވެސް ނުހުންނާތީ މިހެން އުޅެން ޖެހެނީ، އަހަރުމެން ކަހަލަ އަންހެންކުދިންގެ ކިބައިން ގިނަ މީހުން އެދެނީ ހަމައެންމެ ކަމަކަށް، ރީތި ކުއްޖެއްގެ ފަރާތުން އަރާމު ލިބިގަތުމަށް ފައިސާ ޚަރަދުކުރުމަށް ތައްޔާރަށް އެތައް ބަޔަކު މި މާލޭގައި އެބަތިބި، އަހަރުމެން އެމީހުންގެ ހަޤީޤަތް އެންމެނަށް ސިއްރު ކޮށްދެނީ އެމީހުން އަހަރުމެންނަށް ދޭ ފައިސާއިން، ޔަޤީނުން ވެސް އަހަރެން އެހެން ކަންތައް ކުރަނީ ފައިސާއަށްޓަކައި" ކުޑަކޮށް ހީނލާފައި އާރިއާގެ ފަހު ޖުމްލަ އިއްވާލި އެވެ.

"އާރިއާ ބިރެއް ވެސް ނުގަނޭތަ، ލަދެއް ނުގަނޭތަ ކޮންމެ ރެއަކު ފިރިހެނެއް ކައިރީ ހަށިގަނޑުގެ ނިވާކަން ނަގާ އެއްލާލާކަށް، ވަރަށް ކެރޭތީ ތިހެން އުޅެވޭނީ، ކޮންމެ އަންހެންކުއްޖަކަށް މިކަމެއް ނުވާނެ" ޝަހުބާނުގެ އަމާޒަކީ އާރިއާގެ ކިބައިން ވަކިކަމެއް ދެނެގަތުމެއް ނޫނެވެ. އެހެން ނަމަވެސް ރޭގެ ބާކީ އޮތްބައިގައި ކޮންމެވެސް ވާހަކައެއް ދައްކާ ވަގުތު ކުރުކޮށްލުމެވެ. ޝަހުބާނު ހީވެސް ނުކުރާފަދަ ވާހަކައެއް އާރިއާގެ ފަރާތުން އިވުނީ ދެނެވެ.

"އަހަރެން ބިރުގަނެ ލަދުގަތް ދުވަސް ހިނގައްޖެ، މިހާރު ހިތަކަށް އެކައްޗެއް ވެސް ނާރާނެ މި މާލޭގައި އޮރިޔާމުން ހިނގަންޖެހުނަސް" އާރިއާ މިހެން ބުނެލީ ވަރަށް ފަސޭހަ ކަމާއެކު ލުއި ގޮތަކަށް ނަމަވެސް އެބަސްތަކުގައި ހިތްދަތި މާޒީއެއް އެކުވެފައި އޮތްހެން ޝަހުބާނަށް ހީވިއެވެ.

"ކީއްވެ ތިހެން ތިބުނީ، އަނެއްކާ މީ އަހަރެން ކޮށްގެން ނުވާނޭ ސުވާލެއްތަ؟" ޝަހުބާނުގެ އަޑުގައި ހުންނަގޮތް އާރިއާއަށް ވަރަށް ކަމުދިޔަ އެވެ. ދުވަހަކުވެސް ފިރިހެނެއްގެ ފަރާތުން ކުޑަވެސް އިޙުތިރާމު ކުރުމެއް ލިބިފައިނުވާ އާރިއާއަށް ޝަހުބާން ކަމުދިޔައީ އެހެންވެކަމަށް ވެދާނެ އެވެ. ޝަހުބާނު އޭނާއާ ވާހަކަ ދައްކަނީ އޭނާއަކީ އެވަގުތު ޝަހުބާނުގެ ގާތުގައި އޮތް ކަސްބީ އަންހެނަކަށް ވާތީ، އެ އުސޫލުން ނޫންކަން ދައްކާ ވާހަކަތުން އާރިއާއަށް އެނގޭ ކަހަލަ އެވެ.

"މިވީ ބާވީސް އަހަރުތެރޭ އަހަރެންގެ އަމިއްލަ ދިރިއުޅުމާ، އަހަރެން މިހެން އުޅެނީ ކީއްވެތޯ އެހި ފުރަތަމަ މީހަކީ ތީ ކަމަށްވާތީ އަހަރެން ކަލެއަށް މިރޭ ވާހަކައެއް ކިޔައިދީފާނަން، އެވާހަކަ ކިޔައިދީ ނިމުނީމަ އަހަންނާ އެއްވެސް ސުވާލެއް ކޮށްގެން ނުވާނެ، މި ކިޔައިދޭން އުޅޭވާހަކައިން މިރޭގެ ބާކީއޮތްބައި ކުރުވެގެން ވެސް ދާނެ، އަހުސިން ދޯ ކިޔަނީ، އަހުސިންނަށް އެނގޭތަ، ރާއްޖެތެރޭގައި އުޅުނު ބާރައަހަރުގެ އަންހެންކުއްޖެއް، އެކުއްޖާއަށް ކިޔަނީ ޔޫނާ، އޭނާގެ ޢާއިލާގައި ތިބެނީ ދެއަންހެންކުދިންނާއި އެންމެ ފިރިހެންކުއްޖެއް، ދެން އޭނާގެ މަންމަ އާއި ބައްޕަ، މަންމަ ފަރާތު ކާފަ ވެސް އޭރު ދުނިޔޭގައި ހުރި، ގޭގައި އުޅޭއިރު ކާފަ ޔޫނާއަށް ޚާއްޞަ ސަމާލުކަމެއްދޭ، އެންމެން ހީކުރަނީ ގޭގެ ދޮށީ އަންހެންކުއްޖާވީމާ ކާފަ އުޅޭގޮތެއްކަމަށް، އެކަމަކު ޔޫނާއަށް އެސަބަބެއް ޤަބޫލެއް ނުކުރެވޭ، އެއީ ދުވާލުގެ ވަގުތުގައި ގޭގައި މީހުންމަދު އިރުއިރަށް ކާފަ، ޔޫނާ އެ ކޮޓަރިއަށް ގެންގޮސްގެން އުނގުގައި ބައިންދައިގެން ޔޫނާގެ ގައިގާ އަތްލައިގެން ނުވާނޭ ގޮތަށް އަތްލަމުން ދާތީ، އޭރު ވެސް ޔޫނާއަށް އެނގޭ އެއީ އެކަންވެގެންވާނޭ ގޮތެއް ނޫންކަން، އެކަމަކު އޭނާއަށް އެވާހަކަ އެކަކުގާތު ވެސް ދައްކާކަށް ނުކެރުނު، އަނެއްކޮޅުން ކާފަ އަތްލަނީ ޔޫނާގެ ހެދުން މަތިންކަމަށްވާތީ އެކަން އެހާ ބޮޑުކޮށްލަން ޔޫނާ ބޭނުން ނުވީ، މިހެން އުޅެނިކޮށް އެއްދުވަހަކު ހެނދުނުގެ ވަގުތެއްގައި ސައި ބޮއެގެން ކާފަ އާއި މަންމަގެ އިތުރުން ޔޫނާ ވެސް އެމީހުންނާއެކު ވަލަށް ދިޔައީ ދަރުހޮވަން، އެދުވަހު ޔޫނާގެ މަންމަ އެއްފަރާތުގައި ބަހައްޓާފައި ކާފަ، ޔޫނާ ގޮވައިގެން ދުރަށް ހިނގައިގަތީ ކީއްކުރަން ކަމެއް ޔޫނާގެ ސިކުނޑިއަކަށް ނުވިސްނޭ، އެހާ ފަސޭހައިން ކާފައާއެކު ދިޔައީ އެހެންވެ، އެކަމަކު އެނބުރިއައީ މުޅިން ތަފާތު ޔޫނާއެއް، ދުނިޔޭގެ އަނދިރިފަރާތަށް ޔޫނާގެ ލޯހުޅުވުނީ އެދުވަހު، އޭގެ ފަހުގައި ގޭތެރޭގައި ވެސް ޔޫނާއަށް ރައްކާތެރިކަމެއް ނެތް، ކާފަ ހަދާގޮތުން ޔޫނާ ފުރަތަމަ ބިރުގަތް، ޖެހިލުންވި، ލަދުވެސް ގަތް، އެކަމަކު ކާފަ ބުނަމުން ދިޔައީ އެއީ ގޯސްކަމެއް ނޫންކަމުގައި، ތެދެއް، ޔޫނާއަށް ކުރެވޭ އިޙްސާސްތައް ބުނެދޭން ނޭނގުނެއްކަމަކު އޭނާގެ ހަށިގަނޑަށް އޭރަކު ވޭނެއް ނުލިބޭ، އެކަން ބޮޑުވޭނަކަށް ބަދަލުވީ ޔޫނާގެ އުމުރުން މައްޗަށް ދާން ފެށުމުން އެއީ ޢާއިލާ މީހުންނާއެކު އޮވެގެންވާނޭ ގުޅުމެއް ނޫންކަން އެނގޭތީވެ، ކާފަގެ ބޭނުންތަކަށް ނޫނެކޭ ބުނަން ފެށުމުން ފަހުން ގަދަކަމުން ވެސް ޔޫނާއާ ގާތްވާން ފެށީ، އެކަމުން ސަލާމަތްވެވުނީ އެއްދުވަހަކު ޔޫނާއާ ގާތްވާން އުޅެނިކޮށް ކާފަގެ ބަނޑުގައި ފައިންއަޅާ ކޮށްޕާލެވުނު ގޮތަކުން، އެދުވަހު ކާފަ ވެއްޓި މައިބަދައަށް ތަދެއް އެރިގޮތަށް އަބަދު އޮންނަނީ އެނދުގައި، ޔޫނާއަށް ލިބުނު މިނިވަންކަން މާގިނަ ދުވަހަކަށް ދެމިގެނެއް ނުދިޔަ، ދެން ވެސް ޔޫނާވީ ޢާއިލާގެ ޝިކާރައަކަށް، ބޮޑުބޭބެ ޔޫނާ މާލެ ގެނައީ ކިޔަވައިދޭން، ހިފާފައި ހުރި ކޮޓަރީގައި އުޅެނީ ޔޫނާއާ ބޮޑުބޭބެ އެކަނި، އޭރު ޔޫނާގެ އުމުރުން ފަނަރަ ފުރިއްޖެ، ކިޔަވަން އުޅެ ރަނގަޅަށް ކިޔެވުނީއެއްނޫން، އެންމެފަހުން ބޮޑުބޭބެއާ ހަވާލުކޮށްފައި ޔޫނާގެ މައިންބަފައިން އޭނާ މާލެ ފޮނުވީ މާޙައުލު ތަފާތުވީމާ ކިޔަވަން މަސައްކަތްކޮށްފާނެއޭ ބުނެ، އެކަކަށް ވެސް ނޭނގުނީ ބަލި އެނދުގައި އޮތް ކާފައެކޭ ބޮޑުބޭބެގެ ނިޔަތެކޭ ތަފާތެއްނެތްކަން، ކާފައަށްވުރެ ބޮޑުބޭބެގެ އަނިޔާވެރިކަން ބޮޑު، އެންމެފަހުން ޔޫނާއަށް ޖެހުނީ އެގޮތަށް ހޭނެން، އޭނާ ގަދަހެދުން ހުއްޓާލީމާ ހަށިގަނޑަށް އަނިޔާއެއް ނުލިބޭ، އެކަމަކު އެއީ ޔޫނާ ބޭނުންވި ދިރިއުޅުމެއް ނޫން، އެހެންވެ ދެފަހަރެއްގެ މަތިން ޔޫނާ ހުރިގޭން ފިލަން ވެސް ފިލި، އެދެފަހަރު ވެސް ޔޫނާ ގެނެސް ބޮޑުބޭބެއާ ހަވާލުކުރީ ފުލުހުން، އެމީހުން ޔޫނާއާ ސުވާލު ކުރި، އެކަމަކު މައިންބަފައިންނަށް ވާނޭގޮތާ އެމީހުން ހިތަށް އަރާނޭ އެއްޗެއްސާ މެދު ވިސްނާލާފައި ޔޫނާ ހިމޭނުން ހުރީ، އެހެންހުއްޓާ ޔޫނާގެ ހަޔާތަށް ފުރަތަމަ އައި ބައިވެރިއަކީ ވެސް ރަނގަޅު މީހެއް ނޫން، އެހެންވިޔަސް އެވަގުތަށް އެމީހާ ވެސް ޔޫނާއަށް މާރަނގަޅުވި ބޮޑުބޭބެގެ އަނތްބެއްހެން އުޅުމަށްވުރެން، އެހެންވެ ޔޫނާގެ ވަގުތުތައް އަލަށް އޭނާގެ ހަޔާތަށް މިއައި ބައިވެރިޔާއާއިއެކު ހޭދަކުރަން ފެށީ، އެކަން ޔޫނާގެ ބޮޑުބޭބެއަށް އެނގި ގެއިން ނުނިކުތުމަށް އެންގި، އޭރު ޔޫނާ ރައްޓެހިވެގެން އުޅޭ މީހާގެ ސަބަބުން އޭނާ ހުރީ ނޭނގޭ ހިތްވަރެއްލިބިފައި، އެތިކޮޅު ފޮށްޓަށް އަޅާލައިގެން ޔޫނާ އެކޮޓަރިގަނޑުން ނުކުތީ، ރައްޓެހިވެގެން މިއުޅެވެނީ މާލޭގައި މާރާމާރީ ހިންގާ، މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ މީހެއްކަން އެނގުނީ ބޮޑުބޭބެއަށް އޭނާ ވަޅިން ބިރުދައްކާ ޔޫނާ ގޮވައިގެން އޭނާ އުޅޭ ގެއަށް ދިޔަފަހުން، މަންމަމެންނަށް ޚަބަރު ދިޔައީ ޔޫނާ މާލޭގެ ޕާޓޭއަކާ އިންނަން އުޅޭ ކަމުގައި، އެބަސް ޔޫނާ ވެސް ދޮގެއް ނުކުރި، އެނބުރި ޢާއިލާ ގާތަށް ގޮސް އެމީހުންނަށް ދައްކާނީ ކޮން މޫނެއްކަން ނޭނގޭތީވެ، އުމުރުގައި ދުވަހަކު ވެސް ނުލިބޭހާ އަނިޔާ ޔޫނާއަށް ލިބެންފެށީ ދެން، މަސްތުކަމުގައި ތިބެ ޔޫނާ ރައްޓެހިވެގެން އުޅޭ މީހާއާއެކު އެގެއަށް ވަންނަ ހުރިހާ އެންމެން ރަހަބަލާ އެއްޗަކަށް ޔޫނާ ވެގެން ދިޔައީ އޭނާގެ ނުރުހުމުގައި، އެކަމުގެތެރެއަށް ވަދެ މަސްތު ވެވުނީ، އެހާލުގައި ހުންނައިރު ޔޫނާއަށް ލިބޭ ވޭން ކުޑަވާތީ، އެކަމަށް ދެވިހިފުމުން ރައްޓެހިވެގެން އުޅޭ މީހާ ޔޫނާ ދޫކޮށްލީ އޭނާއަށް ދެމީހުން ބޭނުން ކުރާވަރަށް ޕީސްކޮޅު ގަންނަން ނުލިބޭނެޔޭ ކިޔާފައި، ދެން ޔޫނާ އުޅެން ފެށީ އެތަންމިތަނުގައި، އެކިމީހުން ދިނީމަ ކާލައިގެން، ސިއްރުން ކަމެއް ކޮށްލައިގެން ލިބޭ ފައިސާކޮޅުން ޕީސްކޮޅެއް ގަނެލައިގެން، އެހެން އުޅެނިކޮށް ވިޔަފާރިވެރިއެއްގެ ކޮޓަރިއަށް އައުމަށް ޔޫނާއަށް ދަޢުވަތު ލިބުނީ، އޭނާ ހުޅުވަން އުޅޭ ވިޔަފާރީގެ ވާހަކަ ޔޫނާ ގާތު ދައްކަމުން ރަނގަޅު އަގެއް ކަނޑައަޅާ އެތަނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އޭނާ ޔޫނާއަށް ދިން، ފުރަތަމަ ފަހަރަށް ޔޫނާގެ ހަށިގަނޑުގެ އިސްތިޢުމާލުކޮށްގެން އެހާބޮޑު އަދަދެއް ލިބުނީ އޭނާގެ ފަރާތުން، މާލޭގައި ދިރިއުޅެން އުނދަގޫވެފައި ހުރި ޔޫނާއަށް އެއަށްވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނެކަން އެނގޭ، އެހެންވެ އޭނާ އެގޮތުގައި އުޅެންފެށީ، މީހާ މުޅިން ބަދަލުވީ، ޔޫނާގެ ނަން ވެސް އޭނާގެ ދިރިއުޅުމުގެ ވަށްޓަފާޅި ވެސް، މަސްތުވާތަކެތި ބޭނުން ކުރުން މަދުކުރީ ޔޫނާގެ އަމިއްލަ ހިތްވަރުން، އެކަމަކު އެކަން އޭނާއަށް ހުއްޓައެއް ނުލެވުނު، އަހުސިންމެންނަށް ނޭނގުނަސް، ޔޫނާމެން ކަހަލަ އަންހެން ކުދިން މަދެއް ނޫން، އެނގެން ބޭނުންވާ މީހުން މަދީ، ގިނަ ފަހަރަށް ހަޤީޤަތް އެނގުނަސް އެއީ ބޮޑުކަމަކަށް އެކަކުވެސް ނުހަދާ، އަނެއްބައި މީހުން ބަލަނީ ހަޤީޤަތަށް ފުރަގަސްދެވޭތޯ، އެއީ މުޖުތަމަޢުތެރޭ ނުހިނގާ ކަންކަމުގައި ދެކިގެން، ޔޫނާގެ ވާހަކަ މިހސާބުން ނިމުނީ"

ފަންގިފިލާއަށް ބަލަހައްޓައިގެން އޮތް އާރިއާ، ޝަހުބާނަށް ފުރަގަސް ދިނެއްކަމަކު އެ ލޮލުގެ ހިމަކޮޅުން ވެއްޓެން ދިޔަ ކަރުނަތިކި އޭނާއަށް ފެނުނެވެ.

"ޔޫނާއަކީ އާރިއާތަ؟" މަޑުމަޑުން އެނދުން ތެދުވި ޝަހުބާނު އަހާލި އެވެ. އެއާއެކު އާރިއާ ތެދުވެ ޝަހުބާނަށް ބަލާލަމުން އަތުކުރީ އޮތް ގަޑީގައި އިނގިލި ޖައްސާލި އެވެ.

"އަހަރެން ބުނީމެންނު އެއްވެސް ސުވާލެއް ނުކުރައްޗޭ، މިހާރު ވަގުތުވެސް ހަމަވެއްޖެ، ހައެއްޖެހުމުގެ ކުރިން އަހަރެން މި ކޮޓަރިން ނުކުންނަން ޖެހޭނެ، ޤަވާއިދާއި އުސޫލުތަކެއްގެ ވާހަކަ އަހުސިން ވެސް ދެއްކީމެންނު" ލުއި ހިނިތުންވުމަކާއެކު އާރިއާ ދާން ތެދުވި އެވެ. އެ މޫނުން މިހާރު ޝަހުބާނަށް ސިފަވަނީ ކަސްބީއަންހެނެއް ނޫނެވެ. އޭގެ ބަދަލުގައި ޅައުމުރުއްސުރެ އަނިޔާ ލިބެމުން އައި ފުރާނައެކެވެ. އެކަނިމާއެކަނި ދުނިޔޭގެ އަނދިރިކަމުގެ ތެރޭގައި މީހުންގެ ވިހަ ވަކިތަކުން ސަލާމަތްވުމަށް ހަނގުރާމަ ކުރަމުންދާ އަންހެން ކުއްޖެކެވެ. އާރިއާ ޝަހުބާނަށް ޖަވާބެއް ނުދިން ކަމުގައި ވިޔަސް އޭނާއަށް އާރިއާ ކިޔާދިން ވާހަކައިގައި އުޅުނު "ޔޫނާ" އަކީ ޚުދު އާރިއާކަން އެނގިއްޖެ އެވެ. ހިތުގައި އެންމެރެ އެއްގައި ބައްދަލުވި އަންހެންކުއްޖާއަށް ހަމްދަރުދީ އުފެދުނެވެ.

"ކޮންމެވެސް ދުވަހަކުން މިނޫން މަސައްކަތެއް އާރިއާ ކުރާނެކަމަށް އަހަރެން އުއްމީދު ކުރަން، ކޮންމެކަމަކާ ވެސް ކުރިމަތިލެވޭހާ ހިތްވަރުގަދަ އަންހެން ކުއްޖެއް އާރިއާއަކީ" ޝަހުބާނު އޭނާގެ ވޮލެޓުން ނެނގި ފައިސާ އާރިއާގެ އަތުގައި ހިފާލަމުން އެ އަތްތިލައިގެ ތެރެއަށް ލައި ދިނެވެ. އަދި އާރިއާއަށް ވުރެ ކުރިން އޭނާ އެކޮޓަރިން ނުކުތެވެ. އޭނާގެ ނަމަކީ "އަހުސިން" އެއް ނޫންކަން ޝަހުބާނު ހާމައެއް ނުކުރި އެވެ. އާރިއާއަށް ނޭނގޭ ކަމަކީ ޝަހުބާނަކީ ލިޔުންތެރިއެއްކަމެވެ.

އޭނާގެ ފޮތްތައް ބާޒާރުގައި ވަރަށް ގިނަ އެވެ. އެރޭ ޝަހުބާން، އާރިއާއަށް ވަކިވެގެން ދިޔައީ ކޮންމެވެސް ސިފައެއްގައި އާރިއާގެ ވާހަކަ ގިނަ ބައެއްގެ ކަންފަތާ ހަމައަށް ގެނެސްދޭން ނިންމައިގެން ހުރެއެވެ. ކޮންމެ ކަސްބީއަންހެނަކީ އޭނާ އެފަދަ މީހަކަށް ވާންޖެހުނު ކޮންމެވެސް ސަބަބެއް އޮންނާނެ އަންހެނެކެވެ. އާރިއާއަކީ ވެސް އެފަދަ އަންހެން ކުއްޖެކެވެ. ޝަހުބާނަށް އާރިއާ އުޅެމުން އެދާ ދުނިޔޭން ނުނެރެވުނު ކަމުގައި ވިޔަސް އޭނާގެ ހަނދާނުގައި އާރިއާގެ ސޫރަ ކުރެހިގެންދިޔަ އެވެ. އެފަދަ އަންހެން ކުދިންނަށް އެހީތެރިވެވޭނޭ ގޮތެއް އޮތްތޯ އޭނާ ބަލަން ބޭނުންވެއެވެ. -- ނިމުނީ